ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި އިނދެ, ގިސްލާ ރޮމުން އެ ދުވަހުގެ ހަނދާންތައް އާކުރަމުން ދިޔައިރު, އޭނާގެ ދިފާއުއެއްގެ ގޮތުގައި ކުރިއަށް ނެރުނީ, އަމިއްލަ ނަފްސުގެ ދިފާއު އެވެ. ގެވެށި އަނިޔާގެ ޒަމާންވީ, ބިރުވެރި ވަށްބުރުގައި ބަންދުވެ, އޭނާ އުޅެން ޖެހުނު ހާލާއި އޭގެ ސަބަބުން ނަފްސާނީ ގޮތުން ކުރި އަސަރުގެ ދިފާއު އެވެ.
"ނަޒާހާއަށް އެތަކެއް އަހަރު ވަންދެން ގެވެށި އަނިޔާ ތަހަންމަލުކުރަން ޖެހިފައިވުމާއި ނިންމުމެއް ނެތް އެ އަނިޔާގެ ވަށްބުރުން ނުނިކުމެވި ހުރެ އެ ދުވަހު ޝާހިދުގެ އަމަލުތައް ހުރި ގޮތާއި ޝާހިދުގެ ފަރާތުން ލިބިފައިވާ އިންޒާރުތަކަށް ބަލައި ހާދިސާ ހިނގި ދުވަހު ވަށައިގެންވާ ކަންކަމަށް ބަލައި ޝާހިދު ހިންގަފާނެ ބިރުވެރި އަމަލަކަށް ބިރުވެތިވެ ހުރެ އެ ވަގުތު އަމިއްލަ ނަފުސުގެ ރައްކަލަކަށް ކުރެވުނު އަމަލެއް ކަމަށް ބަލަން ޖެހޭ, މިއީ ގާނޫނީ ގޮތުން ބަލަން ޖެހޭނެ ދިފާއުތަކެއް," ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވި އެވެ.
ވަރަށް ޅަ އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުނު ނަޒާހާގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށެވެ. އެކަން ކުރި ކަމަށް ނަޒާހާ ކުރިމިނަލް ކޯޓުގައި ވެސް ހައިކޯޓުގައި ވެސް އިންކާރެއް ނުކުރެ އެވެ.
އެކަމަކު, ޝާޑަށް ހަމަލާ ދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނެފައިވެ އެވެ. ނަމަވެސް, ހައިކޯޓުން ވެސް ނިންމާފައި ވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭ ކަމާއި އެކަމަކު ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާ ކަމަށެވެ.
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.

ކުރިމިނަލް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުގެ ތެރޭ އެވެ. އެހެންވެ, އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި އެވެ.
އެކަމަކު, ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ރިވިއުކޮށް ވަނީ ތާރީހީ ނިންމުމެއްގެ ދަށުން އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ނަޒާހާގެ މައްސަލައަށް ހުއްދަ ދޭން ނިންމާފަ އެވެ. އެ ނިންމުމުގެ ދަށުން މިއަދު ވަނީ މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. މި އަޑުއެހުމުގައި އޮތީ ނަޒާހާގެ ފަރާތުން އިސްތިއުނާފުކުރާ ނުކުތާތައް ޝަރީއަތަށް ހުށަހެޅުމެވެ.
އެގޮތުން, ވަކީލް މަރިޔަމް ނިހާޔަތު މިއަދު ފާހަގަ ކުރެއްވި ގޮތުގައި ޝާޑުގެ ގަޔަށް ވަޅީގެ ހަމަލާއެއް ނަޒާހާ އަމާޒުކުރީ, އޭގެ ވަށައިގެން ވަރަށް ގިނަ ކަންތައްތަކެއް އޮވެ އެވެ. އެއީ, އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމާއި އެކަމުގެ ދިފާއުތައް ވެސް ދަށު ކޯޓުގައި ނަގާފައިވާނެ ކަމެވެ. ނަމަވެސް, ދިމިގްރާތީ މުޖުތަމައުން ބަލައިގެންފައިވާ އެ "ކްރިމިނަލް ޑިފެންސް"ތަކަށް ދަށު ކޯޓާއި ހައިކޯޓުގައި ވެސް ރިއާޔަތްކޮށްފައި ނުވާކަން ނިހާޔަތު ހިތާމާއާއެކު ފާހަގަކުރެއްވި އެވެ.
ނަޒާހާގެ ފަރާތުން ނަގާފައިވާ އެއް ދިފާއުއަކީ ސެލްފް ޑިފެންސްގެ ދިފާއު އެވެ. ނިހާޔަތު ވިދާޅުވި ގޮތުގައި, ޝާޑުގެ ގަޔަށް ވަޅި ޖެހީ ނަޒާހާ ކަމަކަށް އޭނާ އެއްވެސް މަރުހަލާއެއްގައި އިންކާރު ނުކުރާ ކަމަށެވެ. ނަމަވެސް, އެ ހާދިސާ ހިނގި ދުވަހު ޝާޑު ވަނީ އެކި ގޮތްގޮތުން ނަޒާހާއަށް ފޯނުން އިންޒާރު ދީފައި ކަމާއި އަދި ކައިރިއަށް ގޮސް އަނިޔާކުރާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށެވެ. އެ އިންޒާރުތަކުގެ ތެރޭ ޖިންސީ އަނިޔާ އާއި އިއްފަތްތެރިކަން ނަގާލުމުގެ އިންޒާރުތައް ހިމެނެ އެވެ.
އެ ދުވަހު ޝާޑު ނަޒާހާގެ ގެއަށް އައިސް އަޑުގަދަ ކުރަން ފެށުމުން އޭނާއަށް އޮތް ބިރުވެރިކަން ބޮޑުވެގެންދިޔަ ކަމާއި އެ ބިރުވެރިކަމާއި ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުގެ ސަބަބުން އަމިއްލަ ދިފާއުގައި ވަޅި ނަޒާހާއަށް ނެގުނީ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. ނިހާޔަތު ވިދާޅުވި ގޮތުގައި, ނިމުމެއް ނެތް ގެވެށި އަނިޔާގެ ސަބަބުން ނަޒާހާއަށް ނަފްސާނީ ގޮތުން ވެސް ގިނަ އަސަރުތަކެއް ހުރީ ކޮށްފަ އެވެ. އެހެންވެ, ދިފާއުއެއްގެ ގޮތުން "ބެޓާ ވިމެން ސިންޑްރޮމް" ވެސް ނަޒާހާގެ ފަރާތުން ނަގާފައިވެ އެވެ.
މިއީ, އެތައް ޒަމާންވީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން އަންހެނުނަށް ކުރިމަތިވާ ހާލަތެކެވެ. މި ހާލަތް މެދުވެރިގެން ކުރެވޭ އަމަލެއްގެ ސަބަބުން ކުރެވޭ ކުށްތަކުގައި އެ ދިފާއު ބައެއް ގައުމުތަކުގައި ލިބިދެ އެވެ. އެހެންވެ, ނަޒާހާއަށް ވެސް އެ ދިފާއު ލިބެން ޖެހޭކަން ފާހަގަ ކުރައްވަމުން ނިހާޔަތު ވިދާޅުވީ, ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް މައްސަލަތަކެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހަށް ނަޒާހާގެ ފަރާތުން ހުށަހަޅާފައި ވާނެ ކަމަށެވެ. އޭނާއަށް ގެވެށި އަނިޔާ ލިބެމުން ދިޔައީ އެތައް ބަޔަކަށް ފެންނަ ގޮތަކަށް ހާމަކަން ބޮޑު ގޮތެއްގައިކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ނަޒާހާ އާއި އޭނާގެ ވަކީލް މިއަދުގެ އަޑުއެހުމުގައި
އެހެންވީރު, އަމިއްލަ ނަފުސުގެ ދިފާއުއަކީ ނަޒާހާއަށް ލިބިދޭން ޖެހޭ ހައްގެއް ކަމާއި އެގޮތުގެ މަތިން އޭނާއަށް އަދަބު ލުއިވެގެން ދާން ޖެހޭނެ ކަމަށް ވަކީލް ގަބޫލުކުރައްވަ އެވެ. ނަޒާހާ, އޭރު ހުރި ހާލަތަކީ އެތައް ބައެއްގެ ހެކިބަހުންނާއި އޭނާގެ ފަރާތުން މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން ސާބިތުވާނެ ކަންކަން ފާހަގަ ކުރައްވަމުން, ނިހާޔަތު އެދިވަޑައިގެންނެވީ އެންމެ މަތީ ކޯޓުން އެ ކަންކަމަށް ރިއާޔަތްކޮށް ދެއްވުމަށެވެ.
ނަޒާހާގެ މައްޗަށް ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށްފަހު އިއްވި ހުކުމްގައި އަދަބު ކުޑަކުރަން ޖެހޭ ސަބަބުތަކެއް ހުރިކަން ފާހަގަކުރުމަށްފަހު ވެސް އަދަބު ކުޑަކޮށްފައި ނުވާތީ އެކަން ވެސް ވަކީލު ފާހަގަ ކުރެއްވި އެވެ. ވަކީލު ވިދާޅުވި ގޮތުގައި, އަދަބު ލުއިކޮށްދޭން ނަޒާހާގެ ފަރާތުން ހައިކޯޓުގައި ސީދާ އެދިފައިނުވީ ނަމަވެސް, ވަޅި ޖެހި ކަމަށް އެއްބަސްވެ, ގިނަ ކްރިމިނަލް ޑިފެންސްތަކެއް ނެގުމުން ދޭހަވާ ކަމަކީ އަދަބު ލުއިކުރުމަށް އެދުނުކަން ކަމަށެވެ. ނަމަވެސް, ހުކުމް އިއްވުމުގައި އެކަމަށް ހައިކޯޓުން ރިއާޔަތްކުރިކަން ނިހާޔަތު ފާހަގަކުރެއްވި އެވެ.
އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ނިހާޔަތު ދެން މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރެއްވީ, މައްސަލާގައި ހިމެނޭ ފަރާތްތަކުގައި ބަޔާންތަކުގައި ގިނަ ފުށުއެރުންތައް ހުރުމާއި, ސާފު ނުވާ އޮޅުންނުފިލާ ގިނަ ކަންތައްތަކެއް ހުރުމެވެ. އޭގެ ސަބަބުން އެ ދުވަހު ޝާޑުއަށް ހަމަލާ އަމާޒުވުމަށްފަހު ކަން ހިނގި ގޮތާއި އެ ވަގުތު ކަންވީ ގޮތް ސާފުނުވާ ކަމަށެވެ. މަރުގެ މައްސަލައެއްގައި އެފަދަ ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު, އަދި އެކަންކަން ދަށު ކޯޓުގެ ގާޒީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ފާހަގަކުރުމަށްފަހު ވެސް އެއަށް ފިޔަވަޅެއް އަޅާފައި ނެތުމަކީ ގޯހެއްގެ ގޮތުގައި ނިހާޔަތު ފާހަގަ ކުރެއްވި އެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާއެއް ވެސް ނަޒާހާގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް, މިއަދުގެ އަޑުއެހުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު, އަޑުއެހުން ނިންމާލައްވަން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނިންމެވި އެވެ. އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވައި, މި މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު, ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
މި މައްސަލާގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ތާވަލު ކުރައްވާނެކަން, މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ހާމަކުރެއްވި އެވެ.

މައްސަލަ ބައްލަވާ ބެންޗު
ޝަރީއަތުގެ މަޖިލީހުގައި މިއަދު ނަޒާހާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު, ވަކީލު ވާހަކަ ދައްކަވަމުން ދިޔައިރު ޓިޝޫ ނަގައިގެން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާ ފޮހެމުންދިޔަ އެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި ނަޒާހާ ބުނެފައިވާ ގޮތުގައި, އޭނާ ސުޕްރީމް ކޯޓަށް ކުރިން ނައީ ދަރިއަށްޓަކަ އެވެ.
އެ ޝަރީއަތުގައި މަޖިލީހުގައި ނަޒާހާ ބުނި ގޮތުގައި, އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އެކަން މީޑިއާތަކަށް އަރަމުންދާތީ އާއިލާއަށާއި ހާއްސަކޮށް އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތިވެ, ނަފްސާނީ އަސަރުތައް ކުރަމުންދިޔަ ކަމަށެވެ. ސްކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން ދިޔަ ކަމަށް ބުންޏެވެ.
އެހެންވެ, ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އިތުރަށް ދަރިފުޅަށް އެ ވާހަކަތައް އަޑުއަހަން ޖެހޭނެ ގޮތްވުން ނަޒާހާ ބޭނުން ނުވީ އެވެ. އެކަމަކު, ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް އޭނާ މަސައްކަތް ކުރި އެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުގެ މަތިން ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނި ކުރުމަށް ކްލެމެންސީ ބޯޑުން އޮތީ ނިންމާފަ އެވެ.
ނަޒާހާ ބުނި ގޮތުގައި, މިހާރު އޭނާގެ މައްސަލަ ސުޕްރީމް ކޯޓުގައި ގެންދަން ބޭނުންވާ ސަބަބަކީ ދަރިފުޅު ބޮޑުވެފައިވުމާއި ގާނޫނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.
"އަޅުގަނޑު ދަރިފުޅާ ވާހަކަ ދެއްކިން, މިހާރު ވަނީ ފުރާވަރަށް އަޅާފައި, ދަރިފުޅު ބުނި މިހާރު ޓޭކް ކުރެވޭނެ ކަމަށް, ހިތްވަރު ކުރެވޭނެ ކަމަށް," ނަޒާހާ ބުންޏެވެ.
އެހެންވެ, އެ ހިތްވަރާއެކު ކޯޓުގައި އަމިއްލަ ހައްގުގައި މަސައްކަތް ކުރަން އޭނާ ނިންމީ ކަމަށް ނަޒާހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބަޔާން ނަގައި ޝަރީއަތް ހިންގާފައިވަނީ އޭނާ ކުށްވެރި ކުރެވޭ ގޮތަށް އެކަންޏެވެ. އޭނާގެ ހާލަތަށް ބަލައި ނަފްސާނީ ހާލަތު ވެސް ބަލާފައި ނެތް ކަމަށެވެ.
"ގަބޫލު ކުރަމޭ ކުށް ކުރެވިފައޭ އޮތީ, ރިގްރެޓް ކުރަން, އެއީ ބައްޕަ މިއީ މަންމަ, ރަފް ޗައިލްޑްހޫޑެއް ދިޔައީ, އޭގެ ސައިޑް އިފެކްޓްސް އަންނާނެ, ކުޑައިރު ޓްރޯމާތައް އެގޮތުގައި ހުރެފިނަމަ," ނަޒާހާ, އޭނާގެ ހަޔާތުން ސަފުހާއެއް ކިޔައިދޭން މަސައްކަތް ކުރި އެވެ.












