މި ސަރުކާރު ވެރިކަމަށް އައި ފަހުން ހަތަރު އަހަރު ހަމަވާންދާއިރު، އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ހާއްސަކޮށް ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ބޯހިޔާވަހިކަމުގެ މައްސަލައަށް އެއްވެސް މިންވަރެއްގެ ލުޔެއް ހޯދައި ދެވިފައި ނުވުމެވެ.
އެ ފާޑުކިޔުންތައް ބަންޑެލިވަމުން އައިސްފައިވާއިރު، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މިދިޔަ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
އޭގެ ތެރޭގައި މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ކުރިއަށްގެންދާ ފްލެޓު މަޝްރޫއުތައް ހިމެނެ އެވެ. ސަރުކާރުން ވަނީ ހުޅުމާލޭގައި 5،000 އެއްހާ ހައުސިން ޔުނިޓު އެޅުމަށް މަޝްރޫއުތަކެއް އިއުލާނުކޮށް ފައްޓައިފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދަވައިފަ އެވެ.
އަސްލަމް ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑްއާ އެވެ.

އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް 1،400 ހިމެނޭއިރު، މަސައްކަތް ފެށުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ސައިޓް ހަވާލު ކޮށްފައިވީ ނަމަވެސް، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރެވެ.
އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1،400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބިންތައް މިދިޔަ އަހަރު ޑިސެމްބަރުގައި ހަވާލު ކޮށްފައިވާއިރު، އެ މަޝްރޫއު ނިމޭނީ 2024 ވަނަ އަހަރު ކަމަށް ގައި ކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ގޮތަށް ޖުމްލަ 1،042 ފްލްޓުގެ މަޝްރޫއު އެޕޯލޯ ހޯލްޑިންގްސް އާ ވަނީ ހަވާލުކުރެވިފަ އެވެ.
އެ މަޝްރޫއު ނިމޭނެ ސީދާ ތާރީހެއް އަސްލަމް ފޮނުއްވި ޖަވާބުގައި ހިމަނާފައިނުވި ނަމަވެސް، އެ މަސައްކަތް ވެސް ނިމޭނީ 2024 ގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މި ސަރުކާރުގެ ބާކީ އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އޭގެ ތެރެއިން އެއްވެސް ފްލެޓް މަޝްރޫއުއެއް ނުނިމޭނެކަން ހާމަވެފައިވީ ނަމަވެސް، މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ތެރެއިން ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯތި ދޫކުރާނެ ސަރަހައްދު ކަނޑައެޅި، ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނޭ ކަމަށް އަސްލަމް މިއަދު މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ހާޒިރީ
- ހާޒިރުވެވަޑައިގެންނެވި: 27 މެމްބަރުން
- ސަލާމުގައި: 7 މެމްބަރުން
- ރަސްމީ ދަތުރުގައި: 6 މެމްބަރުން
އަސްލަމް ލިޔުމުން ފޮނުއްވި ޖަވާބުގެ އިތުރުން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.
އެ މައްސަލާގައި ޖާބިރު ވިދާޅުވެފައިވަނީ ރަޝިޔާއިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ބޮޑުވަމުން ދިޔުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު ދެނެގަތުމާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވެދާނެ ދަތިތައް ދިރާސާ ކުރުމަށެވެ.
ނަމަވެސް، ޖާބިރު ހުށަހެޅުއްވި މައްސަލަ ވަނީ މަޖިލީހަށް ބަލައިނުގަނެ ބޭރު ކޮށްލައިފަ އެވެ. އެ މައްސަލަ ބަލައިގަންނަން އެންމެ ހަތަރު މެމްބަރު ވޯޓު ދެއްވިއިރު، އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 28 މެމްބަރުން ވޯޓު ދެއްވި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއް ހެދުމުގެ ގަރާރު
މިއަދުގެ ޖަލްސާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ގޮތުގައި އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތްދެވޭނޭ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރު، އިގުތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުނެވެ.
އެ ބަނދަރު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަން ފެންނަ ކަމަށް އިގުތިސޯދީ ކޮމިޓީން ނިންމާފައިވާއިރު، އެ ރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އެ ބަނދަރު އެޅުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް، އިދިކޮޅު ކޯލިޝަނުގެ މެމްބަރުން ވަނީ އެ ބަނދަރަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދަން ނިންމައި މަސައްކަތްތަކެއް ކުރެވުނު މަޝްރޫއުއެއްކަން ފާހަގަކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި އެ މަޝްރޫއުއަށް ހުރަސްއެޅީ އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނެވެ.
އެކަން ކުރީ އިންޑިއާ އަޑީގައި އޮވެގެން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ނޫން ބަޔަކު އެ ބަނދަރަށް އިންވެސްޓުކުރަން ފުރުސަތު އޮންނާނެތީ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި މި ސަރުކާރުން މިހާރު އެ ބަނދަރު ތަރައްގީ ކުރަން ވިސްނަނީ އެތަނުގައި ވެސް އިންޑިއާ ސިފައިން ގާއިމުކުރަން ކަމަށް އެ މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެއާއެކު ނިޒާމީ ނުކުތާތައް ނަންގަވައިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއް އިންޑިއާއާ ގުޅުވައިގެން އިދިކޮޅުން ވާހަކަ ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅައި ގައުމުގައި ފިތުނަ އުފެއްދުގެ ބޭނުމުގައި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި މާބޮޑު ބަހުސެއް ނެތަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ދިޔަ އެވެ. މިގޮތުން، ސަރުކާރުން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމަށް، އެމެރިކާގެ މަޝްހޫރު ގޭޓްވޭ ކުންފުނީގެ ފައުންޑާ ޓެޑް ވެއިޓްގެ އިންސްޓިޓިއުޓަކުން އެހީތެރިވާން ނިންމާފައިވާއިރު، އެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ކްލައިމެޓް ޗޭންޖް ކޮމިޓީއާއި، އަދި އިޖުތިމާއީ ކޮމިޓީގެ މެމްބަރުންނާ މިއަދު ވަނީ ހިއްސާކޮށްފަ އެވެ.
މި ބައްދަލުވުމުގައި މިވަގުތު ރާއްޖޭގައި ހުންނެވި ޓެޑް ވެއިޓް ވެސް ވަނީ ބައިވެރިވެވަޑައިގެން މަޖިލީހާ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
ދުވަހުގެ ފޮޓޯ

"ނޫ ރާއްޖެ" ޕްރޮގްރާމްއާ ގުޅޭގޮތުން ވެއިޓް އިންސްޓިޓިއުޓްގެ ބޭފުޅުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި އިގުތިސޯދީ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ޓެޑް ވެއިޓް މަޖިލީހުގެ ރައީސް ނަޝީދާއެކު ވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް
ދުވަހުގެ ކޯޓޭޝަން
1970ގެ ތެރޭގައި މާލޭ ފަޅުން ގޯތި ދީފައި އެބަހުރި ބާޑީ ދީފަ. އަދި މާލޭގެ އިތުރުން އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި، ހިންނަވަރާއި ތުޅާދޫއާ، މި ރަށްރަށުން ވެސް އެބަހުރޭ ބާޑީ ދީފަ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް އިންތިހާއަށް ލަސްވެގެންދާކަން ދެންމެ މިނިސްޓަރު އެ ވިދާޅުވި، ދެއްވި މައުލޫމާތުން އެބަ ފެނޭ. އެހެންވީމާ، އަޅުގަނޑު އެބަ ހިތަށް ވަދޭ މިނިސްޓަރު ބާޑީ ދެއްވަން ހިޔާލުކުރައްވާތޯ.












