ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މީހުންނަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން އިފްތިތާހުކޮށްފި އެވެ.
އެ ކެމްޕެއިނަކީ 'ވޯލްޑް ރިސައިކްލިން ޑޭ' އާ ގުޅުވައިގެން އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ތައާރަފްކުރާ ކެމްޕެއިނެކެވެ. އެއީ ބާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހީންގެ މެދުގައި އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
އެޗްޑީސީން ބުނީ އިއްޔެ އިފްތިތާހުކުރި އެ ކެމްޕޭން ފެށުމަށް ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު މެންދުރު 02:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ 02:00 ގެ ނިޔަލަށް ކަމަށެވެ.
އެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ރުއްގަނޑު އެކަކާއި ރުއްގަނޑު ދޭއްގެ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި އެޗްޑީސީން ވަނީ ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އެތަކެތި ބަލާ އަންނަ މީހުންނަށް ހަވާލުކުރުމުގެ އިންތިޒާމްވަނީ ހަމަޖެހިފަ އެވެ.
"މި ކެމްޕެއިނުގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެތި އެކަނި. ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި އެ ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އެ އިވެންޓް ތެރެއިން ހިންގުމަކީ މަނާކަމެއް،" އެޗްޑީސީން ބުންޏެވެ.

އަދި އެ ސަރަހައްދަށް ގެންނަ ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް އެ މީހަކު ހަމަޖައްސަންވާނެކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.












