ހުޅުމާލޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން, 59, ގެ މަރުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިއަދުގެ ޝަރީއަތުގައި އެދިއްޖެ އެވެ.
މިއަދު 9:00 ގައި އޮންލައިންކޮށް ކުރިޔަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ، މައްސަލައިގައި ދައުލަތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ ހެކި ހުށަހެޅުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި އެ މައްސަލައިގައި އޭނާ އިއުތިރާފްވެފައިވާ ކަމަށާއި، ގާސިމްގެ މަރަކީ އޭނާގެ އަތުން ގަސްދުގައި ހިނގިކަމެއް ނޫން ކަމަށް ބުނެ، އިއުތިރާފާއި އެއްގޮތަށް މައްސަލަ އަވަހަށް ނިންމައިދިނުމަށް ކޯޓުގައި އެދިފަ އެވެ.
"އެހެންވީމާ އިއްޒަތްތެރި ގާޒީ މިކަމާ ދޭތެރޭ ދެކިލައްވަނީ ކިހިނެތްތޯ؟," އަދުހަމް މިއަދުގެ އަޑުއެހުމުގައި ސުވާލުކުރި އެވެ.
ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މައްސަލަ އަވަހަށް ކުރިޔަށް ގެންދިޔުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ގަސްދު މަރުގެ ދައުވާއެއްކަމުން، އަދުހަމް އިއުތިރާފްވެފައިވީ ނަމަވެސް، ގަސްދުގެ މަރަކަށް އިއުތިރާފްވެފައިނުވާކަން ގާޒީ ފާހަގަކުރެއްވި އެވެ.
މިއަދުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ތިން މީހަކު ހުށަހަޅި އެވެ. އޭގެ ތެރޭގައި ދެ ފުލުސް އޮފިސަރުން ހިމެނެ އެވެ. އެއީ ހާދިސާ ހިނގި ތަނަށް ހާޒިރުވި ދެ ފޮރެންސިކް އޮފިސަރުންނެވެ. އެ ދެ އޮފިސަރުން ވެސް ޝަރީއަތުގައި ބުނީ ގާސިމު މަރުވީ، މީހަކު ގަސްދުގައި ކުރި އަމަލެއްގެ ސަބަބުންކަން ބުނަން ނޭނގޭ ކަމަށެވެ.

ދެން ހެކިބަސް ދިން ހެކިވެރިޔާއަކީ ހާދިސާ ހިނގިއިރު 18 އަހަރު ނުވާ ކުޑަކުއްޖެކެވެ. މިހާރު 18 އަހަރުވެފައިވީ ނަމަވެސް, އޭނާގެ އެދުމުގެ މަތިން ޝަރީއަތުން ވަނީ މީޑިއާއަށް އެނާގެ ހެކިބަސް ސިއްރުކޮށްފަ އެވެ.
މިއަދު ހާޒިރު ކުރި ހެކީގެ އިތުރުން މައްސަލަ ސާބިތު ކުރުމަށް ދައުލަތުން އިތުރު 15 މީހެއްގެ ނަން ހުށަހަޅާފައިވާ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. އެ އެންމެންގެ ހެކިބަސް ވެސް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ނަގައި ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އދ. މާމިގިއްޔަށް އުފަން ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. އަދުހަމް ބުނީ ގާސިމް މަރުވީ އޭނާގެ އަތުން ފޭރެން އުޅެނިކޮށް އޮޅިގެން ކަރަށް ވަޅި ހެރިގެން ކަމަށެވެ. އަދި އެވަގުތު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ވެސް އަދުހަމް ބުނެ އެވެ.













