ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިޒަމް ހަމަލާއަށްފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭން ހައްޔަރު ކުރި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްއަށް ކުރާ ޓެރެރިޒަމްގެ ދައުވާތަކަށް އޭނާ އިންކާރުކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ނާޒިމްއާއެކު ދެ މީހަކު ހައްޔަރު ކުރި އެވެ. އެއީ ދަފްތަރު ނަންބަރު 1326 ހަސަން ޔާސީން އަދި ހުޅުމާލެ ފްލެޓް 07-3-56 މުހައްމަދު ޒޫމާލް ޒަރީރު އެވެ.
އެއް ދައުވާ ފޯމަކުން މައްސަލަ ހުށަހަޅާފައިވާ މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޓެރެރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ނާޒިމްގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ދައުލަތުން އިއްވި އެވެ. އޭނާއަށް ތުހުމަތު ކުރަނީ އިސްލާމީ ހަރުކަށި ފިކުރާއެކު ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ބިރުވެރި ހަމަލާއެއް ރޭވިކަމެވެ. ނަމަވެސް އެ ހަމަލާ ކާމިޔާބުނުވީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެ އެވެ.
އެގޮތުން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ނާޒިމްގެ އެޕާޓްމެންޓް ބަލާފާސްކުރިއިރު، ޕެންޑްރައިވް އެއް ފެނުނު ކަމަށާއި، އޭގައި ޓެރެރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ ވީޑިއޯތަކާއި ލިޔުންތައް ފުލުހުންނަށް ފެނިފައިވާ ކަމަށް ދައުލަތުގެ ދައުވާގައި ފާހަގަކުރި އެވެ. އެހެންވެ ޓެރަރިޒަމް މަނާކުރާ ހާއްސަ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާކަން ދޭހަވާފަދަ ފޮޓޯއެއް، ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ގެންގުޅުނު ކަމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، ކުށުގެ ބޮޑުކުޑަމިނަށް ބަލައި 1-3 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑުގެ ޕެންޑްރައިވްއެއް އެބުނާ ތަނަކު ނޯންނާނެ،" ދައުވާއަށް އިންކާރު ކުރަމުން ނާޒިމް ބުންޏެވެ.
ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ހަތަރު މަސް ދުވަސްފަހުން މިއަދު ބޭއްވި އަޑުއެހުމަށް ވެސް އޭނާ ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އެހެންވެ އޭނާއަށް ކުރާ ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް ގާޒީ ހަސަން ސައީދު ނިންމެވީ ވަކީލެއް އައްޔަންކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ދެވިފައި ވާތީ އެވެ. ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ހާމަކުރުމުގެ ބައި އެހެން ދުވަހަަކަށް ފަސްކުރީ ވަކީލަކު އައްޔަން ކުރަން އިތުރު ތިން ދުވަހުގެ ފުރުސަތެއް ދެމުންނެވެ.
ގާޒީ ވިދާޅުވި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ވަކީލެއް ނުލިބެއްޖެ ނަމަ، މެއި 22 ގައި އޮންނަ އަޑުއެހުން ވެސް ކުރިއަށް ގެންދާނީ ދިފާއީ ވަކީލެއްގެ އެހީއާ ނުލަ އެވެ.
އޮންލައިންކޮށް ޝަރީއަތުގެ މާލަންތައް ގުޅާލައިގެން ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ނާޒިމް ބައިވެރިވީ މާފުށީ ޖަލުންނެވެ. ދައުލަތުގެ ވަކީލުން ބައިވެރިވީ ޕީޖީ އޮފީހުންނެވެ. އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނީ ހަމައެކަނި ނޫސްވެރިންނަށެވެ. ޝަރީއަތް އަޑުއެހުމަށް ނޫސްވެރިން ޖެހުނީ ކޯޓުގެ ޝަރީއަތް ކުރާ މާލަމަށް ހާޒިރުވާށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ކޯޓުން ދިނެވެ.












