ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

(އެއްވަނަ ބަޔާ ގުޅޭ)

ސްކުރީނަށް އަރަމުން ދިޔަ ގަޑިއަށް ރީމާ ބަލައިލި އެވެ. އޭނާގެ ދެ ތުންފަތް ހަރަކާތްކޮށްލި އެވެ.

"ތޫނު އެންމެ ތޫނު އެއްޗަކީ އަދި ބާރުގަދަ އެންމެ ބާރު އަޑަކީ ވެސް، ވިހަ އެންމެ ވިހަގަދަ އެއްޗަކީ..،" ރީމާ ބަލައިލީ ހިމޭންކަމުގެ ރާޅެއް މުގުރައިލައިފައިވާ ކުލާހަށެވެ. "އެ ހުރިހާ ކަމެއް ވެސް ބިނާ ވެގެންދަނީ.."

ވަރުބަލިކަމެއް ނެތި ކުލާހަށް ފިނިކޮށްދެމުން ދިޔަ އޭސީގެ ނޭވާގެ އަޑު ނޫން އަޑެއް ކުލާހުގެ ތެރެއަކުން ނީވެ އެވެ. މުޅި ކުލާހަށް ވަނީ ހިމޭންކަން ވެރިވެފަ އެވެ. އެންމެން އިންތިޒާރު ކުރަމުންދަނީ ރީމާ ދޭނެ ޖަވާބަކަށެވެ. ރީމާއަށް ބަލައިލެވުނީ ސްކުރީނަށެވެ. އޭރު ބާކީ އޮތީ އެންމެ ދިހަ ސިކުންތެވެ. އޭނާ ބަލައިލީ ނޭވާ ހިފަހައްޓައިލައިގެން ހުރި މިސްގެ މޫނަށެވެ. އެ މޫނު މަތިން އެތައް މެސެޖެއް ރީމާއަށް ނެގެމުން ދިޔަ އެވެ. އެތައް މާނައެއް ކުރެވެމުން ދިޔަ އެވެ. ހިތްވަރު ދިނުމެވެ. އޯގާތެރިކަމެވެ. މިސްގެ ތުންފަތް ހަރަކާތްކޮށްލި އެވެ. ރީމާއަށް އެ ހަރަކާތުގެ މާނަ ދެނެގަނެވުނެވެ.

"އެއީ ލަފުޒު،" ރީމާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އެންމެންގެ ނޭވާތައް އެއް ފަހަރާ ބޭރުކޮށްލި އެވެ. ނަޒީހާ ލޮލުން ހަމްދާނަށް އިޝާރާތްކޮށްލި އެވެ. ވަގުތު ހަމަވިކަން އަންގައިދޭށެވެ. ޖަވާބު ދެވުނު އިރު ވަގުތު ހަމަވެއްޖެކަމަށް ބުނެދޭށެވެ. ނަޒީހާގެ އިޝާރާތަށް ހަމުދާނުގެ ހިތް ނަށަށްފެށި އެވެ. ނަޒީހާގެ ތުންފަތުން އަޅައިދިން ފޮޅުވަތުގެ މަތީގަ އެވެ. އޭނާގެ ތުންފަތުން ބޭރުވީ ސީދާ ނަޒީހާގެ ލަފުޒުތަކެވެ.

"ޖަވާބު ފުރިހަމަވިއިރު ވަގުތު ހަމަވެއްޖެ." ހަމްދާން ހިނިތުންވެލި އެވެ.

"ނާއިންސާފު. ކޮބައިތަ ރަނގަޅު ޖަވާބަކީ؟" ކުލާހުގެ ފަހަތު ބަރިން ގޮވާލި އަޑު އިވުނެވެ.

"ރީމާ ޖަވާބުދީ ނިމި ދެ ސިކުންތު ފަހުން ވަގުތު ހަމަވީ. އަޅުގަނޑު އިނީ ވަރަށް ރަނގަޅަށް ބަލަން. އަނެއްކާ ފޯނުން ވީޑިއޯ ވެސް ކުރެވުނު." ރީމާގެ ގާތުގައި އިން ދަރިވަރުން ޖަވާބު ދިނެވެ.

އެއާއެކު އެންމެން ހޯބޯ ލަވައިގަތެވެ. ވީޑިއޯ ސްކުރީނުގައި އެޅުވުމަށެވެ. އެންމެން ޔަގީންކުރާން ބޭނުންވީ އެވެ. ލެކްޗަރާ ވެސް ބޭނުންވީ ކުލާހުގެ ގިނަ ކުދިން ބޭނުންވި ގޮތެވެ. ރީމާއަށް އިންސާފު ހޯދައި ދިނުމުގެ މަގުސަދުގަ އެވެ. ފޯނުންކޮށްފައިވާ ވީޑިއޯ ސްކުރީނުގައި ހިއްސާކުރާންފެށި އެވެ. އެންމެން ތިބީ ސްކުރީނަށް ބަލާށެވެ. ކޮންމެވެސް ވަރަކަށް ވީޑިއޯ ކުލިޕް ތެޅެއެވެ. އެއީ ވީޑިއޯ ކޮށްފައިވާ ގޮތުންނެވެ.

ރީމާ ޖަވާބު ދޭން ފެށުމާއެކު ކެމެރާ ފޯކަސް ކުރެވުނީ ސީދާ ރީމާއާ ދިމާއަށެވެ. އޭނާ ޖަވާބު ފުރިހަމަކުރާން ފެށިފަހުން ވަގުތު އަރަމުން ދިޔަ ތަން ވީޑިއޯ ކުރެވިފައި ނެތެވެ. ހަމްދާން ހީކުރީ އޭނާގެ ބަސް ތެދުވާނެ ކަމަށެވެ. ވީޑިއޯއިން ވަގުތު އަރަމުންދާ މަންޒަރު ނުފެނުނީމަ އެވެ. ނަމަވެސް، ޒަވިޔަނީގެ އަޑާއެކު ކެމެރާ އަމާޒުކޮށްލީ ސްކުރީނަށެވެ. އޭރު ފަހު މިނެޓުގެ ވަގުތުތައް ނިމުމަކަށް އަންނަނީ އެވެ. ބާކީ އޮތީ ދެ ސިކުންތެވެ. ކުލާސްތެރެއަށް ބާނިތައް ވަދެގެން މުޅިތަން ހަލަބޮލިވެގެން ދިޔަ އެވެ.

"ޙައްޤު ނޫން ކަމެއް ނުކުރާނަން،" ރީމާ އިސްޖަހައިގެން ހުރެ ބުނެލި އެވެ. "އަޅުގަނޑު ޖަވާބު ދިނީ އެއްޗަކަށް ނޫން. ކުލާހުގެ މަސައްކަތެއްގެ ގޮތުގައި."

"އެހެންވީމަ ސަޕްރައިޒް ކެންސަލްވާނީތާ ދޯ!" ހަމްދާނު އެއްކަޅި ނަޒީހާއަށް ބަލަމުން ބުނެލި އެވެ.

"އިންސާފަށް ހުޅުވޭ ހުރިހާ ދޮރެއް ބަންދުކުރާނަމަ ދުވަހަކު ވެސް އިންސާފެއް ނުލިބޭނެ. އިންސާފަކީ ވަކި މީހަކަށްވީތީ ފޫޅު ކެނޑެންވީ ކަމެއް ނޫން. ވަކި ނަސްލަކަށް ވީތީ ލިބެން ޖެހޭ އެއްޗެއް ނޫން." ދާރިސާ ބަލައިލީ ސީދާ ހަމްދާނުގެ މޫނަށެވެ.

"އަޅުގަނޑު ދެންނެވީ، ރީމާ ބޭނުން ނުވާ ކަމެއް އަޅުގަނޑުމެން ނުކުރާނަމޭ." ހަމްދާނު ބުނެލި އެވެ.

"ރީމާ ބޭނުން ނުވިޔަސް ދޭން ބުނި އެއްޗެއް ދޭންވާނެ. ކޮބާ ސަޕްރައިޒަކަށް އޮތް ހަދިޔާ... މިސް ބުނެފައެއްނު އޮންނާނީ ސަޕްރައިޒަކަށް އޮންނަ ހަދިޔާ ޖަވާބު އޮންނަ ސްލައިޑުން ފެންނަން އޮންނަންވާނޭ. އެހެން ހަދަން ޖެހުނީ ވެސް ކުދިން ކަންކަން ކުރާ ގޮތުން." ދާރިސާ ލޯތްބާއެކު ބުނެލި އެވެ.

ހަމްދާން މަސައްކަތް ބޭނުންވީ އެހައި ހިސާބުން އެ ސްލައިޑް ނެތްކަމަށް ބަލައިފަ ކުރުކޮށްލާށެވެ.

"ބަލަ 12 ސްލައިޑް އޮތްކަމަށް ތިރިން ފެންނަން ތިއޮތީ. މިހާރު ތި ފެންނަނީ އަދި 9 ވަނަ ސްލައިޑް. މާނައަކީ އަދި އިތުރު ސްލައިޑްތައް ހުންނަންވާނޭ." ދާރިސާ ހުރީ ރީމާއެކުގައިކަން އެ ޖުމުލަތަކުން ކަށަވަރު ކުރެވެ އެވެ.

ހަމްދާން އިސްޖަހައިލި އެވެ. ނަޒީހާ ވެސް އިސްޖަހައިލި އެވެ. އެހައި ހިސާބުން އެ ދެމީހުންގެ ދެމެދުގައި ކުރެވެމުންދިޔަ މުވާސަލާތުގެ ސިގުނަލްތައް ހުއްޓިގެންދިޔަ އެވެ. އެ ގުޅުން ކެނޑިގެންދިޔަ އެވެ.

"ވާވް! މިސް ވަރަށް ޖޭ ވެއްޖެ! ރީމާ، އެންމެ ލަފުޒެއް ބުނެލައިގެން ބޮޑު ލަންޗެއް ލިބުނީއެއްނު. އެވެސް އަދި ހަމްދާނާއެކު." މިސް ހިނިތުންވެލަމުން ބުނެލި އެވެ.

ރީމާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އޭނާ ލަދުން އިސްޖަހައިލި އެވެ.

"ތޭންކްސް މިސް. އަދި ދުވަހަކު ވެސް އަޅުގަނޑުގެ ދިފާއުގައި އެކަކު ވެސް ވާހަކައެއް ނުދައްކާ. މިސް އެކަނި އެގޮތަށް ތި ވާހަކަ ދެއްކީ. އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ. ވަރަށް އުފާވެއްޖެ." މިސްގެ ކެބިންއަށް ވަދެ ސަލާމް ގޮވާލުމަށްފަހު އިހުތިރާމާއެކު ބުނެލި އެވެ.

"މިސްއަށް ވަރަށް ގިނަ މައުލޫމާތު އެނގޭ. މިސް އެބައޮތް ބައެއް ވާހަކަ ދައްކައިލަން ވެސް ވެފަ ރީމާއާ. އެކަމަކު މިސްއަށް މި ވަގުތު އެހެން ކުލާހެއް އޮތީމަ އެބަ ޖެހޭ ދާން."

މިސްއާއެކު ރީމާ ވެސް ކޮޅަށް ތެދުވެލި އެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ކުރަހައިލި އެވެ.

"ރީމާ އަބަދުވެސް ހަނދާންކުރާތި، ކާމިޔާބަކީ ކެރިގެން ހިތްވަރާއެކު ކުރިމަތިލުންކަން. ކާމިޔާބަކީ ހަމައެކަނި ސްޓޭޖު މަތިން ލިބޭ އިނާމެއް ތަށްޓެއް ނޫންކަން. ތިމާ ހުރި ހާލަތުން އެހެން ހާލަތަކަށް ދެވުމަކީ ވެސް ކާމިޔާބެއް. އަދި އެއް ގޮތެއްގައި ސާބިތުވެ ގިނަ ދުވަހު ހުރެވުމަކީ ވެސް ކާމިޔާބެއް. މީހުން އުކާ ބަޅިތަކަށް ނުބަލައި ކުރިއަށް ދިޔުމަކީ ވެސް ކާމިޔާބެއް. މި ހުރީ ހައްތަހާ ވެސް ކާމިޔާބީ މީހުން މާނަކުރާ ގޮތް. މިސް ގަބޫލުކުރަނީ ރީމާ ތިއީ ކާމިޔާބު ކުއްޖެއްކަން. ރީމާއަށް ބޭނުންވަނީ ހިތްވަރު. އޯގާތެރިކަން. ދެން މިސް ގޮސްލަނީ."

ރީމާ ބޭރަށް ނުކުތެވެ. އޭނާއާއެކު ދާނެ މީހަކު ނެތެވެ. އެހެން ކުދިން ކުލާހުން ނުކުންނަނީ ކޯޅިކޯޅީއަށް ކަމުގައި ވީނަމަވެސް، ރީމާއަކަށް އެ ފުރުސަތެއް ނުލިބެ އެވެ. އެ ފުރުސަތު ފައްސެއް ނުވެ އެވެ. އެއީ އެންމެ ކުޑައިރުންސުރެ ރީމާ ހޭނުނު ގޮތެވެ. އެހެންވެ އެއީ މައްސަލައަކަށް ނުވެ އެވެ. މައްސަލައަކަށް ހަދަނީ އެހެން މީހުންނެވެ. ދުރުތިބީންނެވެ. މަންޒަރަށް ވަދެ ވާނުވާ ބޯޑު އަޅުވައިގެން ތިބޭ ފާޑުކިޔުންތެރިންނެވެ.

"އަހަންނަށް ރީމާ ހިތުގައި ޖެހޭ ކަމެއް ކުރެވިފަ ވާނަމަ ސޮރީ. އަސްލު މިއަދު އެނގިއްޖެ ރީމާއަކީ ވަރަށް ޑިސިޕްލިން މީހެއްކަން. ރީމާއަކީ ވަރަށް ކައިންޑް ހާޓެޑް މީހެއްކަން ވެސް،" ރީމާ ކުރިމަތީގައި ހުރި ތަށްޓަށް ފެން އަޅަމުން ހަމްދާން ހިނިތުންވެލި އެވެ. "މައްސަލައަކީ އަހަންނަށް ފޮތުގެ ބޭރުގަނޑަށް ބެލުނުކަން. އަސްލު މުހިއްމީ ބޭރުގަނޑެއްނޫން. އެތެރޭގައި ހުރި މައުލޫމާތާއި ރީތިކަމުގެ ސިފަތައް."

ހަމްދާނުގެ ވާހަކައަށް ރީމާ އެއްޗެކޭ ނުބުނެ އެވެ. އޭނާ ކުރިހާ ވެސް ކަމަކީ ދެ ތުންފަތް ކައިރިކޮށްލުމަށްފަހު ހީނލުމެވެ. ހަމްދާނުގެ މޫނަށް ބަލަން އިނުމެވެ. ހީވާ ކަހަލަ އެވެ. ހަމްދާން އޭނާއާ ދުރަށް، މާ ދުރަށްދާން އުޅޭނީ އެވެ. އެހެންވެ ސީދާ ހަމްދާނުގެ މޫނަށް ކަޅި ހުއްޓައިލައިގެން ރީމާ އިނެވެ. އެކަން ހަމްދާނަށް ވެސް ކަށަވަރު ކުރެވުނެވެ.

"ރީމާ." ހަމްދާނު ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ކައިރިކޮށްލަމުން ޗޮކެއް ކަނޑައިލި އެވެ.

ރީމާ ސިއްސައިގެން ދިޔަ އެވެ. އޭނާއަށް އިނދެވުނީ ކޮން ތަނެއްގައިކަން ރޭކާލީ އެހައި ހިސާބުންނެވެ. އާއެކެވެ. ރީމާއާއި ހަމްދާނު ތިބީ މިއަދު ކުލާހުގައި މަތިވި އަމާނަތް ފުއްދުމަށް ރެސްޓޯރެންޓުގަ އެވެ. ރީމާއާއި ހަމްދާން ފިޔަވާ ކުލާހުގެ އެއްވެސް އިތުރު މީހަކު އެތަނުގައި ނެތެވެ. ނު ވެސް އާދެ އެވެ. ދައުވަތެއް ވެސް ނުދެ އެވެ.

"ބިޓެއް ހުރޭތަ؟" ހަމްދާން އަހައިލި އެވެ.

ރީމާ ބޯ ހޫރައިލި އެވެ. ދެވަނަ ސިކުންތުގައި އޭނާ އާއެކޭ ބުނުމުގެ ގޮތުން ބީ ޖަހައިލި އެވެ.

"ކާކު؟ އަހަރެން ދަންނަ ކުއްޖެއްތަ؟" ހަމްދާން ހައިރާންވި އެވެ.

އަނެއްކާ ވެސް ރީމާ ބޯޖަހައިލި އެވެ.

"އަހަރެން ދަންނަ ކާކު؟ ކުލާސް ކުއްޖެއްތަ؟"

ރީމާގެ ވާހަކަ ދައްކަމުން ދިޔައީ ސީދާ ބޮލުންނެވެ. ލޮލާއި ބުމައިންނެވެ.

"ނަމެއް އޮންނާނެދޯ؟"

ރީމާ ހިނިތުންވެލި އެވެ. އޭނާ އިނގިލި ޖައްސާލީ އަމިއްލަ މޭމަތީގެ ވައަތްފަޅީގަ އެވެ.

"މާނައަކީ އެއީ ސިއްރު ލޯބިވެރިއެކޭތަ؟"

އަނެއްކާ ވެސް ރީމާ ބޯޖަހައިލި އެވެ.

"އަނގައިން ބުނެބަލަ." ހަމްދާނަށް ކެތެއް ނުވި އެވެ.

"ފަޟީހަތްވެދާނެ." ރީމާ ބުނެލީ އެންމެ ލަފުޒެކެވެ.

"ކީއްވެ؟ އަހަރެން ސިއްރުކޮށްދޭނަމޭ. އެހެން ނޫނަސް ކުލާހުއި މި ތިބީ އަހަންނާއެކު ޖުމުލަ ހަތް ފިރިހެން ކުދިން. އޭގެތެރެއިން މީހަކާ ނީނދެ މި ތިބީ އަހަންނާ އަރުޝަދާއި މުޝީރު އެކަނި."

"ހަތަރު ޖާގަ ވެސް ފުލްތަ؟" މާނަފުން ނަޒަރަކުން ރީމާ ހަމްދާނަށް ބަލައިލި އެވެ.

"އެކަމަކު އަހަންނަށް ޝައްކުވާ ކަމެއް އެބައޮތް." ހަމްދާން ބުނެލި އެވެ.

"ކޮންކަމެއް؟"

"ސިއްރުސިއްރުން ރީމާ އަހަންނާ ދިމާ ބަލާކަން. ކުރިން ދުވަހު ގަސްތަކު ކައިރީ ވެސް ރީމާ އަހަންނަށް ބަލަން އޮތްތަން ފެނުނު ވާހަކަ މިޒުހާ ކިޔައިދިން."

"ކުށްހީ!"

"ނުވާނެ. ނިކަން ތިޔަ ހިތް ހުޅުވާލަބަލަ. އަހަރެންގެ ކުރިމަތީގައި ތިޔަ ހިތުގެ ކެކުޅުންތައް އަތުރައިލަ ދީބަލަ. ވާނެތަ؟ ކެރޭނެތަ؟"

ރީމާ ދެ ފަރާތަށް ބޯ ހޫރައިލި އެވެ.

"އަހަންނަށް އެނގޭ ރީމާ އަހަރެން ދެކެ ލޯބިވާކަން. އަހަންނަށް އެދޭކަން. އެކަން ފާޅު ކުރާން ނުކެރެނީކަން ވެސް އެނގޭ. މިޒުހާމެން ނަޒީމެންނާ ހެދި ރީމާ މާޔޫސްވާކަން ވެސް އެނގޭ. ނުބުނެވޭނެ މިއީ ދޮގެކޭ."

ރީމާ ކޮޅަށް ތެދުވި އެވެ. އޭނާ އިޝާރާތްކޮށްލީ ސިޑިން އަރައިގެން އައި ޒުވާނާއަށެވެ. އެއީ ފަތިހަށި ޒުވާނެކެވެ. އިސްކޮޅުން ދިގު ބޯދިގު ޒުވާނެކެވެ. އޭނާ އައީ ރީމާގެ އިޝާރާތަށެވެ. އޭނާ ފެނުމާއެކު ހަމްދާނުގެ ލޭ ކެކިގަތެވެ. ބޮކިބޮކި ޖަހައިފަ އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox