ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ގޮފިތައް ތިރިކޮށްލަމުން ރީމާ ބަލައިލީ ސައިކަލު މަތީގައި އިން ހަމްދާނަށެވެ. ރީމާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހިގެން ދިޔަ އެވެ. ހަމްދާންގެ ހަރަކާތްތަކަށް ބަލަން، އެ ގަހުގެ ނިވަލުގައި އޭނާ ހުންނަތާ އެތައް އިރެއް ވެއްޖެ އެވެ. ހަމްދާނުގެ ކޮންމެ ހަރަކާތަކުން ރީމާގެ ހިތުގައި ޖަހަމުން ދިޔަ ވިންދުތައް ދެގުނަވަމުން ދިޔަ އެވެ.

ހަމްދާން އިނީ ސައިކަލަށް އެއްފައި އަރުވައިގެން އަނެއް ފައި އެލުވާލައިގެންނެވެ. އޭނާ އިނީ އޮލަ ވާހަކައެއްގަ އެވެ. ގާތުގައި މިސްބާހު އިނެވެ. މިސްބާހަކީ ހަމްދާނުގެ އަތެކެވެ. އޭނާގެ ހިޔަންޏެކެވެ. އެކުގައި އަބަދު ފެންނަ އެކުވެރި އެވެ. ރީމާ ހުރީ އެ މީހުންގެ ވާހަކައިގެ އަޑު އިވޭ ހިސާބަށްވުރެ ތަންކޮޅެއް ދުރުގަ އެވެ. އެ މީހުންނަށް ނުފެންނާނެހެން ބަގީޗާ ގަސްތަކަކާ ނިވާ ވެގެންނެވެ.

"ކޮންކަމެއް؟ ސިއްރުން ކާކަށް ބަލަނީ؟"

ރީމާ ސިއްސައިގެން ދިޔަ އެވެ. ރީމާ އެނބުރި ބަލައިލި އެވެ. ކުރިމަތީގައި ތިބީ ނަޒީހާއާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ސުދާއާއި މިޒުހާ އެވެ. ނަޒީހާ ތިރިވެލީ ރީމާ އިން ތަނަށެވެ. ގަހުގެ ގޮފިތައް ދުރުކޮށްލުމަށް ފަހު ނަޒީހާ ބަލައިލި އެވެ. ޕަކަޕަކަ ލައިފައި ނަޒީހާ ހޭންފެށި އެވެ. މިޒުހާއާއި ސުދާއަށް ހައިރާންކަން ލިބުނެވެ. ދެ މީހުން ދެމީހުންގެ މޫނަށް އެ މީހުން ބަލައިލި އެވެ.

"ކަލޭ ސިއްރުން..." ނަޒީހާއަށް ކެތެއް ނުކުރެވުނެވެ.

ނަޒީހާ ދުރަށް ޖައްސައިލުމަށްފަހު މިޒުހާ ތިރިވެލި އެވެ. ގޮފިތައް ފޭކޮށްލުމަށްފަހު އޭނާ ވެސް ބަލައިލި އެވެ. އެއާއެކު އޭނާގެ ހިނގަނޑު ފަޅައިގެން ދިޔަ އެވެ. ވާނުނާ ނޭނގިފައި ހުރި ސުދާ ވެސް އެ ހަރަކާތް ތަކުރާރުކޮށްލި އެވެ. ހަމަ ފެނުނީ އެއް މަންޒަރެކެވެ. ތިން މީހުން ބަނޑުގައި އަތް އަޅައިގެން ތިބެ ހެނީ އެވެ. ރީމާ ލަދު ގަންނަ ގޮތްވި އެވެ. އޭނާގެ ނޭވާ އަވަސްވި އެވެ. އޭނާގެ ހިތުގައި އޮތް ސިއްރު ބޭޒާރުވީ ކަމަށް ނިންމި އެވެ. ނަމަވެސް އެމީހުންނަށް އެ ވަނީ އެހެން ގޮތެކެވެ. ހައިރާންކަމާއެކު ދެ ލޯ ބޮޑު ކޮށްގެން ހުރެ އޭނާ ތިރިވެލި އެވެ. ގޮފިގަނޑު ދުރުކޮށްލަމުން ކުރިން އޭނާ ބަލަން އިން ދިމާއަށް ބަލައިލި އެވެ.

އެތަނުގައި ހަމްދާނެއް ނެތެވެ. ހަމްދާނާއެކު އިން މިސްބާހު ވެސް ނެތެވެ. އެ ދެމީހުންގެ ސައިކަލެއް ވެސް ނެތެވެ. އެ މީހުން ތިބި ތަނުގައި އިނީ ރަށު ތެރެއަށް ގިނަވެގެން އުޅޭ ހަސަންބެ އެވެ. މުޅި ރަށުގައި އޭނާ މަޝްހޫރުވެފައި އޮންނަނީ މޮޔަ ހަސަނުގެ ނަމުގަ އެވެ. އެއީ ގައިބޮލުން ތާހިރު ނުވެ އުޅޭ މީހެކެވެ. އޭނާ އިނީ ކުރިން ހަމްދާނުމެން ތިބިތާ ކައިރީ ހުރި ގަހެއްގެ ދޮށުގަ އެވެ.

"މައްސަލައެއް ނޫން. ލަނޑަޔާ ވާނީ ލަނޑަޔާ ދޯ. ކަލޭއަކީ އެ ގިންތީގެ މީހެއް." މިޒުހާ މަލާމާތުގެ ރާގުގައި ބުނެލި އެވެ.

"މަ ހީކުރީ ސަޅި ބިޓަކަށް ބަލަން ހުރި ކަމަށް، ނޭނގޭނެއްނު މީނާއަށް ވެސް ރީތި ވަނީ އެންމެންނަށް ވެސް ރީތިވެގެން އުޅޭ މީހުން ވިއްޔަ." ސުދާ ވެސް ވާހަކަ ދެއްކީ ޖެއްސުމުގެ ރާގުގަ އެވެ.

"އާނ، އިއްޔެ ވެސް މީނާ ނޫން ކަމަށް ހެދިފަ ބަލަން ހުރީ ހަމްދާނަށް. ކަލޭ ހަނދާން ކުރާތި! މި ދެނީ އިންޒާރެއްކަން. ހަމްދާނާ ވައި އެޅެން ވެސް ކަލޭ ނުވިސްނާތި! އޭނާ ނޫޅޭ ކަލޭ ކަހަލަ ކަޅު ކޫޑިއެއް ނުފެނިގެން،" ނަޒީހާގެ ތޫނު ލަފުޒުތަކުން ރީމާގެ ހިތް ޒަހަމުވާން ފެށި އެވެ. "އަދި ރީތި ސޫރައެއް ލިބިފައި ހުރި ނަމަވެސް ރަނގަޅު ހަމްދާންމެން ކަހަލަ ފިރިހެންވަންތަ މީހުންނާ ދިމާއަށް ސިއްރުން ބަލަން."

"އާން، ކީކޭ ބުނާނީ މިއޮއްފަދަ ތަހުޒީބު ޒަމާނުގައި ވެސް މޫނެކޭ ތެޔޮ ތާހެކޭ އެއްވަރު. އަދި މާ ސޯލިހުވާން ކަޅު ބުރުގާއަޅައިފަ ބިންމަތީ ދެމޭވަރުގެ ކަޅު ހެދުން ލައިގެން އުޅެއެއްނު. ފުރަތަމަ ތިމާގެ މޫނުމަތީގައި ތިހުރި ކަޅުކަން ފިލުވައިލަބަލަ. ވަރަށް ފޫހިވޭ މިހާ ނާތަހުޒީބު މީހަކު އަހަރުމެން ކުލާހަށް ވަންނާތީ ވެސް." މިޒުހާގެ ތުންފަތުން ނުރުހުމުގެ ނިޝާންތައް ފާއްދައިލި އެވެ.

ރީމާ އެ ހުރި ގޮތަށް ހުރީ އެވެ. އޭނާއަށް އިސްއުފުލާ ބަލައިލަން ވެސް ނުކެރުނެވެ. ނަޒީހާމެންގެ މަލާމަތުގެ ބަސްތަކުން ކުދިކުދިވަމުން ދިޔައީ އޭނާގެ އަޒުމެވެ. ގެއްލެމުން ދިޔައީ އޭނާގެ ހިތްވަރެވެ. އޮޔާލަމުން ދިޔައީ އޭނާގެ ހުވަފެންތަކެވެ. ނަމަވެސް، ކެތްކޮށްލައިގެން ހުރުން ނޫން ގޮތެއް އޭނާއަށް ނެތެވެ. މިއީ މިއަދަކު އިއްޔެއަކު އޭނާއަށް ކުރިމަތިލާން ޖެހޭ ކަންކަމެއް ނޫނެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އެ ފަކީރަށް ކުރިމަތިލާން ޖެހޭ ހާލެވެ. އޭނާގެ ސިފަ ހުތުރުވީމަ އެވެ. ހަންގަނޑު ކަޅުވީމަ އެވެ. ދަތްތަކުގެ ތަރުތީބެއް ނެތީމަ އެވެ. ގަޔަށްދޫ ކަޅު ހެދުން ލާތީ އެވެ. ރަށު ސްކޫލުގައި އުޅުނު އިރު ވެސް އެ ފަކީރު އިންނަން ޖެހެނީ ކުލާހުގެ ކަނަކަށްވަދެ އެވެ. އަނގައިން ބުނާނެ ކުއްޖަކު ނުލިބިފަ އެވެ. އޭނާ ހީކުރީ އެއީ ރަށު ކުދީންގެ މައްސަލައެއް ކަމަށެވެ. ދިހަ އަހަރަށްފަހު މާލެއަށް ބަދަލުވީ އުއްމީދެއް ބޮލަށް ލައިގެންނެވެ. އޭނާއަށް ކުރިމަތިވި ފުރައްސާރައާއި ގަނާއިން މިންޖުވާނެ ކަމުގެ ވިސްނުމުގަ އެވެ. ނަމަވެސް ކަން މި ދިމާވަނީ އޭގެ ދެގުނައަށެވެ. އޭނާ ހިތައިހިތައި އަބަދުވެސް ކުރަނީ އެއް ސުވާލުތަކެކެވެ. އެއް ޝަކުވާތަކެކެވެ. އޭނާގެ ސިފައަކީ އޭނާ އަމިއްލައަށް ހޯދައިގަތް ސިފައެއް ހެއްޔެވެ؟ އޭނާގެ ކުލައަކީ އޭނާ އަމިއްލައަށް ގައިގައި ޖެއްސި ކުލައެއް ހެއްޔެވެ؟

"ދެން ބުނާނެ އަހަރުމެން މަލާމަތް ކުރަނީ ހެއްދެވި ފަރާތަށޭ،" މިޒުހާ ނުރުހުމުގެ ރާގުގައި ބުނެލި އެވެ. "ބަލަ ކަޅު ކުދިން ވެސް ރީތިވެލީމަ ކިހައި ޗާލުތަ؟ ރީތިކޮށް ހެދުން އެޅީމަ ކިހާ ރީތިތަ؟ ބުރުގާ އަޅާ ކުދިން ވެސް ނުލާހިކު ލޯބިކޮށް ބުރުގާ އަޅާ. މަ ނުދެކެން މި ނޫނީ ކުލާހަށް އަންނަ އިރު ވެސް ބުރުގައިގަ ގޮށް ޖަހައިލައިގެން އަންނަ މީހެއް. ބަލަ ކަލޭ ތި އުޅޭ ގޮތުން ލަދުގަންނަން ޖެހެނީ އަހަރުމެންނޭ. އަހަރުމެން ކުލާސް ކުދިންނޭ. އާނ، މާ ރާއްޖެތެރެވީމަ އެންމެން ވެސް އަހަރުމެންނަށް ވެސް ކިޔަނީ ރާއްޖެތެރޭ މީހުންނޭ."

ރީމާ އިސް އުފުލައި ބަލައިލި އެވެ. މިޒުހާގެ މޫނަށެވެ. އެ ބަލައިލުމުގައި ވަނީ ހިތާމައާއި ހިތްދަތިކަމެވެ. ވޭނާއި ކެކުޅުމެވެ. ބުނާ ކަހަލަ އެވެ. އެއީ އޭނާގެ މިނިވަންކަމެވެ. އެ މިނިވަންކަމާ ބެހެވޭނެ މީހަކު ނުހުންނާނެ އެވެ. ނަމަވެސް، އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލީ ހަމައެކަނި ބަލައިލި ބަލައިލުމުންނެވެ. އެކަން މިޒުހާއަށް ތަރުޖަމާ ނުކުރެވުނީ އެވެ. ކުރެވުނު ނަމަވެސް ގޮވާނީ ރީމާ އެވެ.

"ދެން ވަރަށް މަޖާކަމެއް މީ. މިހެން އުޅޭ މީހުންނަކީ މާ ދީންވެރި މީހުންކަމަށް ހެދިގެން އުޅޭނީ. އެކަމަކު ހެއްދެވިހާ ގޯސްކަމެއް ކުރުމުގަ އެންމެ އިސްކޮށް ތިބޭނީ މިހެން އުޅޭ މީހުން. އެކަމަކު ނަންވާނީ ބުރުގާ ނާޅާ އުޅޭތީ އަހަރުމެން." ނަޒީހާ ވެސް ބައިވެރިވެލީ މިޒުހާއާ އެވެ.

"ފާޑަކަށް ބަލާނެ ކަމެއް ނެތް އަހަރުމެން ލަދެއް، ބިރެއް ނުގަންނާނެ. ކަލޭ ގޮސް ޔުނިވަރސިޓީގެ އޮފީހުގަ މައްސަލަ ޖައްސާ. އަހަރުމެން ދެނަހުރި ކަމަށް ވެސް ނުހަދާނަން." މިޒުހާ ތުންފަތް އަނބުރައިލި އެވެ.

"ގޮސް ޖެންޑާއަށް މައްސަލަ ހުށަހަޅާ. އޭރުން ވެސް ވާނެ ކަމެއް ނޯންނާނެ. ފުރައްސާރައޭ، ގެވެށި އަނިޔާއޭ ކިޔަސް އަޅައިލާނެ ބަޔަކު ނުތިބޭނެ. އެހެނެއްނޫން ފިރިހެނަކު މިހެން ހެދިއްޔޭ އެހެން ހެދިއްޔޭ ބުނެފަ ދޮގެއް ހެދިޔަސް ނަމަ ތަނުގައި ރަތްބޮކި ދިއްލައިގެން އެންމެން އެލާޓަށް އަންނާނެ. ނޫސްތަކުގެ ފަލަސުރުހީއަށް އަރާނެ. އެކަމަކު އަހަރުމެން ކުރީމަ އެކަން ކަމަކަށް ނުވާނެ. ކީއްވެކަން އެނގޭތަ؟ އަންހެނުންވީމަ. މި ރާއްޖޭގެ ހަގީގަތަކީ. ހައްގަކީ އެންމެންނަށް ހަމަހަމަކޮށް ލިބޭ އެއްޗެއް ނޫން. އެއީ ފޮތުގައި ލިޔެފަ އޮންނަ އެއްޗެއް." މަލާމާތުގެ ރާގުގައި ސުދާ ވާހަކަދެއްކި އެވެ.

"ހިނގާދާން. ކަޅު ކޫޑި ފިލުވަން ޖަހާ ބޭހުން އަހަރުމެންނަށް ވެސް އަސަރުކޮށްފާނެ." ނަޒީހާ ހިނގައިގަތެވެ.

ރީމާ ގަދަކަމުން ހިންދިރުވާލި އެވެ. އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މަތިން ދަތްދޮޅިއަށް ސޮހިގަތެވެ. ދެ ލޯ ފުރިގެން ބަންޑުންވަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭތޯ އޭނާ ލައްކަ ހިތްވަރު ކުރަމުންދަނީ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެވެ. ރީމާ ބަލައިލީ މިޒުހާމެންނާ ދިމާއަށެވެ. އޭރު އެ މީހުން ޔުނިވަރސިޓީގެ މައި ދޮރުން ވަންނަނީ އެވެ. އެ ހާލުގައި ވެސް އޭނާ ހިނިތުންވެލުމަށް މަސައްކަތް ކުރި އެވެ. އަމިއްލަ ސިކުނޑިއަށް ވިސްނައިދެވޭތޯ ބެލި އެވެ. އޭނާ ސިއްރުން ބެލީ ހަމްދާނަށްކަން ނޭނގުނީތީ އެކަމާ އުފާކުރާން ބޭނުންވީ އެވެ. އޭނާގެ ހިތުގައި އޮތް ސިއްރު އޭގެ މަކާނުގައި ފޮރުވުނީތީ އެވެ.

ރީމާ މަޑުމަޑުން ކުރިއަށް ދެ ފިޔަވަޅު އެޅި އެވެ. ދެ އަތުން ދެ ލޯ ފޮހެލަމުންނެވެ. ހިތުގައި އަތް އަޅައިލަމުން ފުން ނޭވާއެއް ބޭރުކޮށްލުމަށް ފަހުގަ އެވެ. ބުރުގާގެ އެއްކަން ނަގައި ދެ ލޯ ފޮހެލި އެވެ. ފަރުވާކުޑަ ގޮތަކަށް ހިނިތުންވުމެއް ތުންފަތުގައި ކުރަހައިލި އެވެ.

"ތޫނު އެންމެ ތޫނު އެއްޗަކީ ހަތިޔާރެއް ނޫން. ބާރުގަދަ އެންމެ ބާރު އަޑަކީ ބޮމުގެ އަޑެއް، އެތުގެ އަޑެއް ވެސް ނޫން. ވިހަ އެންމެ ވިހަގަދަ އެއްޗަކީ ވެސް ހަރުފައިގެ ވިހައެއް، ކެމިކަލެއް ވެސް ނޫން،" ހުރިހާ އެންމެންގެ ސަމާލުކަން ހޯދަމުން އެ ދުވަހުގެ ޓިއުޓޯރިއަލް މަސައްކަތް ހުށަހަޅަން ހުރީ ހަމްދާނެވެ. "އެހެންވީމާ، މި މަސައްކަތުގެ މުހިއްމު ބައިތައް ހުށަހެޅުމުގެ ކުރިން މި ސުވާލަށް ޖަވާބެއް ބޭނުންވޭ. ވިސްނައިލަން ސިކުންތު ކޮޅެއް ދޭނަން. ޖަވާބު އެނގޭ ކުއްޖަކު އަވަހަށް ބުނެލާ."

ހަމްދާނު ސުވާލަށް ޖަވާބު ދިނުމަށް ވިސްނައިލަން މުޅި ކުލާހުގެ ހުރިހާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލި އެވެ. އެ ކުލާހުގައި ފަންސާހަކަށް ކުދިން ތިބޭނެ އެވެ. އެއީ ދިވެހިބަހުގެ ޑިގުރީ ކޯހުގައި ކިޔަވަމުންދާ ދަރިވަރުންގެ ކުލާހެކެވެ. ހަމްދާނު މިއަދު ހުށަހަޅަމުން އެ ދަނީ އެންމެ ފަހު ގަޑީގައި ހަވާލުކޮށްފައިވާ ޓިއުޓޯރިއަލް މަސައްކަތެވެ. ކުދިންގެ ޝައުޤުވެރިކަން އިންތިހާއަށް ހޯދުމަށްފަހު ހަމްދާނުގެ ސުވާލު އަނެއްކާ ވެސް ތަކުރާރުކޮށްލި އެވެ.

"ޖަވާބު ދިމާކުރި ކުއްޖަކަށް އަޅުގަނޑުމެންގެ ގުރޫޕުން ހާއްސަ ސަޕްރައިޒެއް ކަނޑައަޅައިފައިވޭ." ހަމްދާނުމެންގެ ގުރޫޕުގެ އިސްވާރަކަށް ހުރި މާހިރު ބުނެލި އެވެ.

"ސަޕްރައިޒް ބުނީމައެއްނު ޓްރައި ކުރާނީ؟" މިޒުހާ ލާނެތް ރާގެއްގައި ބުނެލި އެވެ.

"އޭރުން ސަޕްރައިޒަކަށް ނުވާނެ." ހަމްދާނު ހީނިލި އެވެ.

ހަމްދާން މުޅި ކުލާހަށް އިޝާރާތްކޮށްލި އެވެ. ޖަވާބު އެނގޭ ކުއްޖަކު އިންނަމަ އަތް ހިއްލައިލުމަށް ބުނެލި އެވެ. ހަމްދާނު ޝަހާދަތް އިނގިލި އެކި ދިމަދިމާއަށް ދިއްކުރަމުން ގޮސް ރީމާއާ ދިމާއަށް ހުއްޓައިލި އެވެ. ރީމާ ތުންފަތް ހަރަކާތްކޮށްލީމަ އެވެ. އެ މަންޒަރު ހަމްދާނަށް ފެނުނެވެ. ރީމާ ބަލައިލީ ހަމްދާނާ ދިމާއަށެވެ. ހަމްދާނު ވެސް ބަލައިލީ ސީދާ ރީމާގެ މޫނަށެވެ.

ރީމާ އަތްފައި ފިނިވި އެވެ. އޭނާގެ ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް ދުވެގަތެވެ. މީހާ ތުރުތުރު އަޅަންފެށި އެވެ. ކޮނޑުމަތިން ކަނދުރާގެ ދެ ފަރާތުން އެ ތުރުތުރު ދަތުރުކޮށްލި އެވެ.

"ކަމޯން، ރީމާ، އަވަހަށް ބާރަށް ބުނެލާ." ހަމްދާން ހިތްވަރު ލައިދެމުން ދިޔަ އެވެ.

ހަގީގަތުގައި ހަމްދާނު ލައިދިނީ ހިތްވަރެއް ނޫނެވެ. އޭނާ ލާނެތް ގޮތަކަށް ބަލަމުން، ރީމާއަށް ދެރަ ދިނީ އެވެ. ރީމާއަށް ޖަވާބު ނޭނގޭނެ ކަމަށް ވިސްނައިގެން ޖެއްސުން ކުރީ އެވެ. އެއީ އޭނާ އަލަށް ކުރާކަމެއް ނޫނެވެ.

"ރީމާ، ރީމާ." ކުލާހުގެ ކުރީ ބަރީގައި ތިބި ދެ ފިރިހެން ކުދިން އެއް އަޑަކުން ރީމާގެ ނަން ކިޔައިލި އެވެ.

"ވަރަށް ފޫހިވޭ. އެންމެން ވެސް އުޅެނީ އަބަދުވެސް މާ ރީމާ ވެގެން. ބަލައިބަލަ އެ ކުނި މޫނެއް. ލަދުން މަރުވާވަރުވޭ." މިޒުހާ ކުދި ކިޔައިލީ ސުދާއަށް އިވޭ ވަރަށެވެ.

"މަ ވެސް ހާދަ ނައްޓައޭ. އަދި ހަމްދާނު ވެސް މާ ވެގެން އޭނާއަށް އެނގޭނެ ކަމަށް އެބަ އުޅެއެއްނު." ސުދާ ބޯ އަރިކޮށްލީ ނަޒީހާގެ ކަނދުރާއާ ދިމާއަށެވެ.

އެ ތިން މީހުން ތިބީ އެއް ބަރިއެއްގަ އެވެ. މެދުގައި އިނީ ސުދާ އެވެ. ކަނާއަތް ފަރާތުގައި އިނީ މިޒުހާ އެވެ. ސުދާގެ ވައަތްފަރާތުގައި އިނީ ނަޒީހާ އެވެ.

"ހަމްދާނު ގޮތް އަހަންނަށް އެނގޭ. އޭނާ ހަމަ ޖެއްސުމަށް ރީމާގެ ނަން އެ ކިޔަނީ." ނަޒީހާ ހިނިތުންވެލި އެވެ.

ރީމާ ކޮޅަށް ތެދުވި އެވެ. އޭނާ ބަލައިލީ މުދައްރިސާ ދިމާއަށެވެ. މުދައްރިސް ކޮޅަށް ތެދުވެލި އެވެ. ރީމާ ކުރި ހިތްވަރަށް ތަރުހީބުދިނުމަށް އަތްތިލަ ބަޑި ޖަހަން ފެށި އެވެ. އެއާއެކު މުޅި ކުލާސް އެކުގައި ތެދުވެ އަތްތިލަ ބަޑި ޖަހަން ފެށި އެވެ.

"އަދި ޖަވާބެއް ނުލިބެއެއްނު." ހަމްދާން ހައިރާން ކަމާއެކު ބުނެލި އެވެ.

"މިސްއަށް ޔަގީން އަންހެނަކު ކޮޅަށް ތެދުވެއްޖެ ނަމަ އެ ލިބުނީ ޖަވާބެއްކަން. ފުރިހަމަ ޖަވާބެއްކަން. ހަމްދާނަށް އެނގޭތަ؟ އަންހެނުންނަކީ ހާދަ ހިތްވަރުގަދަ، ހާދަ ކެތްތެރިބަޔެކޭ، އެއީ ހާދަ ބޮޑު ގުރުބާނެއްވާ ހާދަ ނަމޫނާ ބަޔެކޭ. އަންހެނަކު ކަމަކާ ކުރިމަތި ލައިފި ނަމަ އެކަމެއް ކާމިޔާބުވީމަ ނޫނީ ހުއްޓައިނުލާނެ. އެމީހުން އެއް އަތުން ދުނިޔެ ހެއްލައިލާއިރު، އަނެއް އަތުން މުޅި ޖައްވު ވިދުވައިލަދޭނެ. ތުންފަތުން ނާނާގެ އަޑު ގުގުމައިދޭއިރު، ނިތްކުރިން ފިލާވަޅު އަޅައިދޭނެ." މިސް ހިތްވަރު ލައިދިނީ ރީމާއަށެވެ.

"އެނގިދާނެތާ ދޯ. އަހަރުމެން ކަނޑައެޅި ވަގުތު ހަމަވާން ބާކީ އޮތީ ފަނަރަ ސިކުންތު. އަދިވެސް ރީމާއަކަށް ވެސް އެއްވެސް ކުއްޖަކަށް ޖަވާބެއް ނުދެވޭ." ހަމްދާން ބަލައިލީ ސްކުރީނުގައި ނަންބަރުތައް އަރުވަމުން ދިޔަ ގަޑިއަށެވެ.

އެއާއެކު ރީމާ ކަރުކެހިލި އެވެ. އޭނާގެ އަޑު ސާފުކޮށްލެވޭތޯ މަސައްކަތްކުރި އެވެ. އޭނާ އުޅުނީ ހަމްދާނު ކުރި ސުވާލަށް ޖަވާބުދޭށެވެ. އެހެންވެ އޭނާ އަޑު ރަނގަޅުކޮށްލެވޭތޯ އުޅެނީ އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox