އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ހޮސްޕިޓަލަށް މިއަދު ވިހާ ކޮންމެ ކުއްޖަކަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް 35 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ތައާރަފްކުރި އެ ޑިސްކައުންޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ހޮސްޕިޓަލުގެ އަހަރީ ދުވަހު އެ ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ހޮސްޕިޓަލުގެ ފަރާތުން އުފާވެރި ކަމެއްކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
"ދެން އެގޮތަށް މިއަހަރު ބެލިއިރު، 35 އަހަރުވީމަ އެކަމާ ގުޅުވާފަ ތައާރަފްކުރި ޑިސްކައުންޓެއް އެއީ. 35 ޕަސަންޓު ހޮސްޕިޓަލަށް ދައްކާ ފައިސާގެ ތެރެއިން ޑިސްކައުންޓްގެ ގޮތުގައި ކެނޑޭ ގޮތް މި ހެދީ. އެއީ ރޭ ދަންވަރު 12:00އިން ފެށިގެން މިރޭ ދަންވަރު 12:00އާ ހަމައަށް ހޮސްޕިޓަލަށް ވިހާ ކޮންމެ ތުއްތު ކުއްޖަކަށް،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޑިސްކައުންޓް އެއީ އާސަންދައިން އަދާކުރާ މިންވަރު ނުހިމަނައި، އަމިއްލަ އަތުން ދައްކާ ފައިސާއަށް ލިބޭ ޑިސްކައުންޓެއް ކަމަށެވެ. އަދި އެއީ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތަކުން ވެސް ލިބޭނެ ޑިސްކައުންޓެއް ކަމަށް އަފާލް ވިދާޅުވި އެވެ.
އަދި މިއަދު ވިހާ ކުދިންނަށް ނަން ކިޔުމާ ހަމައަށް، މިވަގުތު ހޮސްޕިޓަލުން ވައުޗަރެއް ދޫކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. ނަން ކިޔުމުން، ކުއްޖާގެ ނަމާއި މައުލޫމާތު ހިމެނޭހެން އޭޑީކޭއިން ކާޑެއް އެ ކުއްޖާއަށް ދޭނެކަމަށް އަފްއާލް ވިދާޅުވި އެވެ.

"އެއީ ތުއްތު ކުއްޖަކަށް ބަލާނަމަ ފުދޭވަރެއްގެ ސިގްނިފިކަންޓް ކަމެއް، އެފަދަ ޑިސްކައުންޓެއް ލިބުމަކީ. ދެން މިހާތަނަށް ހޮސްޕިޓަލަށް އަދި ވިހާފައި ވަނީ ދެ ކުދިން މިއަދު. އަދި މިރޭ 12:00 އާ ހަމައަށް ބަލާނެ އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވަނީ އޭޑީކޭއިން ހިދުމަތް ހޯއްދަވާ ހުރިހާ މީހުން ވެސް އޭޑީކޭއަށް ކުރާ އިތުބާރަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
އޭނާ ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ އޭޑީކޭ މުވައްޒަފުންނަށް ވެސް އަރިސްކުރައްވައިފަ އެވެ. އަދި އޭޑީކޭގެ މުވައްޒަފުން ބުރަކޮށް އަދާކުރާ މަސައްކަތްތައް އޭޑީކޭގެ މެނޭޖްމެންޓުން އަގުވަޒަންކުރާކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
އަދި އޭޑީކޭގެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު ވެސް އޭޑީކޭއަށް ދެއްވާ ފުރިހަމަ އެއްބާރުލުމާއި ހޮސްޕިޓަލުން ކުރިޔަށް ގެންދާ ހުރިހާ ކަމެއްގައި ވެސް ދެއްވާ ސަޕޯޓަށްޓަކައި އަފްއާލް ވަނީ އޭނާއަށް ވެސް ޝުކުރުއަދާކުރައްވައި އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.













