ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އޭސީސީ އަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވި ފަސް ބޭފުޅުންނާ އިންޓަވިއުކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ ދެ މެމްބަރުންނެވެ. އެއަށް ފަހު ނަންތަކަށް ވަކިވަކިން ނެގި ވޯޓްގައި އެއިން އެއްވެސް ބޭފުޅަކަށް ރުހުން ދޭން ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
އޭސީސީއަށް އައްޔަންކުރާ ބޭފުޅުންނާއި ލިބުނު ވޯޓު
- ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި: 42 ވޯޓު
- އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ: 43 ވޯޓު
- ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި: 40 ވޯޓު
- ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު: 42 ވޯޓު
- ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު: 42
މި ނަންތަކާ މެދު އާއްމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ހުޅުވައިލުމުން ކާކުކަން ނޭނގޭ ގޮތަށް މީހަކު މެއިލްއެއް ފޮނުވި ކަމަށާއި އެ މެއިލްގައި ސިއްރު މައުލޫމާތުތަކެއް ކަމަށް ބުނެ އެޓޭޗްކޮށްފައި ހުރި ފައިލް ނުހުޅުވުނުކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި އޮތެވެ.
އެހެންވެ އެ ފައިލްތައް އަލުން ފޮނުވައިދޭން އެދި މަޖިލީހުން މެއިލްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރިޕޯޓުގައި ސޮއިކުރި އިރު ވެސް އެ މެއިލްއަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮރައިނާ އާދަމް ވިދާޅުވި އެވެ.
ޖުމްލަ ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ. އެހެންކަމުން މިއަދު މަޖިލީހުން ރުހުން ދިން ބޭފުޅުން ވަރަށް އަވަހަށް އޭސީސީއަށް އައްޔަނުކުރާނެ ކަމަށް ބެލެވެ އެވެ.

މިއަދު ރުހުން ދިން ބޭފުޅުންގެ ތެރެއިން ޝާމިލްއަކީ އޭސީސީގައި އިންވެެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަބްދުއް ސަލާމަކީ އޭސީސީގެ އިންވެސްޓިގޭޝަން ހެޑްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅެކެވެ.
އަދި، ތޯހާއަކީ ގާނޫނީ ވަކީލެއްގެ އިތުރުން ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެކެވެ. ހަމައެހެންމެ ޝިޔާމާ މުހައްމަދަކީ އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.
އޭސީސީ ގާނޫނީ ހުސްކަމަކަށް ދިޔުން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.
އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފިނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދަށް ވަނީ 102 ދުވަސް ވެފަ އެވެ.
އަޝްރަފަށް ފަހު ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ. ގާނޫނީ ހުސްކަމެއްގެ އެ ކޮމިޝަން އޮންނަތާ 77 ދުވަސް ވަނީ ވެފަ އެވެ.













