ކެންސަރުގެ ނުރައްކާ ރާއްޖޭގައި މިހާރު އޮތީ އެލާމިން ލެވެލެއްގަ އެވެ. ގިނަ ބަޔަކު ދަނީ އެ ބަލި ތަހައްމަލުކުރަމުންނެވެ. އެތައް ބަޔަކު އެ ބަލީގައި މި ދުނިޔެ ދޫކޮށްފި އެވެ. އަދި އެ ބަލީގެ ފަރުވާ އަށް އެތައް ބަޔަކު އަންނަނީ ސަލާން ޖަހަމުންނެވެ. ރާއްޖޭން އެ ބަލީގެ ފަރުވާތައް ލިބޭނެ ގޮތް ވާނެ ދުވަހެއްގެ އުއްމީދުގައި އެތައް ބަޔަކު އެބަތިއްބެވެ. އެކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ދޭން އޮތީ އުފާވެރި ޖަވާބެކެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "އަދަދު" އަށް ވިދާޅުވީ ކެންސަރުގެ ފަރުވާތައް ކޮންމެވެސް ވަރަކަށް މިހާރު ވެސް އެ ހޮސްޕިޓަލުގައި ދެވޭ ކަމަށާއި އެގޮތުން އެތަނުގައި ކެންސަރަށް ހާއްސަ އޮންކޮލޮޖިސްޓެއް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކީމޯ ތެރަޕީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދެމުން ގެންގޮސްފައި ވާނެ އަދި އެއީ މިހާރުވެސް ލިބެން ހުރި ހިދުމަތެއް. ލެބޯޓްރީ ޑައިގްނޯސްޓިކްގެ ކަންތައްތައް ވެސް ކުރެވޭ. އަދި އޭގެ އިތުރުން މިހާރު ހަމަ ބައެއް ސާޖަރީތައް ވެސް ހެދޭ. މި ދެންނެވީ ޓިއުމާސް އެއްޗިހި ނެގުމާއި މިކަހަލަ ކަންތައްތަކާ ގުޅުން ހުރި ސާޖަރީތައް،" އަފްއާލް ވިދާޅުވި އެވެ.
ކުރިއަށް އިތުރު ބަދަލުތަކެއް އަންނަން ވެސް އެބަހުއްޓެވެ. އެގޮތުން އޭޑީކޭ އިން ދާދި ފަހުން ވަނީ މި އަހަރުގެ ތެރޭގައި ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށާނެކަން އިއުލާންކޮށްފަ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ކުރިއަށްދާ ކަމަށެވެ.
"އެ ހިދުމަތް ދިވެހިންނަށް ދިވެހި ގައުމުގައި ލިބެން ހުންނާނެ ގޮތް އަޅުގަނޑުމެން ހަދާނަން. އެއީ ވެސް ހަމަ ފެށުމެއް،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން އޮތީ ރޭޑިއޭޝަނާ ހަމައަށް ދިއުން ކަމަށާއި އެކަމަކު އެ ހިސާބަށް ދާއިރު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ނިއުކްލިއަ ބައެއް ކަހަލަ މެޓީރިއަލްސް ބޭނުންކުރަން ޖެހޭ އިރުގައި އެތަކެތި ހޭންޑްލްކުރުމާއި ނައްތައިލުމާ މިހެން ގޮސް ވަރަށް ގިނަ ކަންކަން ސިސްޓަމްގެ ތެރޭން ފަހިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެއީ އަދި މިވަގުތުން މިވަގުތަށް ނެތްކަމުގައި ވިޔަސް ހަމަ މުހިއްމު ކަމެއް ކުރަން. އަދި އޭގެ އިތުރުން މިކަމުގައި ހަމަ އެބަ ހުރޭ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް ވެސް. ހަމަ ޓެކްނޮލޮޖީ ބަދަލުވަމުން، ޓެކްނޮލޮޖީ ކުރިއަރަމުން ދާ ވަރަކަށް މިދެންނެވި ކަންތައްތަކުގައި ފަސޭހަތައް ވެސް ވުން ހުންނާނެ. އެހެންވީމާ އެހުރިހާ ގޮތް ގޮތަކަށް ބަލައިގެން އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ އެކަށީގެންވާ އެ އިންވެސްޓްމެންޓް ގެނެވޭނެ ގޮތްތަކެއް ހޯދަން ދިރާސާކުރަން،" އަފްއާލް ވިދާޅުވި އެވެ.












