މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރާ އިންޓަވިއު ލައިވްކުރާތީ، އެ މަރުހަލާ އެންމެ އިންސާފުވެރިނުވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން އައްުުޔަންކުރުމަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ރޮއިނާ ވިދާޅުވީ އިންޓަވިއު ލައިވްކުރާތީ، ކުރާ ސުވާލާއި ދޭ ޖަވާބުތައް، އިންޓަވިއުއަށް ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ ކުރިން އިންޓަވިއުކުރާ ބޭފުޅުންނަށް އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ ހައްލުކޮށްދެއްވުމަށް [އެދި] އަޅުގަނޑުމެން މީގެ ދެއަހަރުކުރިން ވާނީ އާއްމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައި. އަަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އާއްމުކޮމިޓީން އަދިވެސް އެމައްސަލަ ތާވަލުކޮށްފައެއް ނުވޭ. އެހެން ކަމާ އެކު އިންޓަވިއުގެ މަރުހަލާ އަދިވެސް މިދަނީ އެންމެ އިންސާފުން ނޫން ކަމަށް އަޅުގަނޑު މި މަޖިލީހުގެ މައުލޫމާތަށް ޓަކައި ހިއްސާކޮށްލަން،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވި ރިޕޯޓްގައިވާ ގޮތުން އޭސީސީއަށް އައްުޔަންކުރަން ރައީސް ފޮނުއްވި ފަސް ނަމަށް ވެސް ކޮމިޓީން ވަނީ ރުހުންދީފަ އެވެ.
އެ ނަންތަކާ މެދު އާއްމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ހުޅުވައިލުމުން ކާކުކަން ނޭނގޭ ގޮތަށް މީހަކު މެއިލްއެއް ފޮނުވި ކަމަށާއި އެ މެއިލްގައި ސިއްރު މައުލޫމާތުތަކެއް ކަމަށް ބުނެ އެޓޭޗްކޮށްފައި ހުރި ފައިލް ނުހުޅުވުނުކަމަށް ވެސް އެެރިޕޯޓްގައި ބުންޏެވެ. އެހެންވެ އެ ފައިލްތައް އަލުން ފޮނުވައިދޭން އެދި މަޖިލީހުން މެއިލްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރިޕޯޓުގައި ސޮއިކުރި އިރު ވެސް އެ މެއިލްއަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ރިޕޯޓް ހުށަހަޅުއްވަމުން ރޮރައިނާ ވިދާޅުވި އެވެ.

އޭސީސީއަށް އައްޔަންކުރަން ފޮނުވި ނަންތައް
- ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
- އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ
- ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
- ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު
މި ނަންތަކަށް ރުހުން ދިނުމާއި މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ.













