މިދިޔަ ފެބްރުއަރީ މަސް ތެރޭ މާލޭގެ ގެޔެއްގެ ތެރޭ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލި ދުވަހު އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުގަައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ދައުލަތުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމާނީ ދެން އޮންނަ ބަންދުގެ މުއްދަތުގެ އަޑުއެހުމުގަ އެވެ.
ސުބްރަމަނިގެ މައްޗަށް ދައުވާކޮށްފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހު އޭނާގެ އަނބިމީހާގެ ގަޔަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގަ އެވެ. ޕީޖީ އޮފީހުން ބުނީ އޭނާ އެ އަންހެން މީހާއަށް ހަމަލާދީފައިވަނީ އަންހެން މީހާ ގޭގައި ނިދާފައި އޮއްވަ ކަމަށެވެ.

އެ ހަމަލާގައި ލިބުނު ޒަހަމްތަކާއެކު ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ އެ ގެއިން ނެރެގެން ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދާ ތަނުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ވީޑިއޯއިން އަންހެން މީހާ ލެއިން ތެއްތެޅިފައިވާ ތަން ފެނެ އެވެ.












