ރާއްޖޭގެ އެންމެ ހިތްގައިމު 50 ޑައިވް ސައިޓެއް ކަނޑައެޅުމަށް، އޯޝަން ޖިއޮގްރަފިކްއާ ގުޅިގެން ބޮޑު އިވެންޓެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގަ މިއަދު ބޭއްވެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް އަހަރު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ މި އިވެންޓުގެ ސަބަބުން ރާއްޖޭގެ އެންމެ ހިތްގައިމު 50 ޑައިވް ސައިޓު ކަނޑައެޅި، އެ ސައިޓުތަކަށް ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިގެން ދާނެ ކަމަށެެވެ.
"ޑައިވް ސައިޓުތައް މި ކަނޑައަޅަނީ، 20 އަތޮޅު ކައުންސިލަށް ވެސް ފުރުސަތު ދީގެން، ރިސޯޓްތަކާ އެހެން ފަރާތްތަކުގެ ވެސް ބައިވެރިވުމާއެކު،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ކަނޑުތަކާއި ބެހޭ މައުލާުމާތު ފުޅާ ދާއިރާއެއްގަ ފޯރުކޮށްދޭ އޯޝަން ޖިއޮގްރަފިކްގެ ފައުންޑާ މައިކަލް އޯވް ވިދާޅުވީ އެއް ދުވަހެއްގައި 50 ސައިޓަށް ޑައިވް ކުރުމަށް ބާއްވާ އިވެންޓުގެ ސަބަބުން، އެ ސައިޓު ތަކުގެ މައުލޫމާތު ރިކޯޑު ކުރެވި، މުޅި ދުނިޔެއަށް އެ މައުލޫމާތު ފޯރުކޮށްދެވިގެން ދާނެ ކަމަށެެވެ. މި އިވެންޓަކީ އެ ޑައިވްސައިޓުތައް ހިމާޔަތް ކުރުމަށް ވެސް ލިބިގެން ދާނެ ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް އަދި އޯޝަން ޖިއޮގްރެފިކްގެ ފައުންޑާ މައިކަލް އޯވް -- އަދަދު ފޮޓޯ އަހުމަދު ސައީދު

"ރާއްޖޭގެ ފަރުތަކަކީ މުޅި ދުނިޔޭގަ ވެސް އެންމެ ހިތްގައިމު ފަރުތައް، ރާއްޖޭގެ ފަރުތަކަށް މިދިޔަ ދެ އަހަރު ދުވަހު ވެސް ވަނީ ދިރުން އައިސްފައި،" ކަނޑު އަޑީގެ ފޮޓޯ ނެގުމުގައި ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ މައިކަލް ވިދާޅުވި އެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފޮޓޯގްރާފަރުން، އެން ދުވަހެއްގައި މި 50 ސައިޓަށް ޑައިވްކޮށް ނަގާ ފޮޓޯތައް، ފަރުތަކުގެ ރީތިކަމާއި މުއްސަނދިކަން ބުނެދޭނެ."
މޯލްޑިވް އެސޯސިއޭޝަން އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ) ގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ އިވެންޓު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް އޮންނާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ. މި އިވެންޓުގައި ބައިވެރިވާ އޮޕަރޭޓަރުންގެ އަތުން 85 ޑޮލަރުގެ ފީ އެއް ނަގާއިރު، އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުގެ އަތުން ނަގަން ހަމަޖައްސާފައި ވަނީ 10 ޑޮލަރެވެ.
މި އިވެންޓާއި ގުޅިގެން ފަސް ކަމެއް ކުރިއަށް ގެންދަން ރާވާފައިވެ އެވެ.
- ހަދާނީ ފޮޓޯ ފޮތެއްގައި ކޮންމެ ސައިޓަކުން ހޮވޭ ތިން ފޮޓޯ ހިމަނާނެ
- ކޮންމެ ސައިޓެއްގެ އެންމެ މަގުބޫލު ތިން ފޮޓޯ އޮންލައިން ޕްލެޓްޕޯޓް ތަކުގައި ފީޗާ ކުރާނެ
- އެ ދުވަހު 50 ވަނަ ޑައިވް ކުރާ ފަރާތްތައް ފާހަގަކޮށް ކާޑެއް ދޭނެ
- 50 ވަނަ އުފަންދުވަހާ ދިމާކޮށް ޑައިވް ކުރާ ފަރާތްތަކަށް ހަދިޔާ ދޭނެ
- ހޮވޭ 150 ފޮޓޯ، ޖެނުއަރީ 2023 ގައި ކަނޑު އަޑީގައި ދައްކާލާނެ
ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައިއިރު އެންމެ ގިނައިން އައީ އިޓަލީގެ ޑައިވަރުންނެވެ. ރާއްޖޭގެ ޓޫރިޒަމް ފެށުނުތާ 50 އަހަރު ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.












