ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހި ފުރާނައަށް ނުރައްކާވެފައިވާ ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެެނެސްފި އެވެ.
މާލެ ގެނައި އާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.
ހޯމް މިނިސްޓްރީން ބުނީ އެ އާއިލާ ރާއްޖެ ގެނެސްފައި ވަނީ، ރާއްޖޭން ބޭރުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތަށް ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެ ފަރާތްތަކުގެ އާއިލާތަކުން ރައީސަށައި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިނިސްޓްރީން ބުނީ އެފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއައިސް އެއްވެސް ބާވަތެއްގެ ޖިނާއީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމައު އަށް ދޫވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ނިމުމަކަށް ގެނައުމަށާއި، އެފަދަ ހާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ގާނޫނުތަކާއި ގަވާއުދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކޮށް އެ ނިޒާމު ހިންގާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި،" ހޯމް މިނިސްޓްރީން ބުންޏެވެ.
އެމަސައްކަތް ކުރެވިފައިވަނީ އަދި މިހާރުވެސް ކުރެވެމުން ދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، ބައިނަލްއަގުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން، އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ހަމަތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އިސްވެދެންނެވި ފަދައިން، ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިއަދުވަނީ ރާއްޖެއަށް ގެނެވިފައި" ހޯމް މިނިސްޓްރީން ބުންޏެވެ.













