އަމިއްލަ ދެ ދަރިންނަށް ޖިންސީއަނިޔާ ދިނުމުގެ ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމެއް، ހައިކޯޓުން ދަމަހައްޓާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށް، އެމީހާ 20 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
ދެކުނުގެ ރަށެއްގައި 2013 ވަނަ އަހަރު އަމިއްލަ ދެ ދަރިންނަށް ޖިންސީ އަނިޔާދިން މީހާ އެކަން ކުރީ އެ ކުދިންގެ މަންމަ ރަށުން ބޭރަށް ދިޔަ ދުވަސްވަރަކާ ދިމާކޮށެވެ. އެމީހާއާ ދެކޮޅަށް އޭރުގައި ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެ މައްސަލައިގައި ހައިކޯޓުން ވަނީ ދަށުކޯޓުގެ ހުކުމް ދަމަހައްޓައި އެމީހާގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ.
އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ދަށުކޯޓުން ނިންމީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ (47) ވަނަ މާއްދާގައި ބުނާ ފަސް ބާވަތުގެ ހެކި ލިބިފައިނުވާ ކަމަށް ބުނެ އެވެ. އެކަމަކު އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ ރައުޔު ތަފާތުވި އިރު، ހެކިހުރި ކަމަށް ވެސް އެއް ރައުޔެއް އޮތެވެ. އެެހެން ނަމަވެސް ދަރިންނާ ބެހުނު މީހާ ސަލާމަތްވީ އެ ރައުޔަށް އަޣުލަބިއްޔަތު ނުލިބުމުންނެެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި އޮތީ އެފަދަ އެހެން މައްސަލަތަކުގައި މީގެ ކުރިން ލިބުނު ވަރަށް ވުރެ ވަރުގަދަ ހެކިތައް އެ މީހާއާ ދެކޮޅަށް އެބަހުރި ކަމަށެވެ.
އެއް ކަމަކީ ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރަނިކޮށް ފެނުނު ހެއްކަކު ހުރިއިރު، އެފަދަ ކަމަކަށް ޝައްކުވާ ގޮތަށް އޭނާ އެ ކުއްޖާއާ އެކު އުޅެނިކޮށް ފެނުނު ކަމަށް އެހެން މީހަކު ހެކިބަސް ދީފައި ވުމެވެ. އަދި ޖިންސީ ގޯނާކުރި ވާހަކަ ދެ ކުދިން އެއްގޮތަކަށް ތިން މީހުންނަށް ކިޔައިދީފައިވުމަކީ ވެސް އޭނާއާ ދެކޮޅަށް އޮތް ވަރުގަދަ ހެއްކެކެވެ.

ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާއަށް އެ މީހާ ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރަނިކޮށް ފެނުނު ކަމަށް އެ ކުދިންގެ ބޮޑުދައިތަ ބުނެފައިވެ އެވެ. އަދި އަނިޔާ ލިބުނު ކުއްޖާ އެކަމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތް އަޑު ވެސް އޭނާއަށް އިވުނު ކަމަށް ވެސް ހެކިބަސް ދެމުން ބޮޑު ދައިތަ ބުނެފައި ވެ އެވެ. އެ ވާހަކަ އެ ކުއްޖާ އާއިލާގެ އެހެން މީހަކަށް ވެސް ކިޔައިދިނެވެ. އަދި ދޮށީ ކުއްޖާއާ ވެސް އޭނާ ބެހުނު ކަމަށް އެ ކުއްޖާ ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ އިތުރުން ޑޮކްޓަރުންގެ ގާތުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މަންޒަރު ފެނުނު ބޮޑުދައިތަގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ފަދަ ސިކުނޑީގެ މައްސަލައެއް ފެންނަން ނެތް ކަމަށެވެ. އަދި ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން، އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް އޭނާ ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ އުމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުން ފެނިގެން ނުވާނެ ފަދަ ޒަހަމްތަކެއް ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާގެ ގުނަވަނުން ފެނިފައިވާކަން މެޑިކަލް ރިޕޯޓްތަކުން އެނގޭތީ އެއީ އެ މީހާ ޖިންސީ ގޯނާކުރުމުން ލިބުނު އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ. އެ ކުދިންގެ ވާހަކަތަކާ ލިބުނު އެހެން ހެކިތައް ގުޅުވާލުމުން އެ ކުދިންގެ ވާހަކަތަކަކީ އާދަޔާ ހިލާފް ތެދެއް ކަމަށް ގަބޫލު ކުރެވޭތީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އެ މީހާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.












