ޓެކްސްއާއި ގުޅުންހުރި މަދަނީ މައްސަލައެއްގެ ތެރެއަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތަދައްހުލުވުމަށް (މައްސަލައިގެ ތެރެއަށް ވަނުމަށް) ކުރި މަސައްކަތް ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބުވެއްޖެ އެވެ.
އަމީން ކޮންސްޓްރަކްޝަނަށާއި، ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ޖޫން 30، 2020 ގައި އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓް ނޯޓިސްއެއް ފޮނުވުމާ ގުޅިގެން، އެ ކުންފުނިން އެ މައްސަލަ ޓެކްސް ޓްރައިބިއުނަލްއަށް ގެންދިޔަ އެވެ. ޓްރައިބިއުނަލް ބެންޗުން އެ ނޯޓިސްގެ މައްޗަށް އޮޑިޓް ނުކުރެވޭނެ ކަމަށް ބުނެ ވަގުތީ އަމުރުތަކެއް ނެރުމާ އެކު މީރާއިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.
ޓެކްސް ޓްރައިބިއުނަލްގެ ނިންމުމަކީ މީރާއިން ފޮނުވި އޮޑިޓް ނޯޓިސްގެ މައްޗަށް ކުރާ ޖިނާއީ ތަހުގީގަށް ހުރަސްއެޅުން ކަމަށް ބުނެ، އެ މައްސަލައިގެ ތެރެއަށް ވަނުމަށް ޕީޖީއިން ހައިކޯޓުގައި އެދުނެވެ. ނަމަވެސް, އެ ހުއްދަ ހައިކޯޓުން ދީފައި ނުވުމުން އަލިމަގެއް ފެނޭތޯ ސުޕްރީމް ކޯޓަށް ދިޔަ އެވެ.
"މި މައްސަލާގައި މީރާއިން ނެރިފައިވާ އޮޑިޓް ނޯޓިސްއަކީ މީރާއިން ކުރާ ޖިނާއީ ތަހުގީގަކާ ގުޅިގެން ނެރެފައިވާ އޮޑިޓް ނޯޓިސްއެއްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ބުނެދެވިފައި ނެތުމުން، ޕްރޮސެކިއުޓާ ޖެނެރަލް ތަދައްހުލު ނުކުރުމަށް [އެ މައްސަލަައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށް] ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ނިންމި ނިންމުމެއްކަން އެނގެން ނެތް," އެ މައްސަލައިގެ ތެރެެއަށް ވަނުމުގެ ފުރުސަތު ޕީޖީއަށް ނެތް ކަމަށް މިއަދު ސުޕްރީމް ކޯޓުން ވެސް ކަނޑައެޅި އެވެ.
ޕީޖީން ގަބޫލުކުރާ ގޮތުގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރާ ހުރިހާ ބާވަތެއްގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބަލާ ކަށަވަރު ކުރުމަކީ އެ އިދާރާގެ މަސްއޫލިއްޔަތެކެވެ. އެގޮތުން, ޓެކްސް އޮޑިޓެއް ހެދުމަށް ނެރުނު ނޯޓިސްގެ ދަށުން ކުރާނީ ޖިނާއީ ތަހުގީގެއް ކަމަށް ޕީޖީން ގަބޫލު ކުރިޔަސް ދިފާއުން ބުނީ ހައިކޯޓުގެ ނިންމުގައި މައްސަލައެއް އޮތް ކަމުގައި ނުދެކޭ ކަމަށެވެ.

އެއީ އެ އެންގުމަކީ ޖިނާއީ އަމުރެއްކަން އެނގެން ނެތް ކަމަށް ހައިކޯޓުންވެސް ކަނޑައަޅާފައި ވާތީ އާއި، އެ އަމުރުން ޕީޖިން ތަސައްވުރު ކުރާ ޖިނާއީ ތަހްގީގަކަށް ހުރަސްއެޅިދާނެ އިހްތިމާލެއް ނެތުމުންނެވެ.
ދިފާއުގެ ވާހަކައަށް ބާރުދެމުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ މީރާގެ ނޯޓިސްއިން އެ އިދާރާއިން ކުރަން އުޅޭ އޮޑިޓްގެ ބާވަތް އެނގެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
"މޯލްސްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނެރޭ އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގޭނެ ގޮތަކަށް،" ކުރިއަށް އޮތް ތަނުގައި މީރާއިން އޮޑިޓް ނޯޓިސް ނެރޭއިރު، އެ ހުރިހާ މައުލޫމާތެއް ހިމަނަން ޖެހޭނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ކަނޑައެޅުއްވި އެވެ.













