ރަށްވެހިންގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި "ހޯރަފުށި ޑޭ"ގެ ނަމުގައި ދުވަހެއް ފާހަގަކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އަންނަ މޭ މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ ހޯރަފުށި ޑޭ ގައި ރަށު ރައްވެހިންގެ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް ރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެ ދުވަހާ ގުޅިގެން ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހޯރަފުށި ޑޭ ގެ މަގްސަދަކީ ތަފާތު އެކި ދާއިރާތަކުން ދިގު މުއްދަތަކަށް އެ ރަށަށް ޝަރަފްވެރި ހިދުމަތްތައް ކޮށްފައިވާ މީހުންނާއި ތަފާތު ދާއިރާތަކުން އަގުހުރި ހިދުމަތްތައް ރަށަށް ކޮށްދީފައިވާ އިއްޒަތްތެރިންގެ އަގުވަޒަން ކުރުން ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގައި، ގައުމީ ފެންވަރުގައި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި ހޯރަފުށީގެ ކުރިއެރުމާ ތަރައްގީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ހިދުމަތްތެރީންނާ، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ،" ކައުންސިލުން ހޯރަފުށި ޑޭ ފާހަގަކުރުމުގެ މަގްސަދުގެ ގޮތުގައި އެކަމަށްޓަކައި ނެރުނު އިއުލާނުގައި ބުނެ އެވެ.
ކައުންސިލުން އެ އިއުލާނުގައި އިތުރަށް ބުނީ ހޯރަފުށި ޑޭ ގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި ދިވެހި ބޭސްވެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުން ވެސް އޮންނާނެ ކަމަށެވެ.

އަދި ހަމަ ރަށުގެ މުއައްސަސާތަކާއި ކްލަބު ޖަމާއަތްތަކުގެ އިޖުތިމާއީ ރޫހު އާލާކުރުމާއި ރަށުވަންތަ ލޯބީގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމާއި އެފަދަ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުން ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ކައުންސިލުން ބުނެ އެވެ.
ހަމަ އެއާއެކު ތައުލީމީ، ސިއްހީ، ތިމާވެށި، ކުޅިވަރު އަދި ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ހުނަރުވެރި ޖީލެއް ބިނާކުރުމުގެ ރޫހު އުފެއްދުމަކީ ވެސް ހޯރަފުށި ޑޭ ފާހަގަކުރުމުގެ އެއް މަގްސަދުކަމަށް އެ އިއުލާނުގައި ބުނެ އެވެ.
އަދި ދީނީ ތައުލީމު ކުރިއެރުވުމަށް ހިތްވަރު ދީ، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ބާރު އަޅައި ދިވެހި ބަހާއި އަދަބިއްޔާތުގެ އިތުރުން ތާރީހާއި ސަގާފަތް ނަގަހައްޓާ ދެމެހެެއްޓުމަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރާ މީހުންގެ އަގުވަޒަންކުރުން ވެސް އެއީ ހޯރަފުށި ޑޭ ގެ އެއް މަގްސަދުކަމަށް ކައުންސިލުން އެ އިއުލާނުގައި ބުނެ އެވެ.
ކައުންސިލުން ވަނީ ހޯރަފުށި ޑޭގައި އެވޯދު ދޭ އެކި ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތައް އެ އެވޯޑަށް ކުރިމަތިލުމަށްޓަކައި މިހާރު ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަށްޓަކައި ހުށަހަޅަން ޖެހޭ ފޯމު ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން މިހާރު ލިބެން ހުންނާނެކަމަށް ކައުންސިލުން ބުނެ އެވެ.
އަދި ފޯމު އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލްގެ އީމެއިލް info@hoarafushicouncil.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. ފޯމު ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާނީ އަންނަ މަހުގެ 6 ގަ އެވެ.












