ރެޕްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާއަށް ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރި މައްސަލަ ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން ޕެސްޓް ދޫކޮށްލި މައްސަލަ މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާއިރު, މިހާތަނަށް އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ.
އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޕެސްޓް ޝަކުވާ ކުރުމުން ޝަރުތުތަކާ އެކު ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަހަށެވެ.
ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވެސް ދަމަހައްޓާފައިވާއިރު، ބޭސްފަރުވާއަށް ވެސް އޭނާ ދޫކުރުމަށް ޕިޖީއިން ދެކޮޅު ހެދި އެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި އޭނާގެ ފަރާތުން މުޖްތަމުގެ ސަލާމަތަށް ނުރައްކާވާނެ އިހްތިމާލު އެބައޮތެވެ.












