ރަޝިއާ އިން ޔޫކްރެއިނަށް އަރައި އެންމެ ގަދަޔަށް މިވަގުތު ހަމަލާ ދެމުން އަންނަ އެ ގައުމުގެ އިރުމަތީގައި އޮންނަ ހާރްކީވްގައި ތާށިވެފައި ތިބި އަށް ދިވެހިން ހުޅަނގު ޔޫކްރެއިނަށް ދިޔުމަށް ދަތުރު ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ވަނީ ޔޫކްރެއިންގެ ހުޅަނގަށް އެ ސިޓީގައި ތާށިވެފައި ތިބި އަށް މީހުން ދަތުރު ފަށާފައިވާ ކަމަށް ހާމަކޮށްފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ފޯނުން ގުޅުއްވައި އެ މީހުންގެ ހާލު ވެސް ބައްލަވާފަ އެވެ.
ހާރްކީވްގައި ތިބިއިރު އެ އަށް ދިވެހިން ވެސް ތިބީ އެ ސިޓީގައި ބޮން ޝެލްޓަރެއްގެ ގޮތުގައި ބޭނުންކުރާ ރޭލްވޭ ސްޓޭޝަނެއްގެ ތެރޭގަ އެވެ. އެ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.
ޔޫކްރެއިނުގައި ތާށިވި ދިވެހިން ގެނައީ ހަންގޭރީ މަގުންނެވެ. ހަންގޭރީ އަކީ ޔޫކްރެއިންގެ ހުޅަނގުން އެގައުމާ އިންވެގެން އޮންނަ ގައުމެކެވެ.
އެ ގައުމުގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި ވެސް ވަނީ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފަ އެވެ. އެެއީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިންގެ ރައްޔިތަކާއި އެ ދެމަފިރިންގެ ކުޑަ ދެ ކުދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިވަގުތު ޔޫކްރެއިންގައި ތިބީ އެހެންކަމުން ނުވަ ދިވެހިންނެވެ. ހާރްކީވް އިން ދަތުރު ފެށި އަށް ދިވެހިންގެ އިތުރުން ނީޕްރޯގައި ވެސް ދިވެއްސަކު އެބަހުއްޓެވެ.
ޔޫކްރެއިނު ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 1000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެ އެވެ. ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސިޓީއަކަށް ރަޝިޔާއިން ދަނީ ވަރަށް ބޮޑަށް ހަމަލާދެމުންނެވެ.
ހާރްކީވްގެ އިތުރުން އެހެން ސިޓީތަކުގެ މަގުތަކުގައި ވެސް ހަމަލާ ބަދަލުކުރަމުން ދާތީ އެ މީހުން ކުރާނީ ބިރުވެރި އަދި ދިގު ދަތުރެކެވެ. ނަމަވެސް، ޔޫކްރެއިންގެ ހުޅަނގަށް ދެވުމަކީ ހަންގޭރީއަށް އެތެރެވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެކެވެ.











