އިއްޔެ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވި ކަމަށް އަދި ނުނިންމާ ކަމަށް އޭނާއަށް ފަރުވާދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފާލް އަހުމަދު "އަދަދު"އަށް ވިދާޅުވީ އެ ހޮސްޕިޓަލުން އަދި އީމާން ނިޔާވި ކަމަށް "ޑިކްލެއާ" ނުކުރާ ކަމަށެވެ. އީމާން މިވަގުތު ވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ކަމަށް އަފާލް ވިދާޅުވި އެވެ.
އަފާލް އެހެން ވިދާޅުވިއިރު މިއަދު ދެ ފަހަރެއްގެ މަތިން އީމާން ނިޔާވެއްޖެ ކަމަށް މީޑިއާ އަދި ސޯޝަލް މީޑިއާގައި ހަބަރު ދައުރުވެފައިވެ އެވެ.
މީގެއިރުކޮޅެއްކުރިން އީމާންގެ އާއިލާ މެމްބަރަކު ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި އީމާންއާމެދު ޑޮކްޓަރުން އުއްމީދު ކަނޑާލައި ވެންޓިލޭޓަރުން ނަގަން ނިންމާފައިވަނިކޮށް, ޑޮކްޓަރުންނަށް ވަނީ އީމާންގެ ފަރާތުން އުއްމީދެއް ފެނިފަ އެވެ. އެހެންވެ, މިވަގުތު ވެސް ވެންޓިލޭޓަރަށް ގުޅައިގެން އީމާންއަށް އަންނަނީ ފަރުވާދެމުންނެވެ.
އީމާންއަށް އަނިޔާވީ ހުޅުމާލޭގައި ކުލަ ނުލައި ހުރި ބަންޕަރެއް މަތިން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލުމުގެ ސަބަބުންނެވެ. އިއްޔެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެ، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މާލެ ސިޓީ ކައުންސިލްގެ އޮފިޝަލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.













