ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިންގައި މިވަގުތު ޖުމްލަ 12 ދިވެހިން އެބަ ތިބި ކަމަށާއި އެމީހުން ތިބި ސަރަހައްދުތަކުގެ ގޮތުން އެ މީހުން ރައްކާތެރިކަމާއެކު ގައުމުން ބޭރަށް ގެންދިޔުމުގައި ބޮޑެތި ދަތިތަކެއް އެބަ ހުރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔޫކްރެއިންގައި މިވަގުތު 12 ދިވެހިން ތިބިއިރު އެމީހުން ތިބީ އެގައުމުގެ އިރުން އޮންނަ ތިން ސިޓީއެއްގައި ކަމަށެވެ.
އެގޮތުން ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ތިން ދިވެހިން ތިބިއިރު، ޑްނީޕްރޯގައި އެއް ދިވެއްސަކު އަދި ހާރްކީވްގައި ޖުމްލަ އަށް ދިވެހިން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރެއިންގައި ހަނގުރާމަ ފެށުމުގެ ކުރިން ޖުމްލަ 50 ދިވެހިން ތިބިކަމަށާއި، އެ މިނިސްޓްރީގެ އެހީތެެރިކަމާއެކު އޭގެ ތެރެއިން ގިނަ ދިވެހިން އެގައުމު ދޫކޮށް ގޮސްފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ އޭރު ބުނެފަ އެވެ.
އަދި ޔޫކްރެއިންގައި ބާކީ ތިބީ ފަސް ދިވެހިން ތިބި ކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މިއުވާން މިއަދު ވިދާޅުވީ ޔޫކްރެއިންގައި އަދިވެސް 12 ދިވެހިން ތިބިކަމަށް އެންމެ ފަހުގެ މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ މައުލޫމާތު ހިއްސާކުރިއިރު ހިއްސާކޮށްފަވާނެ ފަސް ދަރިވަރެއްކަމަށް. އެއީ އަޅުގަނޑުމެންނަށް އޭރު ރެޖިސްޓްރީވެފަ ތިބި ދަރިވަރުންގެ ތެރެއިން ވިސާގެ ކަންކަން ހަމަޖެއްސުމަށް އަދި ރެޒިޑެންސް ޕާމިޓް ހަމަޖެއްސުމަށްޓަކައި މަޑުކުރި ފަސް ދަރިވަރެއް. ދެން އޭގެ ފަހުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ތިން މެމްބަރުންގެ ދިވެހި އާއިލާއެއް ހާރްކީވްގަ ތިބިކަމަށް،" މިއުވާން ވިދާޅުވި އެވެ.
ހާރްކީވްގެ އިތުރުން ކިއޭވްގައި ތިން ދިވެހިންނާއި ޑްނީޕްރޯގައި އެއް ދިވެއްސަކު އެބަ ހުރިކަމަށް މިއުވާން ވިދާޅުވި އެވެ. އެ ހުރިހާ އެންމެން ވެސް އެގައުމުން ނެރުމުގައި އެހީތެރިވުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މީހުން ތިބި ސިޓީތަކަކީ މިވަގުތު ހަނގުރާމައެއް އެންމެ ވަރުގަދައަށް ހިނގަމުންދާ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުކަމުން އެކަމުގައި ބޮޑެތި ދަތިތަކާއި ނުރައްކަލާ ކުރިމަތިވާކަމަށް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އެދިވަޑައިގެންނެވުމުގެ މަތީން، ޔޫކްރެއިން ދޫކޮށް ދާ ދިވެހިންނަށް ރައްކާތެރިކަމާއެކު ހަންގެރީއަށް އެތެރެވުމުގެ ކަންކަން އެ ގައުމުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެގޮތުން މީގެ ކުރިން ޔޫކްރެއިންގެ އިވަނޯވް ފްރޭކްވިސްކްގައި ތިބި 15 ދިވެހިން ވެސް ރައްކާތެރިކަމާއެކު ހަންގޭރީއަށް ދަތުރުކޮށްފައިވާ ކަމަށާޢި އެ މީހުން މިރޭގެ ވަގުތެއްގައި ރާއްޖެ އައުމަށް ދަތުރު ފަށާނެކަމަށް މިއުވާން ވިދާޅުވި އެވެ.
ނަމަވެސް ހަންގޭރީ އަކީ ޔޫކްރެއިންގެ ހުޅަނގަށް އޮންނަ ގައުމެއްކަމުން ޔޫކްރެެއިންގައި މިހާރު ތިބި ދިވެހިން ހަންގޭރީއަށް ދިޔުމަށް ދިގު ދަތުރެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިވަގުތު ހަނގުރާމަ ކުރަމުންދިޔުމުގެ އިތުރުން ކާފިއު ވެސް ހިންގާފައިވާތީ އެއީ ނުރައްކާތެރި ދަތުރެއްކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން މިވަގުތު އަޅުގަނޑުމެން ޔޫކްރެއިނުން ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ ޖުމްލަ 12 ފަރާތް. މި ހުރިހާ ފަރާތްތައްވެސް މިތިބީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގަ. ވަރަށް ދުރު ހިސާބުތަކުގެ ހަގީގަތުގަ މި ފަރާތްތައް މިތިީބީ. އެހެންކަމުން އެ ދަރިވަރުންނާއި އާއިލާތައް ހަންގެރީ ބޯޑަރު ސަރަހައްދަށް ގެންދިޔުމަށް ވަރަށް ގިނަ ހުރަސްތަކެއް އެބަ ހުރި،" މިއުވާން ވިދާޅުވި އެވެ.

ޔޫކްރެއިންއިން ނިކުތުމަށް ދިވެހިން ކުރަން ޖެހެނީ ދިގު ދަތުރެއް.
މިއުވާން ވިދާޅުވީ ކިއޭވްގައި ތިބި ދިވެހިން ހަންގެރީއަށް ދަތުރުކުރާނަމަ އެއީ 11 ގަޑިއިރުގެ ދިގު ދަތުރެއް ކަމަށެވެ. އަދި ޔޫކްރެއިންގެ އެންމެ އުތުރުން ރަޝިޔާއާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ހާރްކީވްގައި ތިބި ދިވެހިން ހަންގޭރީއަށް ދާނަމަ ޓްރެފިކްއާހެދި 32 ގަޑިއިރުގެ ދަތުރެއް ކުރަންޖެހިދާނެ ކަމަށެވެ. އަދި ޑްނީޕްރޯއިންވެސް ދަތުރުކުރާނަމަ އެހާ ވަގުތު ހޭދަވާނޭކަމަށް މިއުވާން ވިދާޅުވި އެވެ.
"ހާރްކީވް އިން އެތަނަށް ދަތުރުކުރުމަށް ޓްރެފިކް ނުލާ އެބަ ނަގާ 16 ގަޑިއިރު. އަދި މިހާލަތު އޮތް ގޮތުން ޓްރެފިކް ތޮއްޖެހިފަ އޮތްކަމަށްވާނަމަ ދެގުނަ ވަގުތު ދާނެކަމަށް ބެލެވެނީ. ޑްނީޕްރޯއިންވެސް ހަމަ ގާތްގަނޑަކަށް 16 ގަޑިއިރު އެބަ ނަގާ. ދެން ކިއޭވްއިން ބަލާއިރު ގާތްގަނޑަކަށް 11 ގަޑިއިރު އެބަ ނަގާ، ދެން އެހާ ފަސޭހައެއް ނޫން ހާލަތު އޮތް ގޮތުން ދަތުރުކުރުން،" މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ ފޮރިން މިނިސްޓްރީން އަދިވެސް މަސައްކަތްކުރަމުން ދަނީ އިތުރު އެހެން މަގަކުން ވެސް ތާށިވެފައިތިބި ދިވެހިން ރައްކާތެރި ސަރަހައްދަކަށް ގެންދިޔުމަށް ކަމަށެވެ. އަދި މިވަގުތު ޔޫކްރެއިންގައި ތިބި 12 ދިވެހިންގެ ތެރެއިން ހާރްކީވްގައި ތިބި ބައެއް ދިވެހިންނަށް ކާބޯތަކެއްޗާއި ފައިސާ ނެގުމުގައި ދަތިތަކެއް ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ޔޫކްރެއިންގެ ހާލަތާ ގުޅިގެން އެގައުމާއި ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލުވެސް ފޮރިން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
އެގޮތުން ޔޫކްރެއިންއާއި ޖެހިގެން އޮންނަ ބެލަރޫސްގައި ޖުމްލަ 137 ދިވެހިން އެބަތިބި ކަމަށާއި ރަޝިޔާގައި 88 ދިވެހިން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގައި ދިވެހިން ތިބި ސަރަހައްދުތައް.
އެގައުމުތަކުގައި ތިބި ދިވެހިންނާވެސް ފޮރިން މިނިސްޓްރީއާ ގަވައިދުން ގުޅުން އޮންނަ ކަމަށާއި އެ މީހުންގެ ފަރާތުން އެމީހުންނަށް މާ ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމުގެ މައުލޫމާތުތަކެއް އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
މިއުވާން ވަނީ މިވަގުތު ވެސް ޔޫކްރެެއިން، ބެލަރޫސް އަދި ރަޝިޔާ ސަރަހައްދުގައި ތިބި ދިވެހިން ރެޖިސްޓާ ނުކޮށް ތިބިނަމަ، ރަޖިސްޓާކުރުމަށް އެދިފަ އެވެ. އަދި އެއީ ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ފަސޭހަ ގޮތްކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަންގަވާލަ ދެއްވާށޭ އެބޭފުޅުން ތިއްބެވިކަން. އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަން ޖެހޭ ހާލަތުގަ އެ ތިއްބެވިކަން ނޭނގޭކަމަށްވާނަމަ އަޅުގަނޑުމެން މި ބޭނުންކުރާ ނަމްބަރު ބޭނުންކޮށްގެން އެބަ ދަތިތަކެއް ދިމާވޭ."











