ރަޝިޔާއިން ހަމަލާ ދެމުންދާ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ހާރްކީވްގައި ތިބި ދިވެހި ދަރިވަރުންނަށް އެ ސިޓީން މިވަގުތު ނިކުމެވޭނެ ގޮތެއް ނެތް ކަމަށް އެ ދަރިވަރުން ބުނެފި އެވެ.
ރަޝިޔާއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔޫކްރެއިންނަށް ހަމަލާދޭން ފެށިއިރު، ރަޝިޔާއާ ޔޫކްރެއިން ގުޅޭ ބޯޑަރާއި އެންމެ ކައިރީގައި އޮންނަ އެއް ރަށްކަމުގައިވާ ހާރްކީވްގައި ދިވެހި ފަސް ދަރިވަރަކު އެބަ ތިއްބެވެ.
އެމީހުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނީ މިވަގުތު އެހުރިހާ ދަރިވަރުން ވެސް ދިރިއުޅެމުން ދަނީ ބޮން ޝެލްޓަރެެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ހާރްކީވްގެ ބިމުއަޑީ މެޓްރޯ ސްޓޭޝަނެއްގައި ކަމަށެވެ.
އެ ދަރިވަރުން ބުނީ އެ ސިޓީއިން ނިކުމެވޭނެ ރައްކާތެރި ގޮތެއް ހޯދުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރާ ކަމަށާއި ނަމަވެސް އަދި އެ ސިޓީން ނިކުމެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ބޮމުގެ ހަމަލާތަކުގެ އަޑުއިވޭ ކަމަށް އެ ދަރިވަރުން ބުނެ އެވެ.
ބަޔާނުގައި އެ ދަރިވަރުން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަންވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެ ދަރިވަރުންނަށް އެ ސިޓީއިން ރައްކާތެރިކަމާއެކު ނިކުތުމަށް އެހީތެރިވާން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި އެ މަސައްކަތުގައި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް އެ ދަރިވަރުން ބުނެ އެވެ.

އިނގިރޭސި ބަހުން އާންމުކުރި އެ ބަޔާނުގައި އެ ދަރިވަރުން ބުނީ އެމީހުންނަށް ރައްކާތެރިކަމާއެކު ޔޫކްރެއިނުން ނިކުމެވެން އޮތީ އެ ގައުމުގެ ހުޅަނގު ބޯޑަރާއި ހަމަޔަށް ދެވިގެން ކަމަށެވެ. ނަމަވެސް އެމީހުން ތާށިވެފައި ތިބި ހާރްކީވްއަކީ އެގައުމުގެ އުތުރު އިރުމަތީ ބޯޑަރު ކައިރީގައި އޮންނަ ރަށެއްކަމުން ދަތުރު ކުރަން ޖެހެނީ ވަރަށް ދުރަށް ކަމަށް އެ ދަރިވަރުން ބުނެ އެވެ.
އަދި ހަނގުރާމައިގެ ހާލަތުގައި އެފަދަ ދިގު ނުރައްކާތެރި ދަތުރެއް ކުރެވޭނެ ގޮތެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެ އެވެ. އަދި މިވަގުތު ހާކިވްއިން އެހެން ރަށަކަށް ދަތުރުކުރަން ހިދުމަތްދޭ ބަހުގެ ހިދުމަތެއް ވެސް ނެތްކަމަށް އެ ދަރިވަރުން ބުނެ އެވެ.
ޔޫކްރެއިން-ރަޝިޔާ ހަނގުރާމައަށް މިހާރު ތިން ދުވަސްވެފައިވާއިރު، ބޭރު ދުނިޔޭގެ އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުންނަމަ ރަޝިޔާއިން މިހާރު ވަނީ ހާކިވް އަދި ޔޫކްރެއިންގެ އެހެން ބައެއް ރަށްތަކަށް ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލައި ހަނގުރާމައިގެ އަމާޒު ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ބަދަލުކޮށްލާފަ އެވެ. ހަނގުރާމަ ފެށެން ކައިރިވިއިރު، ޔޫކްރެއިންގައި 50 އަކަށް ދިވެހިން ދިރިއުޅެމުން ދިޔަ އެވެ.
ހަނގުރާމަ ފެށުމުގެ ކުރިން އޭގެ ތެރެއިން ގިނަ މީހުން އެ ގައުމުން ބޭރުވިނަމަވެސް ބައެއް މީހުންނަށް ވަނީ ނިކުމެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އޭގެ ފަހުން ވެސް އެކި ގޮތްތައް މެދުވެރިކޮށް ޔޫކްރެއިންގެ ހާކިވް ފިޔަވައި އެހެން ރަށްރަށުގައި ތިބި ބައެއް ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފަ އެވެ.











