ރަޝިއާ އިން އިއްޔެއްސުރެ ހަމަލާ ދެމުންގެންދާ ޔޫކްރޭނުގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިނާއި ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އުޒްހޯޑުގައި ގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ އެންމެންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިރޭ ހަންގޭރީގެ ފޮރިން މިނިސްޓަރާ ގުޅުއްވައި ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
"ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެޤައުމުން ދިން،"
އެ އެންމެންނަށް ބުޑަޕެސްޓަށް ދެވޭތާ ދެ ދުވަހުގެ ތެރޭގައި ރާއްޖެ އާދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މީހުންނަށް ކުރިން ނުފުރުނީ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވާސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުންނެވެ. އޭގެ ތެރޭގައި ވިސާ އައު ކުރުން ފަދަ ކަންކަން ހިމެނެ އެވެ. ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ އެވެ.
މީގެ އިތުރުން ނިޕްރޯގައި ހުރި ދަރިވަރު ވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ.











