ޕްރައިވެޓް ކުންފުނިތަކުން ސިއްހީ ހިދުމަތް ދިނުމަށް "އެއްވެސް ކަހަލަ" ހުރަހެއް ނޯންނާނެ ކަމަށާއި ސަރުކާރުން އެދެނީ ބޮޑެތި އާބާދީތައް ހުންނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހޮސްޕިޓަލު އެޅުމަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވައި، މެމްބަރުން ކުރިމަތިކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ނަސީމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ސިއްހީ ހިދުމަތް ދިނުމަށް އޭނާގެ "އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނޯންނާނެ" ކަމަށެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ސިއްހީ ހިދުމަތް ހަމައެކަނި ދޭންޖެހޭނީ ސަރުކާރުން ކަމަށް އިނގޭތޯ. އެހެންވީމަ އަޅުގަނޑު މި ދިރާސާތައް ކުރަމުން މި ގެންދަނީ. އަޅުގަނޑުގެ އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނޯންނާނެ ރާއްޖޭގެ އެއްވެސް ދިމާލެއްގައި ޕްރައިވެޓް ހޮސްޕިޓަލު ހެދުމުގައި،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ ރާއްޖޭގެ ބޮޑެތި އާބާދީތައް ހުންނަ ރަށްރަށުގައި އަމިއްލަ ހޮސްޕިޓަލެއް ނެތުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ރަށެއްގައި ހޮސްޕިޓަލު އަޅަން ބޭނުންވާ ފަރާތަކަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރަން ރާއްޖޭގެ ރަށެއްގައި، ބޮޑެތި އާބާދީތައް އޮންނަ ތަންތަނުގައި ޕްރައިވެޓް ހޮސްޕިޓަލެއް ނެތީމަ ވެސް. އެހެންވީމަ އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދޭނަން އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރަށެއްގައި ހޮސްޕިޓަލެއް އަޅާ ނަމަ އެކަމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލާ ވެސް މަޝްވަރާކޮށްގެން ކަމަށެވެ. އެއީ މަސައްކަތުގައި ވަކި ފެންވަރެއް ހިފެހެއްޓުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަށް ހުށަހެޅީމަ އަޅުގަނޑުމެން އެކަން ބަލާފަ އެފަރާތްތަކަށް ހުއްދަ ދޭނަން އެއީ އެކަމަށް އެކަށީގެންވާ ފަރާތެއް ވެއްޖެއްޔާ،" ނަސީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ނަސީމް މިއަދު ހާޒިރު ކުރެއްވީ ގދ. ތިނަދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލު ހެދުމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު އޮޅުންފިލުވުމަށް ތިނަދޫ ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވުމުންނެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އާ ހޮސްޕިޓަލު އެޅުމަށް މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ސަރުކާރުން އިއުލާން ކުރާނެ ކަމަށެވެ. މިހާރު ސަރުކާރުން ކުރާ މަސައްކަތަކީ ތިނަދޫގައި މިހާރު ވެސް ހުރި ހޮސްޕިޓަލު ތަރައްގީ ކުރުން ކަމަށް ނަސީމް ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ބައެއް ތަފްސީލުތައް ވެސް މެމްބަރުންނަށް މިނިސްޓަރު މިއަދު ހިއްސާ ކުރެއްވި އެވެ.













