އުތުރުގެ ރަށެއްގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާ ދޫވި މައްސަލައަށް ހައިކޯޓުން ހައްލެއް ނުލިބުމުން، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށުގެ ދައުވާއާ، އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ އިތުރުން އެ ކުއްޖާއަށް އޭނާގެ ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެންމެ ފުރަތަމަ ވެސް އެ މައްސަލަ ނުބެލޭނެ ކަމަށް މެޖިސްޓްރޭޓް އާދަމް ސަލީމް ނިންމެވި އެވެ.
އެފަދައިން އެރަށު ކޯޓުން ނިންމީ ނ. މަނަދޫ، ރެޑްސްޓަރ، މުހައްމަދު ޝިފާއުއަށް ކުރެވޭ ޖިންސީ ކުށުގެ ތުހުމަތުގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރި ފަހުން 45 ދުވަސް ވެގެން ދިޔައިރުވެސް ދައުވާ އުފުލާފައި ނުވާތީ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ބަންދުގައި ހުންނަ މީހެއްގެ މައްޗަށް 45 ދުވަސް ތެރޭ ދައުވާ އުފުލަން ޖެހޭނެ އެވެ.
ނަމަވެސް އެ ނިންމުން ބާތިލްކުރުމަށްފަހު، ފެބްރުއަރީ 11، 2020 ގައި ހައިކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ދައުލަތުން އަލުން ހުށަހަޅައިފި ނަމަ ބެލުމަށް އަމުރުކޮށްފަ އެވެ.
އޭގެ 162 ދުވަސް ފަހުން އަލުން އެ މައްސަލަ އެ ކޯޓަށް ހުށަހެޅުމުން ވެސް މެޖިސްޓްރޭޓް ސަލީމް ނިންމެވީ އެ މައްސަލަ ކޯޓަށް ބަލައިނުގަނެވޭނެ ކަމަށެވެ. އެ ނިންމުމަށް މިދިޔަ ހަފްތާ އަންގާރު ދުވަހު ހައިކޯޓުން ވެސް ތާއީދުކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ދެވަނަ ފަހަރަށް މައްސަލައެއް ހުށަހަޅަން މަތީ ކޯޓަކުން އަންގައިވާ ހަލަތެއްގައި، ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ހުށަހެޅުމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ނިންމުން ރަނގަޅު ކަމުގައި ނުދެކޭ ކަމަށެވެ.
"ޖިނާއީ އިޖުރާތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު މިކަހަލަ މައްސަލަތަކަށް އެޕްލައި ކުރެވިފާނެ ކަމަށް އަޅުގަނޑުމެން ނުދެކޭތީ، އަދި ގާނޫނުގައި ވަކި މުއްދަތެއްގައި ކުރުމަށް ބަޔާން ކޮށްފައި ނުވާއިރު، ގާނޫނަކުން މުއްދަތެއް ކަނޑަނާޅާ ހިނދަކު ކޯޓުން ވަކި މުއްދަތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުން ޖާގަ ނުދޭތީ،" އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމި ސަބަބު ކިޔައިދެމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވި އެވެ.
ޖިނާއީ މައްސަލައެއްގެ ދައުވާ ފޯމު އަލުން ދަށުކޯޓަށް ހުށަހެޅުމަށް މަތީ ކޯޓަކުން ނިންމާ ހާލަތުގައި، އެ މައްސަލައެއްގެ ދައުވާ ފޯމާއި، ލިޔުންތައް ދަށު ކޯޓަށް ހުށަހަޅަން ޖެހޭ މުއްދަތު މިހާތަނަށް އެއްވެސް ގާނޫނެއް ގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި ނުވެެ އެވެ.
ނަމަވެސް މާނަކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި "ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ނަމަ އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސް މިނުމުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތަށް" ކަމަށް ބަޔާންކޮށްފައި ވާތީ، ހައިކޯޓުން ނިންމެވީ އެރަށު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ނިންމީ ރަނގަޅަށް ކަމަށެވެ.
"...އެހެންކަމުން، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަގާދުމުގެ އުސޫލު [ވަކި މުއްދަތެއް ފަހަނައަޅައި ދިއުމަށްފަހު ކަމާ ބޭ ގޮތުން ދައުވާ ނުކުރެވޭ ކަމަށް ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުން] މި މައްސަލައަށް ތަތުބީގު [ބޭނުން] ކޮށްފައި ވަނީ އެ މާއްދާގެ ރޫހާ ހިލާފުވާ ގޮތަށް ކަމަށް ނުފެނެއެވެ." އެފަދައިން ބަލަންޖެހޭ ފަދަ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ކުރެއްވި ހުކުމުގައި ވެއެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދާ، ފަނޑިޔާރު ފާތިމަތު ފަރްހީޒާ ތާއީދުކޮށްފައިވާ އެ ނިންމުމުގައި ވަނީ މީހެއްގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާ ހުށަހެޅުމަށް ގާނޫނުގައި ވަކި އިމެއް ނެރުމަކީ މުއްދަތެއް ނެތި ބޭނުން ދުވަހަކު އެފަދަ ބާވަތުގެ މައްސަލަ ހުށަހެޅުމަށް ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހައިކޯޓު މަރުހަލާގައި ދައުލަތުން ބުނީ އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުން ވެސް ކޯޓަށް ހުށަނޭޅި ލަސްވީ ކޮވިޑްގެ ހާލަތު ގޯސްވެ، ސަރުކާރުގެ އިދާތައް ބަންދުކޮށް، މާލެ ސަރަހައްދު ފުރަބަންދު ކުރުން ކަމަށެވެ.
ނަމަވެސް ޝަރީއަތުން ބުނީ ފުރަބަންދުގެ ހާލަތު އިއުލާނުކުރީ މާޗް 19، 2020 ގައި ކަމަށާއި، އެއަހަރުގެ ފެބްރުއަރީ 11 ގައި ދެވަނަ ފަހަރަށް އެ މައްސަލަ ވެއްދޭނެ ކަމަށް ކަނޑައަޅާ ހައިކޯޓުން އަމުރު ނެރިފައި ވާތީ، އެ ދެމެދުގައި ދައުވާ ފޯމާއި ލިޔުންތައް އަލުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެއީ އެކަށޭނެ ވަގުތެއް ކަމަށް ހައިކޯޓުން ގަބޫލުކުރެ އެވެ.












