ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ޓެރަރިޒަމް ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރި ކަމަށް ބުނާ އަދި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ފަރާތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ހދ. ނޭކުރެންދޫ، ޝާޒިން، އަހުމަދު މުނާޒް ނުވަތަ "އަބޫ ޔޫސުފް" ގެ މައްޗަށް އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
މުނާޒުގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ އެވެ. އެ ދައުވާތަކުގައި ބުނެފައި އޮތީ "އަބޫ ޔޫސުފް" ގެ ނަމުގައި މުނާޒް ހިންގި ފޭސްބުކް އެކައުންޓަކުން ދައުލަތަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ދެ މީހެއްގެ އަތުން ވެސްޓާން ޔޫނިއަން މެދުވެރިކޮށް ބޭރު ދެ ގައުމަކުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
އެ ދެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކަނޑައަޅުއްވާފައި ވަނީ ފުލުހުންގެ ތަހުގީގުގައި ގިނަ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ މީސްމީޑިޔާގައި ހަރުކަށި ފިކުރު ފެތުރުމަށް މުނާޒް ބޭނުންކުރި ކަމަށް ތުހުމަތުކުރާ އެކަންއުންޓަށް އޭނާގެ ލެޕްޓޮޕުންނާއި، ފޯނުން ވަދެފައި ވޭތޯ ފުލުހުން ބަލާފައި ނުވާ ކަން ގާޒީ ފާހަގަކުރެއްވި އެވެ. އަދި އެކަން ތަހުގީގީ މަރުހަލާގައި ކުރި ނަމަ، "އަބޫ ޔޫސުފް" ގެ ނަމުގައި ދީނީ ހަރުކަށި ފިކުރު ފެތުރި ކަމަށް ތުހުމަތުކުރާ އެކައުންޓް، މުނާޒް ބޭނުންކުރިކަން ސާބިތުވުމަށް އޮތް ފުރުސަތު ބޮޑު ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން މީހުންގެ ފޯނުން މުނާޒް ފޭސްބުކަށް ވަންނަ ކަމަށް ޝަރީއަތުގައާ، ފުލުހުންގެ ތަހުގީގުގައި ވެސް ބުނެފައިވާއިރު، އެ އެކައުންޓަށް ވަދެފައި ވަނީ ކޮން ވަސީލަތްތަކަކުންތޯ އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށާއި އެކަމުގެ އެއްވެސް ތަފްސީލެއް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް ގާޒީ ހުކުމުގައި ވިދާޅުވެފައި ވެއެވެ.

"...[ހަރުކަށި ފިކުރު ފެތުރުމަށް ކޮށްފައިވާ] ޕޯސްޓްތަކަކީ މުހައްމަދު މުނާޒް ކޮށްފައިވާ ޕޯސްޓްތަކެއްކަން ސާބިތުކުރުމަށް ނުވަތަ ސީދާ މުހައްމަދު މުނާޒްއާ ގުޅުވާލުމަށް އިތުރު ހެކި ގަރީނާ [ދައުލަތުން] ހުށަހަޅާފައެއް ނުވޭ،" އަބޫ ޔޫސުފްގެ ނަމުގައި ހަދާފައިވާ އެކައުންޓުން ހަރުކަށި ފިކުރު ފެތުރި ކަމުގެ ދައުވާ ސާބިތު ނުވި ސަބަބު ބަޔާން ކުރަމުން ގާޒީ ހުކުމުގައި ލިޔުއްވާފައި ވެއެވެ.
ވެސްޓާން ޔޫނިއަން މެެދުވެރިކޮށް އެމެރިކާގައި އުޅޭ އައިއެސް މީހެއް ކަމަށް އެ ގައުމުން ކަނޑައަޅާފައިވާ ލިއޮނަލް ވިލިއަމްސް އާއި ޕާކިސްތާނުގައި އައިއެސް ފިކުރަށް ތާއީދު ކުރާ މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އިމްރާންގެ ފަރާތުން މުނާޒްއާ ދެމެދު ހިނގި ފައިސާގެ މުއާމަލާތުތަކެއް ދައުލަތުން ހުށަހެޅި ނަމަވެސް އެ ދައުވާ ވެސް ސާބިތު ނުވީ ތަހުގީގުގައި ހެދުނު ގޯސްތަކަކުން ކަން ހުކުމުން އެނގެން އޮވެ އެވެ.
އައިއެސްގެ ފަލްސަފާ ފެތުރުމަށް "އަބޫ ޔޫސުފް" ގެ ނަމުގައިވާ ފޭސްބުކް އެކަންޓުން ދައްކާފައިވާ ބައެއް ވާހަކަތައް:
- ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވޭ
- ޑިމޮކްރެސީގެ ނިޒާމަކީ ކުފުރު ނިޒާމެއް ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވޭ
- ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދޭ މީހުންނަކީ މުޝްރިކުން ކަމަށާއި، އެއީ އިސްލާމުން ނޫންކަން ދޭހަވާ މޭރުމަކުން ޕޯސްޓެއް ކޮށްފައިވޭ
- ދިވެހި ސަރުކާރަކީ ކުފުރު ސަރުކާރެއް ކަމަށް ބުނެފައި ވޭ
- ޖިހާދަށް ދިއުމަށް ހިތްވަރު ދީ އެތައް ޕޯސްޓުތަކެއް ކުރި
އެގޮތުން ވެސްޓާން ޔޫނިއަން މެދުވެރިކޮށް ރެމިޓެންސް ހިދުމަތް ފޯރުކޮށްދޭ އައިލެންޑް ފައިނޭޝަލް ސާވިސްއިން ކޯޓު އަމުރެއް ނެތި، މުނާޒްގެ ކުރި މާލީ މުއާމަލާތްތައް ހޯދާފައި ވަނީ ބޭންކިން ގާނޫނުގެ ދަށުން، ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކުންފުންޏަށް ބޭންކިން ލައިސެންސެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައި ނުވާ ކަމަށް ހުކުމުގައި ވެއެވެ.
އެހެންވެ، އެކުންފުނި މެދުވެރިކޮށް، ހޯދާފައިވާ ހެކިތަކަށް ޝަރީއަތުން ބަރުދަން ދީފައެއް ނުވެ އެވެ.
"...ބޭކިން ލައިސެންސް ލިބިފައި ނުވާ، ދިވެހިރާއްޖޭގައި ބޭންކިން ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިނުވާ ފަރާތެއްގެ މައްޗަށް ޖިނާއީ އިޖުރާތުގެ ގާނޫނުގެ 72 ވަނަ މާއްދާ [ތަހުގީގީ އިދާރާއަށް ބޭންކް އެކައުންޓްތައް މޮނީޓާ ކުރުމާ ގުޅޭ މާއްދާ] ގެ ގާނޫނީ ބާރު ހިނގާނެ ކަމަށް [ދައުލަތުން] ބުނުމަކީ ގާނޫނީ ގޮތުން ރަނގަޅު ބުނުމެއް ނޫން،" ވެސްޓާން ޔޫނިއަންއަށް ބޭންކިން ގާނޫނު ނުހިނގާނެކަން ބަޔާންކޮށް ގާޒީ ހުކުމުގައި ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، ޓެރެރިޒަމްއަށް ފައިނޭސް ކުރުމުގެ ދައުވާ މުނާޒުގެ މައްޗަށް އުފުލާފައިވާއިރު، އެ ފައިސާ ދެ ޓެރެރިސްޓެއް އަތުން ހޯދި ކަމަށް ބަޔާން ކުރި ނަމަވެސް، އެ ފައިސާއިން މުނާޒް ހިންގަން އުޅުނީ ކޮން ޓެރެރިޒަމްގެ އަމަލެއްކަން ދައުލަތަށް ކިޔައިދެވިފައި ނުވާތީ، ގާޒީ ނިންމެވީ އެ ދައުވާގެ އުންސުރުތައް ހަމަ ނުވާ ކަމަށެވެ. އެހެންވެ އެ ދައުވާވެސް ސާބިތު ނުވާ ކަމަށް ކަނޑައެޅި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުނާޒް، ހުކުމާއެކު ބުރާސްފަތި ދުވަހު މިނިވަން އެވީ ދެ އަހަރަށް ފަހު އެވެ.













