ރާއްޖޭގައި ހުންނަ ހައިކޮމިޝަން ރަސްމީކޮށް ހުޅުވައި ޔޫރަޕުގެ ގައުމަކުން ރާއްޖޭގައި ގާއިމުކުރި އެންމެ ފުރަތަމަ ޑިޕްލޮމެޓިކް މިޝަނަކަށް އިނގިރޭސިވިލާތުގެ ހައިކޮމިޝަންވެއްޖެ އެވެ.
ފެބްރުއަރީ 15، ގައި ހައިކޮމިޝަން ހުޅުއްވައި ދެއްވީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ އިނގިރޭސި ސަރުކާރުގެ ފޮރިން، ކޮމަންވެލްތު އަދި ޑެވެލޮޕްމަންޓް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ކޮމަންވެލްތު ލޯޑް ތާރިގް އަހްމަދު އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތް ގުޅުމާއި ގުޅޭ ގޮތުން މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ވީޑިއޯ ސްޓޭޓްމަންޓްގައި ވާހަކަ ދެއްކެވި އެވެ.
"ހައިކޮމިޝަން ހުޅުވިގެން ދިޔުމުން ވެސް ދައްކުވައިދެނީ ދެ ގައުމުން ވެސް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ މަންޒަރު. އިނގިރޭސިވިލާތަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމު. އދ. ގެ މެމްބަރު ގައުމަކަށް ކުދި ގައުމުތަކަށްވުމުގައި ގޮންޖެހުންތަކެއް ހުރި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެއަށް އެ ޖަމާއަތުގެ މެމްބަރުކަން ހޯދައިދިނުމަށް ކުރި މަސައްކަތްތައް އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނާނަން،" އެ ރަސްމިއްޔާތުގައި ޝާހިދު ދެއްވި ވީޑިއޯ ސްޓޭޓްމަންޓުގައި ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ އަދި ސިޔާސީ ގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގައި އިނގިރޭސިވިލާތަކީ މުހިންމު ބައިވެރިޔެއް ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ.

"ހައިކޮމިޝަން ހުޅިވިގެންދިޔަ މައިގަނޑު ސަބަބަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން. ބައިނަލްއަގްވާމީ މަޝްރަހުގައި ދެ ގައުމުން ވެސް އަންނަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުން. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާއީ މައްސަލަތަކާއި، އދ. އާއި ކޮމަންވެލްތާ ގުޅުންހުރި ކަންކަން ހިމެނޭ،" މި ނޫހަށް މައުލޫމާތު ދެއްވަމުން އިނގިރޭސި ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ އިނގިރޭސި ރައްޔިތުންނަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދޭނީ އަލަށް ހުޅުވި ހައިކޮމިޝަނުންނެއް ނޫނެވެ. އެ ހިދުމަތްތައް ދެމުންދަނީ ލަންކާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް މާލޭގައި ހުންނަވާ ހޮނަރަރީ ކޮންސުލް އެކެވެ.
"އިނގިރޭސިވިލާތަށް ދަތުރުކުރާ މެޖޯރިޓީ ދިވެހިން ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް އެގައުމަށް ދާނަމަ ވިސާ ބޭނުމެއް ނުވާނެ. ނަމަވެސް، މަސައްކަތްކުރުމަށް، ކިޔެވުމަށް ނުވަތަ އެހެން ކަމަކު ވެސް އެއަށްވުރެ މުއްދަތް އިތުރުވާނަމަ ވިސާ ނަގަން ޖެހޭ،" މި ނޫހާ ވާހަކަ ދެއްކި އިނގިރޭސި ހައިކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރަކީ ކެރޮން ރޮސްލާ އެވެ. އެކަމާނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ އޮކްޓޯބަރު 30، 2019 ގަ އެވެ. މިއީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ.
އިނގިރޭސި ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވިއިރު ދާދިފަހުން އޮސްޓްރޭލިއާ އިން ވެސް ވަނީ އެގައުމުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ރާއްޖެ - އިނގިރޭސިވިލާތުގެ ގުޅުން
ދިވެހިރާއްޖޭ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ ޑިސެމްބަރު 16، 1887 ގަ އެވެ. އެއަށްފަހު ދިވެހި ދައުލަތުން ދިޔައީ އިނގިރޭސިވިލާތަށް ޖިޒީ ދައްކަމުންނެވެ. އެ ޖިޒީ ދެއްކުން ދިވެހިން ހުއްޓާލީ އޭޕްރީލް 24، 1948 ގަ އެވެ.
އެއަށްފަހު 1955 ގައި އައްޑޫ އަތޮޅު ގަމުގައި އެއާބޭސްއެއް އޮޕަރޭޓް ކުރުމުގެ މަސައްކަތް އިނގިރޭސި ސިފައިން ފެށި އެވެ. އޭގެ އެއް އަހަރު ފަހުން އިނގިރޭސިންނަށް ދިވެހި ސަރުކާރުން 100 އަހަރަށް ގަން އަދި ހިތަދޫގެ 440،00 ސްކޮޔާ މީޓަރު އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކުރި އެވެ. މި ތަންތަން އެ މީހުން ބޭނުންކުރީ އަސްކަރީ ބޭނުމަށެވެ.
އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް 1960 އިން 1965 އަށް އިނގިރޭސިން އަތުން ނަގަމުންދިޔަ ފީ 750،000 ޕައުންޑަށް ބޮޑުކުރި އެވެ.
މިނިވަންވުމުގެ މަޝްވަރާތައް ކުރަމުން ގޮސް އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގަ އެވެ. ހަމަ އެ ދުވަހު ރާއްޖޭގެ މިނިވަންކަން އިނގިރޭސިވިލާތުން ބަލައިގަތެވެ. އެގައުމަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމެވެ.
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނަ މާޗް 13، 1972 ގައި ރާއްޖެ ވަޑައިގަތެވެ. މިއީ އެކަމަނާ ރާއްޖެ ވަޑައިގެންނެވިތާ 50 އަހަރު ފުރޭ އަހަރެވެ.
އައްޑޫ އަތޮޅު ގަމުގައި އިނގިރޭސިން އޮޕަރޭޓް ކުރަމުންދިޔަ އެއާބޭސް އެޕްރީލް 1، 1976 ގައި ބަންދުކޮށް އެ ރަށް ދިވެހި ސަރުކާރާ ހަވާލުކުރި އެވެ.












