ކްރިމިނަލް ކޯޓުގެ އިމާރާތް ހުރީ ބޭނުން ކުރަން އެކަށީގެންވާ ފެންވަރުގައި ނޫން ކަމަށާއި، އެ އިމާރާތަކުން ވީ އެންމެ އަވަހަކަށް ނިކުތުމަށް މީގެ ދެ އަހަރު ކުރިން ޕްލޭނިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރުމާ ގުޅޭ ގޮތުން މިއަދު ރައްޔިތުން މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ދެއްކި ވާހަކަތަކާއި އެކު، ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ކަންބޮޑުވުން ފާޅުކުރެއްވީ މިހާރު އެ ކޯޓު ހިންގަމުންދާ އިމާރާތުގެ ދަތިކަމާ ގުޅިގެންނެވެ.
"އިމާރާތުގެ ކޮންޑިޝަން މިހާރު ހުރީ ވަރަށް ހަމަ ބޭނުން ކުރަން އެކަށީގެން ނުވާ މިންވަރަކަށް،" މިއަދުގެ ކޮމެޓީގައި ރިޒްނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓަކީ ރާއްޖޭގައި އެންމެ ބާރު ބޮޑު ކޯޓު ކަމުގައިވާއިރު، އެތަނުގައި މަސައްކަތް ކުރާ 100 އެއްހާ މުވައްޒަފުންގެ އިތުރުން މައްސަލަތައް ރައްދުވާ ފަރާތްތަކަށް ގެއްލުމެއް ވުމުގެ ކުރިން، އެހެން އިމާރާތެއް ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަށް ވެސް ރިޒްނާ ވިދާޅުވި އެވެ.
"އެ ތަނުގައި މުވައްޒަފުން ބައިތިއްބައިގެން، އެންމެ ދުވަހަކުވެސް މަސައްކަތް ކޮށްގެން ލިބޭ ގެއްލުމެއްގެ ޒިންމާ ނަގަން ތިބި މީހުން އަޅުގަނޑުމެންނަކީ،" ރިޒްނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ މާރުކޭޓު ފަހަތުގައި ހަވީރީ ހިނގުމުގެ މަގާއި ދިމާލަށްވީ ފަޅީގައި ހުންނަ ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބާވެ، އަރިއަޅާލާފައިވާތީ، މިހާރު ހުންނަނީ ދަގަނޑު ވިއްދާފަ އެވެ. އެ އިމާރާތުގެ ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، ގާޒީން ތިއްބަވާ ކޮޓަރިކޮޅަށް ވެސް މޫސުމް ގޯސްވާ ދުވަސްވަރު ވާރެ ވެހެ އެވެ.
އޭގެ އިތުރުން ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައި ހުރިއިރު ޖާގައިގެ ދަތިކަން ވެސް އިންތިހާއަށް އެބައޮތެވެ.
ވެއިޓިން އޭރިއާ ކުޑަވުމުގެ ސަބަބުން ޖިނާއީ މައްސަލަތަކާއި ގުޅިގެން އަންނަ އެކި ފަރާތްތަކާއި ކޯޓަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތައް ބައެއްފަހަރު ކޯޓު ތެރޭގައި ތޮއްޖެހިފައި ތިބެންޖެހެ އެވެ. ބޮޑެތި އަޑުއެހުންތަކަށް ގިނަ މީހުން ކޯޓަށް ހާޒިރުވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު އަޑުއަހަން އަންނަ މީހުންނަށް ޖާގަ ނުލިބި ދާން ޖެހޭ ފަހަރުތައް ވެސް ދިމާވެ އެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ރާއްޖޭގެ 67 ރަށެއްގެ ކޯޓު ރޫމްތައް ހިންގަނީ ކައުންސިލް އިމާރާތުގެ ކުޑަ ކޮޓަރިއެއްގައި ކަމަށްވެސް މިއަދު ރިޒްނާ ވަރަށް ކޮންބޮޑުވެ ހުރެ ފާހަގަކުރެއްވި އެވެ.
"މި ދައްކަނީ 10 ފޫޓު 10 ފޫޓު ގޮޅިތަކެއްގެ ވާހަކަ. ޖިނާއީ އިޖުރާތު އެންވިޝަން [ތަސައްވަރު] ކުރާ ފެންވަރަކު ނޫން ކޯޓު ރޫމްތައް ހުރީ" ރިޒްނާ ވިދާޅުވި އެވެ.













