"ރޫޓް" ފިހާރަ އިން ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު ކަމަށް ހަތަރު މީހަކު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެއްޖެ އެވެ.
ބީއޯސީ ކައިރިއަށް ރޫޓްގެ ވޭން މަޑުކުރުމާ އެކު، އޮކްޓޫބަރު 25، 2020 ވަނަ ދުވަހު ފޭރެން މަސައްކަތްކުރީ ދެ ސައިކަލެއްގައި އައި ހަތަރު މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ހެލްމެޓް އަަޅައިގެން ތިބި އިރު އެކަކު ހުރީ ހެލްމެޓް ނާޅައި ފޭސް މާސްކެއް އަޅައިގެންނެވެ.
ނަމަވެސް ފޭރެން އުޅުނު މީހުންގެ މަސައްކަތް ނާކާމިޔާބުކޮށްލީ ބީއޯސީގެ ސެކިއުރިޓީ ގާޑާއި ރޫޓްގެ މުވައްޒަފުންގެ މަސައްކަތުންނެވެ.
ފުލުހުންގެ ސީރިއެސް އެންޑް އޯގަނައިޒް ކްރައިމްއިން ތަހުގީގު ކުރި މި މައްސަލާގައި ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށެވެ. އެ ކުށުގައި ބައިވެރިވި ކަމަށް ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންއަށް ދައުވާ ކުރެ އެވެ.
ޕީޖީ އޮފީހުން މި ނޫހާ ވާހަކަދައްކަމުން ބުނީ އެ އެންމެންވެސް އެ ކުށަށް ކޯޓުގައި އިއުތިރާފްވެފައި ވާތީ، އަވަސް ނިޔާގެ ދަށުން އަޑުއެހުމެއް ބާއްވާ، އެ މައްސަލަ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅާފައިވާ ކަމަށެވެ.

"(އިއްޔެ) ފޭރުމުގެ ކުށުގެ ދައުވާ ކުރި ހަތަރު މީހުންވެސް އިއުތިރާފްވި، ފޭރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުރި މީހާ އެކަނި އިއުތިރާފް ނުވަނީ، އެހެންވެ އަވަސް ނިޔާގެ ދަށުން އަޑުއެހުމެއް ބާއްވާ، އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅި،" ޕަބްލިކް ޕްރޮސެކިއުޓާ، އަދި ޕީޖީގެ ތަރުޖަމާން އަހްމަދު ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހުންގެ އިއުތިިރާފުން އެ ކުށް ސާބިތުވިއިރު، އެ މައްސަލާގައި ހުކުމް ކުރުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
މި ފޭރުމުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ރޫޓުގެ ވޭން ބީއޯސީ ކުރިމައްޗަށް މަޑުކުރިއިރު، އެ މީހުން ވެސް ވޭނުގެ ކުރިމައްޗަށްވާ ގޮތަށް މަޑުކޮށް ވޭނުގެ ތެރެއިން ނެރުނު ފޮށިގަނޑެއް އަތުލައިގެން ދާން އުޅޭތަން އެ ވީޑިއޯއިން ފެނެ އެވެ. ނަމަވެސް ފޮށިގަނޑު ނެގި އެކަކު ވެއްޓި ބެންކުގެ ގާޑުން އެ މީހާ އަތުން ފޮށިގަނޑު އަތުލި މަންޒަރު ވެސް ފެނެ އެވެ. ވޭނުން އެ ބޭންކުގެ އަންހެން މުވައްޒަފަކު ވެސް ފައިބާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.













