ހަނގުރާމައެއް ބޯމަތިވެފައިވާ ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށާއި އެ މީހުންގެ ހާލަތު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޔޫކްރެއިނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ވަނީ ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ބޭރުވުމަށް ވެސް ގޮވާލާފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބެލިއިރު އެ ގައުމުގައި މިވަގުތު 50 އަަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނުން އިއްޔެ ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން އަދިވެސް ދަނީ ޔޫކްރެއިންގެ ހާލަތު މޮނިޓާ ކުރަމުންނެވެ. އަދި އެ ގައުމުން ބޭރުވާން ޖެހޭ ވަރުގެ ނުރައްކަލެއް އަތުވެދާނެ ކަމުގެ ފުރުސަތެއް އަދި ނެތް ކަމަށާއި މީހުން އިވެކުއޭޓް ކުރުމުގެ މަސައްކަތެއް ފަށާފައި ނުވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވެ އެވެ.

ނަމަވެސް ރަޝިޔާ ސިފައިން ޔޫކްރެއިން ވަށާލާފައިވުމާއި ކޮންމެ ވަގުތަކުވެސް ރަޝިޔާއިން އެ ގައުމަށް ހަމަލާއެއް ދިފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާތީ ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ޔޫކްރެއިންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދިޔުމަށް ގޮވާލަމުންނެވެ.
ރަޝިއާ އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިން ވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންކަން ފާހަގަވެ އެވެ.












