ކްރިމިނަލް ކޯޓުގައި މަދުވާ ވަސީލަތްތައް ގަތުމަށް ނިމިދިޔަ 2021 ވަނަ އަހަރު ދައުލަތުން ބޮޑު ބަޖެޓެއް ދިން ނަމަވެސް، އަހަރު ނިމިގެން ދިޔައިރު ވެސް އެ ފައިސާއިން އެއްވެސް ވަސީލަތެއް ހޯދިފައިނުވާކަން ހާމަވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުގެ ސަބަބުން ޝަރީއަތްތައް ހިންގުމަށް ދަތިވެފައިވާއިރު، އެ ކޯޓުގައި މަދުވާ ވަސީލަތްތައް ގަތުމަށް މިދިޔަ އަހަރު ޑީޖޭއޭއިން އަށް ލައްކަ ރުފިޔާގެ ބަޖެޓެއް ދިންކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުން އެފައިސާ ބޭނުންކޮށްފައެއް ނުވެ އެވެ. ނިމުނު އަހަރު ކްރިމިނަލް ކޯޓަށް ހަތަރު ލައްކަ ރުފިޔާގެ އައިޓީ ސާމާނު ގަތުމަށް ބިޑަށް ހުޅުވާލި ނަމަވެސް، ބިޑް ކޮމިޓީން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވޭ ގޮތް ނުވެ، އަހަރު ނިމިގެން ދިޔައީ އެއްވެސް އެއްޗެއް ނުގަނެވި އެވެ.
ކްރިމިނަލް ކޯޓަށް ސާމާނު ގަންނަން ކުރެވުނު މަސައްކަތް:
4 ނޮވެމްބަރު 2021 - ކޮމްޕިއުޓަރުތައް ހޯދަން އިއުލާނު ކުރި
14 ނޮވެމްބަރު 2021 - ދެ ފަރާތަކުން އަންދާސީ ހިސާބުތައް ހުށަހެޅި
14 ނޮވެމްބަރު 2021 - ހަރަދު ކުރުމުގެ ހުއްދައަށް ފިނިއޭންސް މިނިސްޓްރީގައި އެދުނު

18 ނޮވެމްބަރު 2021 - ބިޑް އިވެލުއޭޓް ކުރި
28 ޑިސެމްބަރު 2021 - އަހަރު ނިމެން ކައިރިވެފައި ވުމުން ޖެނުއަރީ މަހު މަސައްކަތް ފެށުމަށް ފިނިއޭންސް މިނިސްޓްރީއިން ހުއްދަ ދިން
2-13 ޖެނުއަރީ 2022 - ބިޑް ކޮމިޓީގެ ބައްދަލުވުމެއް ތާވަލް ކުރި ނަމަވެެސް ކޮމިޓީގެ މެންބަރުންނަށް ވަގުތު ނުވެގެން ނުބޭއްވުނު.
މިދިޔަ އަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކްރިމިނަލް ކޯޓުގެ ޕާފޯމެންސް ވަރަށް ދަށެވެ.
އެގޮތުން 2020 ވަނަ އަހަރު ނިމި 2021 ވަނަ އަހަރު ފެށުނު އިރު 1732 މައްސަލަ ނުނިމި އޮތެވެ. އެ އަހަރު ތެރޭ 773 މައްސަލައެއް އަލަށް ކޯޓަށް ހުށަހަޅާފައި ވާއިރު ނިމިފައި ވަނީ 701 މައްސަލަ އެވެ. އެހެންވެ، މިދިޔަ އަހަރު ނިމުނު އިރު 1804 މައްސަލައެއް ނުނިމި ކޯޓުގައި އޮތެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުގައި މިދިޔަ އަހަރު ޖުމްލަ 9973 އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް 4،852 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި އެވެ. ކޯޓުގައި ކުރިއަށް ގެންދަން ނިންމާ ޝެޑިއުލް ކުރި އަޑުއެހުންތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާ ހެދި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތުހުމަތުވާ ހުރިހާ މައްސަލައެއް ދާދިފަހަކާ ޖެހެންދެން ލައިވް ކުރަމުން ގެންދިޔަ ނަމަވެސް، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ވަސީލަތްތައް ނެތުމުން ލައިވް ނުކުރެވޭނެ ކަމަށް އެ ކޯޓުން މިިދިޔަ މަހު ނިންމި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ކުރެވޭނެ އިންތިޒާމް މިވަގުތު އެ ކޯޓުގައި ހަމަޖެހިފައި ނެތް ކަމަށެވެ. އަދި ލައިވް ކުރާނެ ވަސީލަތްތައް ނެތް ކަމަށެވެ. ނަމަވެސް، އެ ކޯޓުގެ މީޑިޔާ އޮފިޝަލް މި ނޫހަށް ކިޔައިދިން ގޮތުގައި ނެތީ އިންސާނީ ވަސީލަތެވެ.












