ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ މީހާ ސިޒޭރިއަން ހަދާފައި ވަނީ އިއްޔެ އެވެ. ސިޒޭރިއަން ހެދި ފަހުން ހާލު ގޯސްވެ މާލެ ގެންނަނީ 36 އަހަރުގެ މީހެކެވެ.
ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް "އަދަދު" އަށް ވިދާޅުވީ ރޭ ސިޒޭރިއަން ހެދުމަށްފަހު އެ އަންހެން މީހާގެ ހާލު ދެރަވާން ފެށުމުން އަލުން އޮޕަރޭޝަން ތިއޭޓަރަށް ވައްދައި ސިޒޭރިއަން ހެދި ތަން ބެލިއިރު އިންޓާނަލް ބްލީޑިންއެއް އުޅޭ ކަމަށް ޑޮކްޓަރުންނަށް ފާހަގަ ވެފައިވާ ކަމަށެވެ.
"މިއަދު ހެނދުނު އެ މީހާގެ ހާލު ސީރިއަސްވާން ފެށުމުން ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް ފަރުވާ ދީފަވޭ. ނަމަވެސް މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ." ޝިޔާމް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުން ނާރު ބުރިވެ މީހާގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ނަމަވެސް އެއީ ތެދު މައުލޫމާތެއް ނޫން ކަމަށާއި މިހާރު އެކަން ހިނގާދިޔަ ގޮތް ބަލަމުން އަންނަ ކަަމށް އޭނާ ވިދާޅުވި އެވެ.

"ސިޒޭރިއަން ހެދުމުގައި ކޮންމެވެސް ކަމެއް ދިމާވެގެން ކަމަށް މި ބަލަނީ. އެކަން ދިޔަ ގޮތް ބަލަމުން އަންނަނީ." އޭނާ ވިދާޅުވި އެވެ.
މިފަދަ ހާދިސާއެއް ހިގާފައި ވާއިރު، މި މަހުގެ ހަވަނަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެ، ހާލު ސީރިއަސްވި މައްސަލަ ހެލްތު މިނިސްޓްރީން ވަނީ ބަލަން ފަށާފަ އެވެ.
އެ ހާދިސާގައި ގޮހޮރު ބުރިވި އަންހެންމީހާގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ އަންގާފަ ދުވަހު އެވެ. ރޮޒައިނާ ވަނީ މިކަން ހިނގައިދިޔަ ގޮތް ބަލައި ދިނުމަށާއި މިކަމުގައި ހޮސްޕިޓަލުގެ އިހުމާލެއްވާ ނަމަ، ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.












