ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނުނިންމި ލަސްވަނީ ޝަރީއަތް ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓު ނުލިބޭތީ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
މީގެ ފަސް އަހަރު ކުރިން އޭޕްރީލް، 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ހައިޝަމާއި ޒިހާންގެ އިތުރުން ދައުވާ ލިބުނު މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުރި ދައުވާތައް ސާބިތެއް ނުވި އެވެ.
އެމީހުންގެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިސްތިއުނާފް ކުރުމާ ގުޅޭގޮތުން "އަދަދު"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިޔުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން އަދިވެސް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް، އެ ރިޕޯޓު އަންނަ ހަފްތާގެ ނިޔަލަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އޮފީހުގެ ވިސްނުން ހުރީ އިސްތިއުނާފުކުރަން. އެކަމަކު އެކަމުގައި ފަހު ނިންމުމެއް ނިންމޭނީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ލިބި އެ ދިރާސާކުރުމަށްފަހު،" ޝަފީއު ވިދާޅުވި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ. ގާނޫނުގައި ބުނާ ގޮތުން، ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.












