ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރާ ދޫންޏާއި އެނޫން ޖަަނަވާރު ވެސް މެރުން ނޫން އެހެން ހައްލެއް އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ދޫނި ހިފަހައްޓައި މަރައިލި ހަބަރު އިއްޔެ ނޫސްތަކުގައި ޖެހި ހިސާބުން ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.
ދޫނިތައް މަރައިލުމުން ކަންބޮޑުވުން ފާޅުކުރައްވައި އީވާ ވިދާޅުވީ ދޫނިތައް މަރާލާފައިވާ މަންޒަރު ފެނިވަޑައިގެން ވަރަށް އުނދަގޫވި ކަމަށެވެ. އެމަންޒަރު އަދިވެސް ފެނިވަޑައިގަންނަވާ ކަަމަށާއި އެ ދޫނިތައް މަރައިލަން ޖެހުނު ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަވާއިދާ ހިލާފަށް އެތެރެކުރިއްޔޯ. އެކަމަކު އިންސާނަކު ކުށްކުރިޔޭ ކިޔާފައި އެ ޖަނަވާރުތަކަކަށް އެހެން ހަދާކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.
އެއީ ރާއްޖޭގައި ފެށުނީއްސުރެ ކަންތައްކުރަމުން އަންނަ ގޮތް ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެގޮތަށްް އަބަދު ކަންތައް ކުރަން ނުޖެހޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެހެން ވިިސްނުމެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަޒީރަކު އެކަމުގައި އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދެން ޖެހުނު ސަބަަބެއް އަދި އެޓާނީ ޖެނެރަލްއަށް އެކަމުގައި އެހެން ހައްލެއް ނުދެއްކެވުނު ސަބަބެއް އޭނާއަކަށް ވިސްނިވަޑައެއް ނުގަންނަވަ އެވެ.
އެ ދޫނިތައް މަރައިލުން އެއްގޮތަކަށް ވެސް ހަޖަމު ނުކުރެެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު
"އަޅުގަނޑުމެން ރަނގަޅަށް އެބަ ބަލަން ޖެހޭ ކީއްވެގެންތޯ ހައްލަކީ މެރުން ކަމުގައި ފެނިގެން އަދިވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެހެންވީމާ އެނޫން ގޮތެއް ހަދަން އަޅުގަނޑުމެން މިތަނުގައި މިނިސްޓްރީއާ ވާހަކަ ދައްކައިގެން ދިރާސާކޮށްގެން ވެސް އެހެން ހައްލެއް އެބަ ނެރެން ޖެހޭ،" އީވާ ވިދާޅުވި އެވެ.
އޭނާގެ ކުރިން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރާ ޖަނަވާރާ މެދު ގޮތެއް ނިންމަން ޖެހޭނީ އެއީ ރާއްޖޭގެ މާހައުލަށް ގެއްލުންވާ ފަދަ އެއްޗެއްކަން ނުވަތަ ނޫންކަން ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.
"އެއްފަހަރާ 120 ދޫނި މަރައިލުމަކީ އެތައް ބައެއްގެ ހިތްތައް ޒަހަމްވެގެން ދިޔަ ކަމެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ތަހުގީގެއް ކުރަން ޖެހޭނެ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެެެވެ.
އޭނާގެ އެ ހުށަހެޅުއްވުމަށް އީވާ ތާއީދު ކުރެއްވި އެވެ.













