ބޭސް ވިއްކާ ހުރިހާ ފާމަސީއެއްގައި ހުންނަން ޖެހޭ 125 ބާވަތުގެ ބޭހެއް ހިމަނާ ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭހުގެ ބާވަތްތައް ފުރަތަމަ ފަހަރަށް އެކި ފާމަސީތަކަށް ކެޓެގަރައިޒްކޮށް ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭހުގެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
މިއީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އާންމުކުރަން ޖެހޭ ލިސްޓެކެވެ. އެ ގަވާއިދު ބުނާ ގޮތުން އެ ލިސްޓުގައި ހިމެނޭ ބޭސްތައް ކޮންމެ ވަގުތެއްގައި ވެސް ފާމަސީން ލިބެން ހުންނަން ޖެހެ އެވެ.
ކުރިން މި ލިސްޓު އާންމުކުރި ފަހަރުތަކުގައި ހުންނަން ޖެހޭ ބޭހުގެ ލިސްޓެއް އާންމުކުރި ނަމަވެސް އެކި ތަންތަނުގައި ހުންނަ ފާމަސީތައް ވަކިކުރެވިގެން އަސާސީ ބޭސް ލިސްޓެއް އާންމުކުރި މިއީ ފުރަތަމަ ފަހަރެވެ.
އެގޮތުން އެމްއެފްޑީއޭގެ އިއުލާނުގައި ބުނި ގޮތުގައި އާންމުކޮށްފައިވާ ލިސްޓުގެ ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތައް ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ފާމަސީއެއްގައި ހުރުން ލާޒިމެވެ. މި ލިސްޓުގައި ޖުމްލަ 202 ބާވަތުގެ ބޭސް ހިމެނޭއިރު، އާދައިގެ ފާމަސީތަކާއި ސެކަންޑްރީ ހޮސްޕިޓާތަކުގެ ފާމަސީތަކާއި ޓާޝަރީ ހޮސްޕިޓާތަކުގެ ފާމަސީތަކުގައި ހުރުން ލާޒިމު ބޭސްތައް ތަފާތެވެ.
އަސާސީ ލިސްޓުގައި ހިމެނޭ ބޭހުގެ ބާވަތްތައް
- ނޫ ކުލައިން ފާހަގަކޮށްފައިވާ 125 ބާވަތުގެ ބޭސް
- ރީނދޫ ކުލައިން ފާހަގަކޮށްފައިވާ 33 ބާވަތުގެ ބޭސް
- ދަނބު ކުލައިން ފާހަގަކޮށްފައިވާ 43 ބާވަތުގެ ބޭސް
ލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކާއި ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ބޭސްތައް އަތޮޅު ހޮސްޕިޓާތަކާއި ރީޖަނަލް ހޮސްޕިޓާތަކުގެ ފާމަސީތަކުގައި ހުންނަން ޖެހެ އެވެ. އަދި، ލިސްޓުގައި ދަނބު ކުލައިން ފާހަގަކޮށްފައި ހުރި ބޭސްތައް ހިމެނޭ ގޮތަށް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓާތަކުގެ ފާމަސީތަކުގައި ހުރުން ލާޒިމެވެ.
މި އިއުލާނާއެކު ހެލްތް މިނިސްޓްރީން ވަނީ ލިސްޓުގައި ހުރި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަން ހުރިހާ ފާމަސީއަކަށް އަންގާފަ އެވެ. މިކަމަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ހުއްދަ ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބެ އެވެ.
އަސާސީ ބޭސްތައް ފާމަސީތަކުގައި ހުންނަން މިންވަރު ދެނެގަނެ ބޭސްތައް ހުރޭތޯ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީން ވަނީ ކޮންމެ ތިން މަހަކު އަސާސީ ބޭހުގެ ބާކީ ހުރިވަރު އިނގޭ ގޮތަށް ސްޓޮކް ރިޕޯޓެއް އެމްއެފްޑީއޭއަށް ލިޔުމުން ހުށަހަޅަން ބުނެފަ އެވެ.
މި ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ (ހަމައެކަނި ޑޮކްޓަރުގެ ލިޔުމަށް ދޫކުރާ) ބޭސްތަކާއި ލިޔުމެއް ނެތި އޯވާ ދި ކައުންޓާ ދޫކުރާ ބޭހުގެ ބާވަތްތައް ފާމަސީގައި ބެހެއްޓޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
އަސާސީ ބޭސް ލިސްޓު ކަނޑައެޅުމަކީ ބޭހުގެ އަގު ކޮންޓްރޯލް ކޮށްގެން އާސަންދައަށް ކުރާ އިސްރާފު ކުޑަކުރުމާ ސީދާ ގޮތުން ގުޅޭ ކަމެކެވެ. ފިނޭންސުން މި އަހަރަށް ހުށަހެޅި ބަޖެޓު ރިޕޯޓުގައި މި މައްސަލައަށް ތަފުސީލުކޮށް އަލިއަޅުވާލާފައިވާއިރު، ކޮންޓްރޯލް އަގުގައި ވިއްކައިގެން 205 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބުންޏެވެ.
އެގޮތުން އެންމެ ފުރަތަމަ ކޮންޓްރޯލް އަގުތަކުގައި ވިއްކަން ފަށަނީ ވެސް މި ލިސްޓުގައި ހިމެނޭ ބޭސްތަކެވެ. އެ ނޫން ބޭހުގެ އަގު ކޮންޓްރޯލް ކުރަނީ އޭގެ ފަހުންނެވެ.
ކުރިން ޖެނުއަރީގައި ކޮންޓްރޯލް އަގުގައި ވިއްކާ ގޮތަށް އޮތް ނަމަވެސް، ބޭސް ވިއްކާ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން ވަނީ އިތުރު ވަގުތު ދިނުމަށާއި ބޭސްތަކުގެ ލިސްޓު އަދާހަމަ މިކަން ފަސްކޮށްފަ އެވެ. މިހާރު އޮތް ގޮތުން ކޮންޓްރޯލް އަގު ތަންފީޒުކުރަން ފަށާނީ އަންނަ މަހު އެވެ.
ހަމަ އެހެންމެ، މިއީ މިފަހަކަށް އައިސް ބައެއް މުހިންމު ބޭސްތައް ފާމަސީތަކުން ލިބެން ނުހުންނަ މައްސަލަ ހައްލުކުރުމަށް ވެސް މުހިންމު ކަމެކެވެ. މި ބޭސްތައް ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ބޭސް އިމްޕޯޓަރުންގެ ޒިންމާއެއް ނަމަވެސް ބައެއް ބޭހުގެ ބާވަތްތައް އެކި ދުވަސްވަރު ނުލިބުމަކީ އާންމު މައްސަލައެކެވެ.
އެމްއެފްޑީއޭން ބުނާ ގޮތުގައި ގަވާއިދުން މިކަން މޮނިޓާކުރަން ފެށުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މަގުފަހި ވާނެ އެވެ.










