މަނީ ލޯންޑަރިންގެ ގާނޫނު އިސްލާހު ގެނައުން ހިމެނޭހެން، ޖުމްލަ 36 ބިލެއް މި ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ކުށްކޮށްގެން ހޯދާ ފައިސާގެ ހަގީގަތް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް 2014 ވަނަ އަހަރު މަނީ ލޯންޑާކުރުން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނެއް ހެދި އެވެ. އެ ގާނޫނަށް 2020 ވަނަ އަހަރު އިސްލާހުތަކެއް ގެނެސްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަަށް ވެސް، މަނީ ލޯންޑާ ކުރިކަމުގެ ތިން ދައުވާއެއް އުފުލާފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް މިއަދު އެޓާނީ ޖެނަރަލް އޮފީހުން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލްތައް މަޖިލީހުގެ ތަޅަމަށް ގެނައުމަށް މެމްބަރުންގެ އެއްބާރުލުން ސަރުކާރަށް ދިނުމަށް އެދިވަޑައިގަނެފަ އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅޭނީ މެމްބަރަކު އެ ބިލެއް ސޮޕޮންސާ ކުރުމުންނެވެ.
"އަޅުގަނޑުމެން އެންމެން ވެސް އެބޭފުޅުންނަށް [ސަރުކާރަށް] އެހީތެރިވެދީގެން، މި ބިލްތައް މިތަނަށް ގެނެސް، މި ދައުރުގައި އެ މަސައްކަތް ހިންގުމަށް އަޅުގަނޑުމެން ވެސް ނިޔަތްގަނެގެން މަސައްކަތް ކުރުމުން އަޅުގަނޑު ދެކޭ ގޮތުގައި މިނިސްޓަރު ޝިފާޒްގެ އެ އުންމީދަށް ވާސިލްވެވޭނެ،" މިދިޔަ ދަައުރުގައި ވެސް ގިނަ ބިލުތަކެއް ހުށަހެޅުމުގެ އުންމީދުގައި ރައީސް އޮފީހުގެ މިނިސްޓަރު، މުހައްމަދު ޝިފާޒު ހުންނެވިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ދައުރުގައި އަލަށް ހުށަހަޅާނެ ކަމަށް ބުނާ ބިލުތައް
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
- ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
- މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- އާއިލާއާބެހޭ ބިލު
- ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކުންފުނީގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ކްލައިމެޓް އެމަޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު (މިދިޔަ ދައުރުގައި ހުށަ ނޭޅުނު ބިލެއް)
- ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު
- ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު













