ރާއްޖެއަށް ޖަޕާން ސަރުކާރުން އަށް އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ގައުމުގެ ސަރުކާރުގެ ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމްގެ ދަށުން ހަދިޔާ ކުރާ އެމްބިއުލާންސްތަކަކީ ދެ މިލިއަން ރުފިޔާގެ އަގުހުރި އެމްބިއުލާންސް ތަކެކެވެ.
މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާ ދެމެދު ގްރާންޓް އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހު އަބްދުﷲ މާހިރު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޖަޕާނުން ހަދިޔާ ކުރަން ހަމަޖެހިފައިވާ ރީކޮންޑިޝަންޑް އަށް އެމްބިއުލާންސަކީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވޭ އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެއީ ކޮވިޑާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާގެ އެމަޖެންސީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާ ކުރާ ތަކެއްޗެވެ.

މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް، އަދި ސްޕައިނަލް ބޯޑު ހިމެނެ އެވެ.
އެއީ ރާއްޖޭގެ ހަ ރަށަކަށް އަދި މާލެ ސަރަހައްދުގެ އެމަޖެންސީ ހިދުމަތް ހަރުދަނާ ކުރުމަށް ބޭނުންކުރަން ހަމަޖެހިފައިވާ އެމްބިއުލާންސްތަކެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން، އަތޮޅު ތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫން 10، ގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން 40 އެމްބިއުލާން ވަނީ ފޮނުވާފަ އެވެ.













