ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ދެ ވަނަ ބަޔާ ގުޅޭ)

އަހަރުމެން ކަންތައް ކުރީ އިފާޝާ ދިން އިރުޝާދާ އެއްގޮތަށެވެ. އެކަމުގައި ނޫރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އޭނާގެ ރަހުމަތްތެރި ނަރުހެއް ތައްޔާރީ ހާލަތުގައި ބެހެއްޓި އެވެ. ކަމެއް ދަމެއް ދިމާވެއްޖެ ނަމަ ވަގުތުން ގެއަށް ގެނެވޭ ގޮތަށެވެ. އެ ދުވަހު ނޫރާއި އިފާޝާ ވެސް ނިދީ އަހަރުމެން ކޮޓަރީގަ އެވެ. ހުރިހާ ކަމެއް ނިމިގެން ދިޔައީ ވަރަށް ފަހި ކަމާއެކުގަ އެވެ. ދަށްބަނޑަށް އެރި ތަދު ވެސް މަޑުމަޑުން ފިލައިގެންދިޔަ އެވެ. މަޑުމަޑުން އެކަން ވެސް ހަނދާން ނެތިގެން ދިޔަ އެވެ.

ދުވަސްތައް މާޒީވަމުން ދިޔަ އެވެ. ކޯހުގެ އެންމެ ބުރަ ދުވަސްތަކާ ކުރިމަތިލާން ޖެހުނެވެ. ކަން ދިމާވި ގޮތުން އަހަންނަށް ޓްރެއިނިންއަށް ދާން ޖެހުނީ މެލޭޝިޔާގެ އެންމެ މަޤުބޫލު އެއް ޓީވީ ސްޓޭޝަންކަމަށްވާ ޓީވީތްރީ އަށެވެ. އެތަނުގައި ތިން ހަފުތާ ވަންދެން މަސައްކަތް ކުރާން ޖެހުނެވެ. އަހަރުމެން ދިރިއުޅޭ ސަރަހައްދާ އެ ހިސާބު ދުރުވުމުން އަހަންނާ އިފާޝާއާ ނިންމީ ކައިރި ތަނަކުން ކޮޓަރިއެއް ހިފައިގެން މަޑުކުރާށެވެ.

Advertisement

އެއީ ތަމުރީނަށް ނުކުތް ފުރަތަމަ ހަފުތާ އެވެ. އަހަންނާއި އިފާޝާ އުޅުނީ ކުރިއަށް އޮތް ހަފުތާގައި ނިއުސް ރޫމުން ތައްޔާރުކުރަމުންދާ ޕްރޮގުރާމެއްގެ ޝޫޓިން ކުރިއަށްދާ ސެޓުގަ އެވެ. އެ ޕްރޮގުރާމުގެ ސެގުމަންޓަކަށް ނަގަން ޖެހޭތީ އަހަރެން އިނީ މޭކަޕް ކުރާށެވެ. އޭރު އިފާޝާ ވެސް އަހަރެންގެ ކުރިމަތީގައި މޭކަޕް ކުރާން އިނެވެ. އަހަރުމެންނަށް ކަމެއް ކުރާކަށް ނުޖެހެ އެވެ. އަތަކަށް ފަޔަކަށް މީހުން ތިބެ އެވެ.

މޭކަޕު ކޮށްދިނުމަށް އައީ ފިރިހެނެކެވެ. ފިރިހެނެއް ނޫނެވެ. ރީތި ހުސްކޮށްގެން އަރާ ހުރި އަމީރެކެވެ. ޒަމާނީ ސްޓައިލްތަކަށް ލޯބިކުރާ ޒުވާނެއްކަން އޭނާ ލައިގެން ހުރި ހެދުމުން ހާމަވެ އެވެ. ގަމީހުގެ މޭމަތީގެ ގޮށްތައް ނައްޓައިލާ މޭމަތީގެ ހާވިނާ އިސްތަށިތައް ހާމަކޮށްލައިފަވާއިރު، ހަފުތާއަކަށް ބޯދީގެން ދަތްދޮޅީގައި ރީތި ފަރުމާއަށް ހިނިތުންވެލައިގެން ތިބި އިސްތަށިތަކުން ރަންކުލަ އަރަމުންދިޔަ އެވެ. ބާޒު ލޮލެއް ފަދަ އެ ދެ ލޮލުގައި ވަނީ އަނދުން އަޅައިފަ އެވެ.

އޭނާ އައިސް ބަލައިލި ގޮތުން އަހަރެންގެ ގައިން ހީނބިހި ނަގައިގެން ދިޔަ އެވެ. އެ ބެލުމުގައި އާދަޔާ ހިލާފު ގޮތެއް ހުއްޓެވެ. އަހަންނަށް ލޯ މަރައިލެވުނެވެ. ނޭވާ އެތެރެއަށް ދަމާލެވުނެވެ. ދުވި މީރު ވަހުން ހިތްފުރިހެން ބަންޑުންވާން އުޅުނު ކަހަލަ އެވެ. ދެފަހަރު އެހެން ހަދައިލެވުނެވެ. އޭރު އޭނާ އަހަރެން މޫނާ ދިމާއަށް ގުދުވެލަނީ އެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. ލޮލަށެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ ތުންފަތަށް ފޯރި އެވެ. އޭނާގެ ނޭވާއިން ދުވަމުން ދިޔައީ މީރު ފޮނިފޮނި ވަހެކެވެ. އަހަރެން ހީކުރީ އޭނާ އަހަރެންގެ މޫނުގައި ބޮސްދޭން އުޅެނީ ކަމަށެވެ. އެހެންވެ އަހަންނަށް ހިންދިރުވާލެވުނެވެ. ލަސްލަހުން ލޯ މަރައިލެވުނެވެ. އެއަށްފަހު، އެތެރެއަށް ނޭވާ ހިފަހައްޓައިލައިގެން އިނދެވުނެވެ. އެއީ ދުވަހަކު ވެސް އަހަންނަށް ނުވާ ގޮތެކެވެ. ފިރިހެނެއްގެ ވަހުން އަހަރެންގެ ނޭވާ ކުރެއް ނުވެ އެވެ. ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް ނުދުވެ އެވެ. މިއީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ؟ އޭނާ އަކީ ޖާދޫގަރަކީ ހެއްޔެވެ؟

އަނެއްކާ އަހަންނަށް އޭނާއަށް އެދެވެނީ ހެއްޔެވެ؟ އޭނާގެ ބީހުންތަކަށް ހިއްސުތައް ގޮވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އެއީ ގޯހެކެވެ. އަހަންނަކީ އެކަހަލަ މީހެއް ނޫނެވެ. އެ ޒާތަށް އުޅޭ މީހެއް ވެސް ނޫނެވެ. ދެން މިވަނީ ކީއް ހެއްޔެވެ؟ އޭނާގެ ފުރަތަމަ ފެނިލުމުން އަހަރެން ހިތްތެޅެން މި ފެށީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހޫނު ނޭވާ އަހަރެން ނޭފަތަށް އެޅުމުން ހަށިގަނޑުގައި ދިރުން ގަދަވެގެން މިދަނީ ކީއްވެ ހެއްޔެވެ؟ ހިތަށް އަރަމުންދަނީ ހުސް ސުވާލެވެ. ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.

އިރުކޮޅަކު އެގޮތުގައި އިނދެވުނެވެ. އެއްވެސް ހަބަރެއް ނުވުމުން އަހަންނަށް މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. އަހަންނަށް ކުށްހީއެއް ކުރެވުނީ އެވެ. އޭނާ ގުދުވެލީ މޭޒުމަތީގައި އޮތް ބްރަޝް ނަގާށެވެ. އަހަންނަށް ޔަގީންވި ކަމެއް އޮތެވެ. ނުސީދާ ގޮތެއްގައި އޭނާ އަހަންނަށް އިޝާރާތެއް ކުރިކަމެވެ. ދަޢުވަތެއް ދިން ކަމެވެ. އަހަންނަށް ވިސްނައިލަން މަޖުބޫރުވި އެވެ. ފުރުސަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫނޭ ހިތް ބުނެލި އެވެ. ކޮފީތަކުގެ ރަހަ ތަފާތުވާނެ ކަމަށްހިތް ބުނެލި އެވެ. ކޮންމެ ކޮފީއަކީ ވަކި ރަހައެއް ހުންނަ އެއްޗެކޭ ހިތަށް އެރި އެވެ.

"ރަހަ ބަލައިލާ ހިތްވީތަ؟" ދުރުގައި އިން އިފާޝާ ސަކަރާތުގެ ރާގުގައި ދިވެހިބަހުން ބުނެލި އެވެ.

"އެހެން ވެސް ހިތަށް އަރާއެބަ؟" ޖެއްސުމުގެ ރާގުގައި އަހަރެން ވެސް ބާރަށް ބުނެލީމެވެ. "އެކަމަކު؟"

"އުޅެމާ! ހީވޭ ތަފާތު ފްލެވާއެއް ހެން."

އިފާޝާގެ އެ ޖުމުލައާއެކު އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އަހަރުމެން ދައްކަނީ އޭނާގެ ވާހަކަކަން އޭނާއަށް ޔަގީންވީކަން ނޭނގެ އެވެ. އޭނާ ހުރީ އަހަންނާ ދިމާއަށް ފާޑަކަށް ބަލާށެވެ. ވިހަ ހިނިތުންވުމެއް ތުންފަތުގައި ކުރަހައިގެންނެވެ. އެއް ނަޒަރަކުން ބަލާނަމަ އަހަންނަށް އޭނާ މަލާމަތް ކުރަނީ އެވެ. އަނެއް ނަޒަރަކުން ބަލާނަމަ އޭނާގެ ސަމާލުކަން އަހަންނަށް ހޯދުނީ އެވެ. އޭނާގެ ހަރަކާތްތަކަށް އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔަ އެވެ. ސަބަބެއް ނުވިސްނެ އެވެ. އަހަންނަކީ ކާކުކަން އެ ވަގުތަށް ހަނދާން ނައްތައިލަން ވެސް ބޭނުންވީ ކަންނޭނގެ އެވެ. މިއީ ކުރިން އަހަންނަށް ދިމާވި ކަމެއް ނޫނެވެ. ކުރިން ވީ ގޮތެއް ވެސް ނޫނެވެ.

"ޔާރިޝް."

މީހަކު ގޮވާލި އަޑަށް އޭނާ ބަލައިލި އެވެ. އެއީ އޭނާގެ ނަންކަން އަހަންނަށް ކަށަވަރުވި އެވެ. ހިތައިހިތައި އެ ނަން ކިޔައިލެވުނެވެ. އެއީ ރީތި ނަމެކެވެ. ތަފާތު ނަމެކެވެ. އަޑު ނާހާކަހަލަ މިޔުޒިކެއް ހިމެނޭ ނަމެކެވެ. ނަމާ އެއްވަރަށް އޭނާ ވެސް ރީއްޗެވެ. ފުރިހަމަ އެވެ. ފިރިހެން ވަންތަކަމުގެ ކުލަވަރު އޭނާގެ މޫނުން ފެށިގެން ބޮޑުވާ އިނގިއްޔާ ހަމައަށް އެ ހުރީ ފެންނާށެވެ.

ޔާރިޝް އައިސް އަހަރެންގެ މޫނަށް ބަލައިލި އެވެ. އޭނާގެ މަޑުމަޑުން އިނގިލިތަކުން އަހަރެންގެ ނޭފަތާއި ތުންފަތާ ދެމެދުގައި ޓިޝޫއަކުން ފޮހެލަދިނެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. އޭނާ ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ބައްދަލުކޮށްލާ ހިތް ވެއްޖެ. ދައުވަތު ޤަބޫލުކުރާނަންތަ؟" އިނގިރޭސި ބަހުން ޔާރިޝް ބުނެލި އެވެ.

"ކީއްވެ ނުވާންވީ؟ އެކަމަކު މަގުސަދަކީ؟" އަހަރެން ތުއިވެލީމެވެ.

"ތަފާތު. ދިވެހިވަންތަކަން މާ ރީތި. ފުރިހަމަ. ތިހާ ތަފާތު ރީތި ކުއްޖަކު އަހަރެން އަދި ނުދެކެން. ގުދުރަތީ ރީތިކަން މާ ފުރިހަމަ." ޔާރިޝްގެ ތައުރީފީ ބަސްމަގުން އަހަރެން މޮޔަކޮށްލަމުން ދިޔަ އެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. ނޭވާ އެތެރެއަށް ހިފަހައްޓައިލެވުނެވެ. އޭރު ނޭނގޭ ދިޔަވަރެއް ދޫދަށުން ދައުރުކުރަމުން ދިޔަ އެވެ. ފާޑަކަށް އުނދަގޫ ގޮތެއް ވާން ފެށި އެވެ. ކުއްލިއަކަށް އޯކަށް ދެމޭ ގޮތްވާން ފެށި އެވެ. އަނގަމަތީގައި އަހަންނަށް އަތް އެޅުނެވެ. މޭނުބައިކޮށް ހޮޑުލަވާން ފެށުމުންނެވެ. އެހައި ހިސާބުން އަހަންނަށް ކެތެއް ނުކުރެވުނެވެ. ގޮނޑިން ތެދުވެ ދުއްވާ ގަނެވުނެވެ. ޔާރިޝް ވެސް ހައިރާން ވެފައި އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ. އޭނާ މަޑުމަޑުން އަހަރެންގެ ފަހަތުން އައި ކަން އެނގެއެވެ. ކައިރީ ހުރި ގަސްތަކާ ހަމައަށް ނުދެވި އުޅެނިކޮށް ހޮޑުތައް ބޭރުވި އެވެ. އޯކަށް ދެމިދެމި އަހަރެން އަވަދިވާވަރުވި އެވެ. ކޮންމެވެސް މީހަކު އަހަރެންގެ ބޮލުގައި ހިފައިހައްޓައިލި އެވެ. އެއީ ކާކުތޯ ބަލައިލާކަށް ވެސް އަހަންނަކަށް ހިތްވަރެއް ނުލިބުނެވެ.

ބަނޑުގައި ހުރިނަމަ ހުރި އެއްޗެއް ވިއްޔާ ބޭރުވީ ކަންނޭނގެ އެވެ. އޯކަށް ދެމިދެމި އެއްވެސް އެއްޗެއް ނަ އެވެ. އަންނަނީ ފޮދުވަރެކެވެ.

"ފެން ފޮދެއް ބޮއެލާ." އިނގިރޭސި ބަހުން އެ މީހާ ބުނެލި އެވެ.

އަހަންނަށް އިސް އުފުލައިލެވުނެވެ. ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން އެއް އަތުން މޫނު ފޮހެލީމެވެ. އަހަންނަށް ފެނުނީ ހުދުކުލައިގެ ޓިޝޫއެކެވެ. އެއީ މޫނު ފޮހެލަން ދެވުނު އެއްޗެއްކަން އެނގުމުން އަހަރެން އޭގައި ހިފައިލީމެވެ. މޫނު ފޮހެލުމަށްފަހު ބަލައިލީމެވެ. ކުރިމަތީގައި ހުރީ ޔާރިޝް އެވެ. އޭނާ ދިއްކޮށްލީ ކުޑަ ފެންފުޅިއެކެވެ. އަހަރެން އޭގައި ހިފީމެވެ. ކޯވަރެއް އަނގަޔަށް އެޅުމަށްފަހު އަނގަ ދޮވެލީމެވެ.

"ރަނގަޅުތަ؟" އަނެއްކާ ވެސް ޔާރިޝް އަހައިލި އެވެ.

އަހަންނަށް ބަލައިލެވުނީ ޔާރިޝްގެ މޫނަށެވެ. އޭނާގެ ތުންފަތަށެވެ. އެ ތުންފަތުގައިވާ ލުއި ހިނިތުންވުމަށެވެ.

"ރަހަބަލައިލަން ބޭނުންތަ؟"

ޔާރިޝް ތުންފަތް ހަރަކާތްކޮށްލި ހެން ހީވި އެވެ. އޭނާ އެ ބުނީ ކީކޭ ހެއްޔެވެ؟ އަނެއްކާ އޭނާ އަހަންނާ ގަޔާވީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އަހަންނަކީ މި ތަނުގައި މަސައްކަތްކުރަން އައި ވަގުތީ މެޚްމާނެކެވެ. އޭނާ އެފަދަ ނަޒަރަކުން އަހަންނާ މެދު ނުދެކޭނެ އެވެ. އެގޮތަށް ނުވިސްނާނެ އެވެ. އެކަމަކު އޭނާ އަހަންނަށް ހާދަ ތައުރީފެއް ކޮށްފި އެވެ. ސިކުންތެއްގެ ތެރޭގައި އަހަރެންގެ ހިތް ބަންޑުން ކޮށްލައިފި އެވެ.

"ކީކޭ؟" އަހަންނަށް ބުނެލެވުނެވެ.

"އަހަރެން ބުނީ ރެސްޓުކޮށްލަން ބޭނުންހޭ؟" ޔާރިޝް ތަކުރާރުކޮށްލީ އޭނާ ކުރިން ބުނި ވާހަކަ އެވެ. "ފިނި އެއްޗެއް ބޮއެލާ އަރާމު ކޮށްލަން ދެވިދާނެތަ؟"

އަހަންނަށް އިސް ޖަހައިލެވުނެވެ. އުއްމީދު ނުކޮށް ހުރި ދަޢުވަތެއް ލިބުނީމަ އެވެ. ފާޑަކަށް ރަކިވީ އެވެ. ނޫން ކަމަށް ހެދެން ބޭނުންވީ އެވެ. އޭނާ ލައްވާ އާދޭސްކޮށްލުވާން ބޭނުންވީ އެވެ. އެއް ނަޒަރަކުން އެއީ އަހަރެން އެއްލި ބުޅިއެ ކެވެ. އެންކޮޅު އަޅައިފަ ދޫކޮށްލި ނަނެކެވެ. ޔާރިޝްއަށް އެ އެންކޮޅު ފެނިދާނެ ހެއްޔެވެ؟ އޭނާގެ ޝައުޤުވެރިކަން އެއަށް ދަމާ ލެވޭނެ ހެއްޔެވެ؟

"ހަނާ! ހަނާ! ކިހިނެއްވީ؟" އިފާޝާ އައީ އަހަންނާ ދިމާއަށެވެ.

"ހޮޑުލެވުނީ." އަހަންނަށް ބަލައިލެވުނީ އިފާޝާގެ މޫނަށެވެ.

"ސީކޮށް. އަނެއްކާ ވެސް ވީތަ؟" އިފާޝާ އަހައިލި އެވެ.

"ހީވަނީ. އެހެން ހީވާތާ ދެތިން ދުވަސް ވެއްޖެ. އިފާ ގާތު ބުނަން ނުކެރިފަ މި ހުރީ." އަހަންނަށް އިސްޖަހައިލެވުނެވެ.

"ދެން ކިހިނެއް ހަދާނީ؟ ފައިޒާނަށް ގުޅަންވީނު. އެކޮޅަށް ދާނީތަ؟" އިފާޝާ ތުންފަތަށް ގޮތެއް ހަދައިލި އެވެ.

"ނޫރަށް ގުޅައިފަ ބޭހެއް ހޯދާ. ފައި އަން އަންގާނެ ކަމެއް ނެތް. އޭރުން އޭނާ އިތުރަށް ހާސް ވާނީ." އަހަރެން ވިސްނައިލަމުން ބުނެލީމެވެ.

"ތި ވެސް ގޮތެއް. އެކަމަކު ފިރިހެނެއްގެ ހެލްޕް ބޭނުން ވެދާނެ ދޯ. ސޭފްޓީއަކަށް." އިފާޝާ ދަތްޕިލަ ޖައްސާ ބާރުކޮށްލި އެވެ.

"އާން."

"ދެން ކާކު ހުރީ؟" އިފާޝާ އަވަސް އަވަހަށް އަހައިލި އެވެ.

އަހަންނަށް އިޝާރާތްކޮށްލެވުނީ ޔާރިޝްއަށެވެ. އޭނާގެ މޫނަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލީމެވެ. ބަދަލުގައި އޭނާ ވެސް ހަމަ އެ ވަޒަނަށް ހިނިތުންވެލި އެވެ. އަހަރުމެން ދެއްކި ވާހަކައެއް އޭނާއަށް ނޭނގު ނަމަވެސް އޭނާ އެކަމަށް އެއްބަސްވިހެން ހީވި އެވެ.

(ނުނިމޭ)

ވާހަކައިގެ ދެ ވަނަ ބައި

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox