ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓް ޓަވަރުތަކުގެ ކޮމާޝަލް އޭރިއާގައި ގުރްއާން އަދި ޓިއުޝަން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާނުކޮށްފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާގެ ކޮމާޝަލް އޭރިޔާއިން ގުރްއާން ކްލާހާއި ޓިއުޝަން ސެންޓަރު ހިންގަން ޖާގަ ކުށްޔަަށް ދޭނީ ކުއްޔަށް ހިފާ ފަރާތުން އަމިއްލައަށް ޑިޒައިންކޮށްގެން ހިންގާ ގޮތަށެވެ. އެކަމަކު އެ ސެންޓަރު ހިންގާނީ އެޗްޑީސީން ދޭ ގައިޑްލައިނަކާ އެއްގޮތަށް ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެ އެވެ.
ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ އާއިލާތައް ދިރިއުޅެން ފަށާފައި ވާއިރު އެ ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.
އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.














