ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އުރީދޫގެ އިންޓަނެޓް ހިދުމަތަށް ބުރޫ އަރައިފި އެވެ.
ވުލެންތް ޑިވިޝަން މަލްޓިޕްލެކްސިން ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ މޯލްޑިވްސް–ސްރީ ލަންކާ ކޭބަލް (އެމް.އެސް.ސީ) އަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް ޑިސެމްބަރު 15, 2020 ގައި އެޅި ކޭބަލްއެކެވެ.
އެ ކޭބަލަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ސަބްމެރިން ކޭބަލަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ. އެހެންވެ، މައްސަލަ ހައްލުކުރެވޭނެ ވަގުތެއް ބުނެދެން ދަތި ކަމަށް އުރީދޫން ބުންޏެވެ.
"އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އައިއެސްޕީ ޕާޓްނަރަށް ދިމާވި މައްސަލައެއްގެ ސަބަބުން، އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ވަނީ އައިސްފަ. އަޅުގަނޑުމެންގެ ޓީމުން ދަނީ އެފަރާތްތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން. ދިމާވެދާނެ ދަތިތަކަށް އަޅުގަނޑުމެން އިހްލާސްތެރިކަމާއެކު މައާފަށް އެދެން." އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސް، ދިރާގު އަދި ލަންކާގެ ޑަޔަލޮގް އެކްޒިއާޓާސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ވާވޭ މެރީން ނެޓްވޯކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންއާ އެކު 3700 މީޓަރު ކަނޑުއަޑީގައި، އެ ކޭބަލް އަޅާފައި ވަނީ ލަންކާގެ ކޮލޮމްބޯ އާއި ހުޅުމާލެއާ ދެމެދު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 13، ގަ އުރީދޫން ވަނީ ސިންގަޕޫރާއި ޔޫރަޕްގެ 15 ގައުމެއް ރާއްޖޭގެ ކުޅުދުއްފުއްޓާ ގުޅާލުމަށް "ޕީސް ކޭބަލް" ގެ ނަމުގައި ސަބްމެރިން ކޭބަލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ.
އުރީދޫން މި ސަބްމެރިން ކޭބަލް އަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލް އާއެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އުރީދޫން ދެކެ އެވެ.













