އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާގެ ނަރުސްކަން ކުރުމުގެ ހުއްދަ ނާސިން ކައުންސިލުން މިއަދު ބާތިލްކޮށްފި އެވެ.
ގްރޭސްގެ ފިރިމީހާ މާވިން އެސްވައި، 29، އަށް ފުލުހުން ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ، 24، ގެ މައްޗަށް އުފުލީ މީހަކު މެރުމަށް އެހީވުމުގެ ކުށުގެ ދައުވާ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރި ނަރުހުންނެވެ.
ނަރުސްކަން ޕްރެކްޓިސް ކުރުމަށް މާވިން އާއި ލަމްހާއަށް ދޫކޮށްފައި އޮތް ހުއްދަ މިއަދު ބާތިލް ކުރީ އެ ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާ އުފުލާފައިވާތީ ކަމަށް އެކަމާ ގުޅިގެން އެޗްޕީއޭގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގްރޭސްގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16، ގަ އެވެ. ތިން ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ މީހަކު މަރާލަން އެހީތެރިވުމެވެ. ދެން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި އޭނާ ދިރިއުޅޭ ގެއިން ފެނުނު އިންޖެކްޝަންތަކާ ގުޅިގެން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މޭރީ ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.













