ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހުޅުވާލައިފި އެވެ.
ކުނި މެނޭޖް ކުރުމުގެ ބިލަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގާ، ބެލެހެއްޓުމަށްޓަކައި، ކުނި މެނޭޖްކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.
މިނިސްޓްރީން ބުނީ އެ ބިލަށް އާންމުން ހިޔާލު ހުށަހަޅަން ބޭނުން ނަމަ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅަންޖެހޭނެ އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ޑްރާފްޓުގައި ވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތަށް ރައީސްގެ ލަފާގެ މަތިންނެވެ.
އަދި ކުނި އުފެއްދުން މަދުކުރުމަށް ކޮންމެ ފަސް އަހަރުން އެއް އަހަރު ކުނި މަދުކުރުމުގެ ގައުމީ ލަނޑުދަނޑީގެ ޕްލޭން ކަނޑައަޅައި އާންމުކުރަން ޖެހޭނެ ކަމަށްވެސް އެ ޑްރާފްޓްގައިވެ އެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެތަކެތިން އުފެދޭ ކުންޏަކީ އެ އެއްޗެއް އުފެއްދި، ނުވަތަ އެ އެއްޗެއް އެތެރެކުރި މީހެއްގެ ޒިންމާއެކެވެ.
އަދި އެ ގާނޫނުގައި ބުނާ ކަންކަމާ ހިލާފުވެއްޖެނަމަ 5،000ރ. އާއި 100،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.












