ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކަށް ތިން އަހަރުވަންދެން ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެކަމާ ގުޅީގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާ ނިސްބަތްވާ ރަށުގެ ރަށު ކައުންސިލުގެ ނައިބު ރައީސްއަށެވެ. އެ ކުއްޖާއަށް 2019 ވަނަ އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށް މިނިސްޓްރީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަ
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަށް ބެލުމަށް ޔުނިސެފުން 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސެކަންޑަރީ ސްކޫލުގައި ކިޔަވާ ކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކު ހުރީ ގަދަކަމުން ބެހިފަ އެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައީ ކުޑަ އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާ އެވެ. ނަމަވެސް ފިރިހެން ކުދިންނަށް ލިބޭ ޖިންސީ އަނިޔާ ވެސް މަދު ނޫންކަން އެ ދިރާސާއިން ދައްކަ އެވެ.

ރާއްޖޭގެ އަންހުންގެ ސިއްހަތު ދަނެގަތުމަށް 2016 ވަނަ އަހަރު ޔޫއެންއެފްޕީއޭ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ އެންމެ ގިނައިން ބެހެނީ އެމީހުން ގާތް ތިމާގެ މީހުންނެވެ. އެގޮތުން އެންމެ ގިނަ ފަހަރު ޖިންސީ ގޯނާ ކޮށްފައި ހުންނަނީ އާއިލާގެ ފިރިހެން މެމްބަރެކެވެ. ދެން އެންމެ ގިނައިން ބެހެނީ ދަންނަ ފިރިހެނުންނާއި ނުދަންނަ ފިރިހެނުންނެވެ.
އަންނަން އޮތް ޖީލުގެ މުސްތަގްބަލް ބަނަ
ރާއްޖޭގެ ބޮޑުވާ ވަރަށް ގިނަ ކުޑަކުދިންނަކީ ޖިންސީ ޝިކާރައަކަށްވެފައިވާ ފަރާތްތަކެވެ. ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު އުމުރުފުރައިގެ 15 ޕަސެންޓު ކުދިންނަކީ ކޮންމެވެސް އެއްގޮތަކުން ޖިންސީ އަނިޔާ ލިބިފައިވާ ކުދިންނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ހާނިއްކަކޮށްގެން 316 މައްސަލައެއް އެ އޮފީހަށް 2018 ވަނަ އަހަރު އޮތީ ހުށަހަޅައިފަ އެވެ.
ޖިންސީ އަނިޔާއަށް ހުށަހެޅޭ ކޮންމެ ކުއްޖަކީ ނަފްސާނީ ފަރުވާ ބޭނުންވާނެ ކުދިންނެވެ. އެ ކުދިންނަށް މުޖްތަމައުގައި ފިކުރެއް ނެތި ހެލިފެލިވެ އުޅުމުގެ ޖާގަ ލިބޭނީ އަނިޔާގެ ސަބަބުން ލިބޭ ނަފްސާނީ މައްސަލަތަކަށް ފަރުވާއެއް ހޯދައިދީގެންނެވެ.












