ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ޓެރެރިޒަމްގެ ދައުވާ އުފުލި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކާ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ފުލުހުން ބުނެފައި ވަނީ އަލީ މަނިކަކީ ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ބޮން ގޮއްވި މީހާ ފިލުވަން ހަރަކާތްތެރިވި މީހާ ކަމަށެވެ. އަދި ނަޝީދު އަވަހާރަކޮށްލުމަށް ބާރުއަޅައި، ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ތަސްލީމު ކަމަށް އެ އިދާރާއިން ތުހުމަތުކުރެ އެވެ.
ނަމަވެސް އެދެމީހުންގެ މައްޗަށްވެސް ކުރަނީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މިއަދުގެ އަޑުއެހުމުގައި އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށާހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފަސް ހެކިވެރިއެއްގެ ވަނަވަރާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ފޮރިންސިކް ރިޕޯޓުގެ އިންޑެކްސް ސީޑީ ދައުލަތުން އެދިގެން ޝަރީއަތުން ސިއްރުކޮށްދިނެވެ.
އައިސިސް ޖަމާއަތަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ވީޑިޔޯތަކެއް އެ ދެމީހުންގެ ފޯނުން ފުލުހުންނަށް ފެނިފައި ވާކަމަށް ދައުލަތުން ބުނެ އެވެ. އަދި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ އަމަލުތަކާއި އޭނާގެ އަމަލުތަކާއި އެއްގޮތް ކަންކަމެއް ހުރިއިރު، ޓެރެރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް މީގެ ކުރިންސާބިތުވެފައިވާތީ އެކަންވެސް ކުށް ސާބިތު ކުރުމަށް އިތުރު ބާރެއް ދޭނެ ކަމަށް ދައުލަތުން ގަބޫލު ކުރެ އެވެ.

ގިނަ ހެކިތަކާއި އެކު އައިސިސް އާއި އަލްގައިދާއަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ސާބިތު ކުރުމަށް ރައީސް އޮފީހުގެ ގަރާރެއްވެސް ދައުލަތުން ހުށަހެޅި އެވެ.
ދައުވާއަށް އިންކާރުކޮށް، އެ ތުހުމަތުތަކުން ބަރީއަވުމަށް ދިފާއުންވެސް ހެކި ހުށަހަޅާފައި ވެއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިތުރު ވަގުތު ދިނުމަށް ދިފާއުން އެދުމުން 12 ދުވަހުގެ މުއްދަތެއް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ދެއްވި އެވެ. އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު މިއީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނޭ މައްސަލައެއް ކަމަށްވެސް ކޯޓުން ކަނޑައެޅި އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އަލީ މަނިކު ބުނީ އައިއެސް ޖަމާއަތުގެ ލީޑަރު މަރާލާފައިވާ ކަމަށާއި މިހާރު އެ ޖަމާއަތް ވުޖޫދުގައި ނެތް ކަމަށެވެ. އަދި ވުޖޫދުގައި ނެތް ޖަމާއަތަކަށް ތާއީދުކުރާނީ ކިހިނެއްތޯ ސުވާލު އުފެއްދީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރު ކުރަމުންނެވެ.
އިތުރަށް ކިޔާލުމަށް:













