ނުހޯދާ ހިދުމަތްތަކަށް ބިލުކުރާކަމަށް ބުނެ އާއްމުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑުން އެ މައްސަލަތައް ބަލަން ފަށައި ދެ ކްލިނިކެއް ސަސްޕެންޑްކޮށްފި
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި އާސަންދަ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ އާސަންދައިން ސިއްހީ ހިދުމަތެއް ނުހޯދާ މީހުންގެ ނަމުގައި، ހިދުމަތްދޭ ބައެއް ތަންތަނުން ބިލްކުރާކަން އެނގެން ފެށީ އަލަށް ތައާރަފްކުރި ނޮޓިފިކޭޝަން ހިދުމަތުގެ ސަބަބުން ކަމަށެވެ.
ޒީނިޔާ ވިދާޅުވީ އާސަންދައިން މިދިޔަ ޑިސެމްބަރު މަހު ތައާރަފްކުރި އެ ހިދުމަތަށް ފަހު އެ ކުންފުންޏަށް ހުށަހެޅި ޝަކުވާގެ 15 ޕަސެންޓަކީ ނުހޯދާ ހިދުމަތަށް ބިލްކޮށްގެން ނޮޓިފިކޭޝަން އައި ކަމުގެ ޝަކުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮޓިފިކޭޝަން ހިދުމަތް ތައާރަފްކުރީއްސުރެ މިހައިތަނަށް ލިބިފައި ވަނީ 325 މީހެއްގެ ޝަކުވާ އެވެ. އޭގެ ތެރެއިން ފަސް ޕަސެންޓް މީހުން ޝަކުވާ ކުރީ ނޮޓިފިކޭޝަން އަންނަ ސަބަބެއް ނޭނގިގެންނެވެ. އަދި 10 ޕަސެންޓް މީހުންގެ ޝަކުވާއަކީ އެމީހުންގެ އެމީހުންގެ ސައްހަ ފޯނު ނަމްބަރަށް ނޮޓިފިކޭޝަން ނުލިބުމެވެ. ޝަކުވާކުރި މީހުންގެ ތެރެއިން 15 ޕަސެންޓް މީހުން ބުނީ އެމީހުންނަށް ނޮޓިފިކޭޝަން ލިބެނީ މާ ފަހުން ކަމަށެވެ. ނުބައި ނަމްބަރަކަށް ނޮޓިފިކޭޝަންތައް އެމީހުންގެ ފޯނު ނަމްބަރު ނޫން އެހެން ނަމްބަރަކަށް މެސެޖް ދާ ކަމަށް 55 ޕަސެންޓް މީހުން ބުނި ކަމަށް ވެސް ޒީނިއާ ވިދާޅުވި އެވެ.
"ދެން 15 ޕަސެންޓް ޝަކުވާތަކުގައި މިހިރީ އެމީހުން ނުނަގާ ހިދުމަތަކަށް، އެމީހުންނަށް ނޮޓިފިކޭޝަން އަންނަނީ. ދެން މިއީ ހަމަ އަަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އެއި ކީއްވެ، ހިނގާ ކަމެއްތޯ ބަލަން އާސަންދައިން މިހާރު ގެންދަނީ ތަހުގީގެއް ކުރަމުންނެވެ. އެ ތަހުގީގުގައި މިހައިތަނަށް ދެ ކްލިނިކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހައިތަނަށް ދެ ކްލިނިކެއް ސަސްޕެންޑް ވެސް ކޮށްފިން މި އިންވެސްޓިގޭޝަން ތެރޭގައި، ހަމަ ބަލަން،" ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ބަލާއިރު، ބަލިމީހުންގެ އަތުން ލިޔެކިއުން ހޯދަން ޖެހޭ ހާލަތްތަކުގައި އެ ލިޔެކިއުންތަކާއި ދޭން ޖެހޭ އެހެން މައުލޫމާތު ވެސް ވީހާ އަވަހަކަށް ދޭން އާސަންދައިން އެދޭ ކަމަށެވެ.
އާސަންދައިގެ ނިޒާމުގެ ތެރެއިން ހަދާފައިވާ އެހެން މަކަރުތަކުގެ ތެރޭގައި، އާސަންދައިން ކަވާ ނުކުރާ ދާއިރާތަކުގެ ހިދުމަތްތަަކަށް ބިލްކުރުން ވެސް ހިމެނެ އެވެ. ޒީނިޔާ ވިދާޅުވީ އެގޮތަށް ކަންތައް ކުރި ކޭސް އެއް ވެސް ބަލަމުން އަންނަ ކަމަށެވެ.
"ހިދުމަތެއް ނަގަން މިސާލަކަށް މިދަނީ ކަވާ ނުކުރާ އެއްޗަކަށް. ދިޔައިމާ ބަލިމީހާ އަތުން ވަރަށް ބޮޑު އެއްޗެއް ނަގާފައި، އޭނާ އެކަން ކޮށްގެން ނިކުމެގެން އައީ. އެސްއެމްއެސް އޭނާއަށް މިއައީ އޭއްޗަށް އޭނައަށް ހަމަ އާސަންދައިން ވެސް ހަމަ ބްލޮކްކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
ނުނަގާ ހިދުމަތަކަށް އެގޮތަށް ޗާޖްކުރިކަމުގެ ނޮޓިފިކޭޝަން އަތުވެއްޖެ ނަމަ ވީހާ އަވަހަކަށް އާސަންދަ ކޮމްޕެނީއަށް އެކަން އަންގަން ޒީނިޔާ އެދިވަޑައިގެންނެވި އެވެ. އާސަންދައިގެ ހޮޓްލައިނަކީ 1400 އެވެ.












