ދައުލަތާއި ދިފާއުން ބަހުސަކަށް: އިންޓެލް ރިޕޯޓް ހެއްކަކަށް ފުދޭނެ؟

ކްރިމިނަލް ކޯޓް: މިއަދު ކުރިއަށް ދިޔައީ އޮޅިގެން ސީރިއާއަށް ދެވުނުކަމަށް ބުނި ފައިޒާންގެ މައްސަލައިގެ އަޑުއެހުމެއް -- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓް: މިއަދު ކުރިއަށް ދިޔައީ އޮޅިގެން ސީރިއާއަށް ދެވުނުކަމަށް ބުނި ފައިޒާންގެ މައްސަލައިގެ އަޑުއެހުމެއް -- ފޮޓޯ: އަދަދު

ޓެރެރިޒަމްގެ މައްސަލަތަކުގައި ފުލުހުން ތައްޔާރުކުރާ އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމާއި މިއަދު މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ދައުލަތާއި ދިފާއުގެ މެދުގައި ބަހުސްކޮށްފި އެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަކަމުގެ ތުހުމަތުގައި މއ. މާރަނގަ ހަސަން ފައިޒާންގެ މައްޗަށް އުފުލާފައި ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން އެދުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ވަކި މިންވަރަކަށް ސިއްރުކޮށްދިނުމަށެވެ. އެހެން ނަމަވެސް ދިފާއުން އެކަމަށް އިއުތިރާޒް ކުރަމުން އެދުނީ އެ ލިޔުންތަކުން އެއްވެސް މިންވަރެއް އުނިކުރުމަކާއި ނުލާ، ކޯޓުގައި އެ ހުރިހާ އެއްޗެއް ދިރާސާ ކުރުމުގެ ފުރުސަތަކަށެވެ.

ދައުލަތުން އެގޮތަށް އެއްބަސްވި ނަމަވެސް، އެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލް ރިޕޯޓް ސިއްރުކުރުމަށް އެދުނީ އެ ރިޕޯޓް އެކަނި ހެއްކަކަށް ފުދޭނެ ކަމަށް ބުނެ އެވެ. އެހާ ހިސާބުން ދިފާއުންނާއި ދައުލަތުން ބަހުސްކުރަން ފެށީ އެކަމާއި ގުޅޭ ގޮތުންނެެވެ.

ދައުލަތުގެ ވަކީލް ލީނާޒް ޖަމީލް ވިދާޅުވި ގޮތުގައި ޓެރެރިޒަމްގެ ގާނޫނުގެ ދަށުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ބެލޭނެ އެވެ. އެހެން ނަމަވެސް ދިފާއީ ވަކީލް އަބްދުﷲ ޝާއިރުގެ ވިސްނުންފުޅު އެކަމުގައި ތަފާތެވެ. އޭނާ ވިދާޅުވީ އިންޓެލް ރިޕޯޓަކީ ރަސްމީ ލިޔުމެއް ނޫން ކަމަށެވެ.

އެ ވާހަކައާއި ގުޅުގެން ލީނާޒް ވިދާޅުވީ އެއީ ރަސްމީ އިދާރާއަކުން ތައްޔާރުކޮށް، ތައްގަނޑު ޖަހާފައިވާ ލިޔުމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ދޫކުރާ ކޮންމެ ލިޔުމަކީ ރަސްމީ ލިޔުމެއް ކަމުގައި ނުބެލެވޭނެ ކަމަށް ޝާއިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަސްމީ ލިޔުންތަކަކީ ދައުލަތުގެ އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ފޮނުވާ ލިޔެކިޔުންތައް ކަމަށާއި، އެ ލިޔުންތައް ސިއްރު ނުވާނެ ކަމަށެވެ.

ރަސްމީ ކޮންމެ ލިޔުމަކީ އާންމުކުރާ ލިޔުމެއް ކަމަށް ދިފާއުން ބުނުމާއި އެކު ދައުލަތުގެ ވަކީލް ވަނީ ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގެ ތެރެއިން ކޯޓަށް ހުށަހެޅޭ ގިނަ ލިޔުންތައް ސިއްރު ވާނެ ކަމަށް ބުނެފަ އެވެ. އަދި ދައުލަތުގެ ކޮންމެ މުއައްސަސާއެއްގެ ކޮންމެ ލިޔުމަކީވެސް ރަސްމީ ލިޔުމެއްކަން ފާހަގަކޮށް އޭނާ ވަނީ ފުލުހުންގެ އިންޓެލް ރިޕޯޓަކީ ރަސްމީ ލިޔުމެއް ކަމަށް ވަކާލާތުކުރައްވާފަ އެވެ.

ދިފާއުން ދެކޭ ގޮތުގައި އިންޓެލް ރިޕޯޓް އެކުލަވާލާފައި ހުންނަނީ އެކި މީސްމީހުންގެ ފަރާތުން ލިބޭ މައުލޫމާތުތަކުގެ މައްޗަށެވެ. އެހެންވެ، "ބުނިބުންޏަށް" އެކުލަވާލާ ލިޔުމެއް ހެއްކަކަށް ނުފުދޭނެ ކަމަށާއި، އެފަދަ ލިޔުމެއް ކޮންމެ މީހަކަށްވެސް ތައްޔާރު ކުރެވޭނެތީ އޭގައި އެއްވެސް ރަސްމީ ސިފައެއް އެކުލެވިގެން ނުވާ ކަމަށް ޝާއިރު ގަބޫލުކުރައްވަ އެވެ.

މީގެ އިތުރުން ޓެރެރިޒަމްގެ ގާނޫނުގައި އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ގަބޫލުކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ އެ ރިޕޯޓުގައި ވަކި ޝަރުތުތަކެއް ހަމަވެގެން ކަމަށްވާއިރު، އެ ޝަރުތުތައް ހަމަވާކަން ދައުވާ ފޯމުން ނުފެންނަ ކަމަށްވެސް ޝާކުރު ވިދާޅުވި އެވެ. އަދި މި ދައުވާކޮށްފައި އޮތީ ކުރިން އަމަލުކުރަމުންދިޔަ ގާނޫނުގެ ދަށުން ކަމަށްވާއިރު، އިންޓެލިޖެންސް ރިޕޯޓަކީ އެ ގާނޫނުގެ ދަށުން ހެއްކެއް ނޫން ކަމަށްވެސް ޝާއިރު ވިދާޅުވި އެވެ.

އެ ބަހުސް މެދު ކަނޑާލަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް އަޑުއެހުމެއް ތާވަލްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދައުވާ އުފުލައި އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 17 ޖެނުއަރީ 2018 ގައެވެ. އެހެންނަމަވެސް ކޯޓުން އޭރު ވަނީ ފައިޒާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފަ އެވެ. މި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން 14 ފެބްރުއަރީ 2021 ގައިނެރުނު އަމުރުގައި ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

އެއާއެކު ކްރިމިނަލް ކޯޓުގައި އަނެއްކާވެސް މި މައްސަލަ ކުރިއަށް ގެންދަން ފަށާފައި ވާއިރު، މީގެ ކުރިން ދައުލަތުން ފައިޒާންއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅިކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް އޭރު އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާތަކަށް އިންކާރުކުރަމުން ބުނެފައިވަނީ ތުރުކީއަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށާއި ސީރިޔާއަށް ދާން ގަސްތު ނުކުރާ ކަމަށެވެ.

ހަސަން ފައިޒާން ނޮވެމްބަރު 2017 ގައި ރާއްޖެއިން ފުރައިގެން ތުރުކީއަށްގޮސް، ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން އޭނާ ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox