ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ހޯޕް ފޯ ވިމެން ޖަމިއްޔާއާއެކު ޖެންޑާ މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހެކަން ދިރާސާތަކުން އެނގެ އެވެ. އާދީއްތަ ދުވަހު ސޮއި ކުރި އެ އެއްބަސްވުމަކީ އަނިޔާ ލިބިގެން މާލެ އާއި އަތޮޅުތެރެއިން ސަރުކާރަށް ހުށަހަޅާ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ ގޮތުން އެހީވުމަށްޓަކައިވި އެއްބަސްވުމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އެގޮތުން އެ އެއްބަސްވުމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއް ކަމަށް މިނިސްޓްރީއިން ފާހަގަކުރެ އެވެ.
ގެވެށި އަނިޔާ އަނިޔާއާ ދެކޮޅަށް މިނިސްޓްރީއިން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހޯޕް ފޯރ ވިމެންގެ ފަރާތުން އެ ރަސްމިއްޔާތުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާމަން އަހްމަދު އަންވަރެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ އެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް ޖުލައި 15، 2020 ވަނަ އަހަރު "ގެވެށި ގުޅުން" ގެ ނަމުގައި އަނިޔާއާ ދެކޮޅަށް ސަރުކާރުން އޮތީ ހާއްސަ ކެމްޕެއިންއެއް ވެސް ފައްޓާފަ އެވެ.

އެ ކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ރިޕޯޓްކުރި ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާ ބަލާއިރު އިތުރުކަން ޖެންޑާ މިނިސްޓްރީއިން ފާހަގަކުރެ އެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ ކަންކަން ހުއްޓުވުމަށް އޭޕްރީލް 23، 2012 ގައި ވަނީ ހާއްސަ ގާނޫނެއް ފާސްކޮށްފަ އެވެ. މިއީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައަޅައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުލަވައިލި ގާނޫނެކެވެ.












