އޭރު އެ މީހާ އަހަރުމެންނާ ދިމާއަށް އަންނަނީ އެވެ. އެއީ އަހަންނަށްވުރެ ހަގު ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ކޮނޑާހަމައަށެވެ. ގައިގައި ނުޖެހޭ، ބޮޑު ގޮޅި ޖެހި އަތްދިގު ގަމީހެއް ލައިގެން ހުރިއިރު ޖީންސް އޮތީ އުނަގަނޑުން ސޮހިފަ އެވެ. ހިނގުމުގައި ސާބިތުކަމެއް ނެތަސް އޭނާ ދެ އަތް މުށްކަވާލި އެވެ. އަތަށް ވާންކޮށްލި އެވެ. ދަތްޕިލަ ޖައްސާލަމުން ލޮލަށް ގޮތެއް ހަދައިލި އެވެ.
"އަވަހަށްދޭ. އަވަހަށްދޭ. ޖައިލަމް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ." އާޝާ އަވަސްވި އެވެ.
އޭނާ އިނގިލިތަކާ ކުޅެމުން އަހަރެންގެ ކުރިމަތީގައި ހުރަސްވެލިއެވެ. އާޝާ ހުރީ ހާސްވެފަ އެވެ. ދެ ލޯ ބޮޑުވެފަ އެވެ.
"ކައޭ ބަލައިގެން އުޅޭތި އިނގޭ. ކައޭ ރަށަސް މަ ކުރާން ބޭނުންކަމެއް ކޮށްފަ ހުއްޓައިލާނީ. ފުނޑާ ނުލަނީސް ދާން އުޅޭ." ޝާހާދަތް އިނގިލި އަހަރެންގެ ނޭފަތާ ކައިރިކޮށްލަމުން ޖައިލަމް ބުނެލި އެވެ.

"ނޫން ޖައި. ނޫން. އޭނާއަށް ކަމެއް ނުކުރާތި. އޭނާއަށް ކަމެއް ނުކުރާތި. ކުރާ ކަމެއް ކިޔާއެއްޗެއް އަހަންނަށް ކިޔާ." އާޝާގެ ހަރަކާތް އަވަސްވި އެވެ.
ޖައިލަމް އައިކަން އެނގުމުން ނަދީމާއެކު އާޝާމެންނާއެކު އައި ގުރޫޕު އަހަރުމެން ގާތަށް އަ އެވެ.
"ޖައި ކަލޭ މިތަނަށް އައީ ކީއްކުރަން؟ ދާން އުޅޭ. ދާން އުޅޭ. ކައޭގެ އުނދަގުލާ ހެދި މި ރަށަށް ވެސް މިއައީ. އެންމެ ފަހުން ކަލޭ މިތަނަށް ވެސް އައީދޯ؟" ނަދީމު ހިތްހަމަ ނުޖެހިފައި ހުރެ ބުނެލި އެވެ.
"ކައޭ ނުފުއްޕާތި އިނގޭ. ކައޭ މިކަން ކުރުވަން މި ރަށަށް އާޝާ ގެނައީ. ހުރެބަލަ ހޭ ދައްކާލާނަން."
ޖައިލަމް ފުންމައިގެން އައިސް އަހަންނަށް ހަމަލާ ދިނެވެ. އޭނާ ޖެހިގަތް ގޮތުން އަހަރެން ފަހަތަށް ވެއްޓުނެވެ. އޭރު ޖައިލަމް އޮތީ އަހަރެންގެ މޭމަތީގަ އެވެ. އޭނާގެ ދެވަނަ ހަމަލާ އަމާޒުވީ އަހަރެންގެ ކަނާއަތު ދަތްދޮޅި އަށެވެ. މުށްކަވާފައި ޖެހުމުން ކަތުރު ކަށިގަނޑާ ދިމާއިން އާދަޔާ ހިލާފަށް ތަދުވި އެވެ. ހީވަނީ އަލިފާން ޖެއްސިހެންނެވެ. އެއާއެކު އަހަރެންގެ ތުންފަތުގައި ދަތްއެޅި ތުންފަތަށް ދަތް ހެރުނެވެ.
"ކައޭ އަދިވެސް ކޭކު ދޭތި."
ޖައިލަމް ދެ ވަނަ ހަމަލާ ދިނުމުގެ ކުރިން އޭނާ އަހަރެންގެ ގައިމަތިން ނަގާ ހޫރައިލި އެވެ.
"މި ބުނީނު މިތަނުން ރައްކާވާށޭ. ދާށޭ. އަދި މި އާޝާ ވެސް މިހާ ޗީޕް މީހުންނާ ވައި އެޅޭނެ. ތަންދޮރު ބަލައި ނުލާ އައިސް އެހެން މީހުންގެ ގަޔަށް ބޮލަށް އަރަން ޖެހޭތަ؟" ނަދީމު ރުޅި އައިސް ފުފުނެވެ.
އަހަންނަށް ވީތަދުން އަނގަމަތީ އަތް އަޅައިގެން އޮވެވުނީއެވެ. އާޝާ އައިސް އަހަރެން ގާތަށް ތިރިވި އެވެ. އޭނާގެ ދެ ލޯ ވަނީ ބޮޑުވެފަ އެވެ. ހާސްވެފަ އެވެ. މީހާގެ ހަރަކާތްތައް ހުރީ އަވަސްވެފަ އެވެ.
"އަޅޭ ލޭ އަންނަނީ. ޒިދޫ ދޭބަލަ ގަނޑުފެން ކޮތަޅު ހިފައިގެން އަންނަން. ފަހީ އާދެބަލަ." އާޝާ އެކި މީހުންނަށް މަސައްކަތްތައް ހަވާލުކުރަމުން އަވަސް އަވަހަށް އަހަރެންގެ ކޯމަތީގައި އަތްއެޅި އެވެ.
އަހަރެންގެ އަންގައިން ލޭ އަންނަކަން އިހުސާސްވީ އާޝާ ބުނީމަ އެވެ. އަހަންނަށް އޮވެވުނީ ހާސްވެފައިވާ އާޝާގެ މޫނަށް ބަލާށެވެ. އޭނާ ހަރަކާތްތަކަށް ސަމާލުކަންދީ ގެންނެވެ. އާޝާގެ ގައިން ދުވަހުންދާ މީރުން ވަސް ވައިރޯޅިއާއެކު އަހަރެންގެ ނޭފަތާ ހަމައަށް ފޯރަމުން ދިޔަ އެވެ. އެއާއެކު ހިތްފުރެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ.
އެއީ ބިރުވެރި ދުވަހެއް ނަމަވެސް އެ ދުވަސް އަހަންނަށްވީ ވޭނީ އުފަލެއް ލިބުނު ދުވަހަކަށެވެ. ދަތްދޮޅީގައި އެޅި ވޭނަށްވުރެ ހިތަށް ލިބުނު ތަސައްލީ ބޮޑުވީމަ އެވެ. ހިތުގައި ނުޖަހާ އޮތް ވިންދުން ޖަހާން ފެށި ހެން ހީވާތީ އެވެ. އެ ދުވަހަކަށްފަހު އާޝާ އަހަންނަށް ގުޅާން ފެށި އެވެ. ހާލު ބެލުމުގެ ނަމުގައެވެ. މެސެންޖައިން ފެށި ޗެޓުކުރުން ވައިބައަށް ބަދަލުވި އެވެ. ދަންނަ މީހުންނާއި އާއިލާ މީހުންނަށް އަހަރެން ތަޢާރަފުކުރަމުން ގެންދިޔަ އެވެ.
އަހަރެންގެ ހިތުގައި ދޮންވެ ފައްކާވަމުން ދިޔަ ލޯބީގެ މޭވާގެ ވަސް ޒޫނާއަކަށް ނުދޮވަ އެވެ. ދޮވާނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނާއަކީ ފިކުރެއް ކުރާ މީހެއް ނޫންވިއްޔާ އެވެ. ކަމަކަށް ސަމާލުކަން ދޭ މީހެއް ނޫނިއްޔާ އެވެ. ކަމެއްގައި ލަފަޔަކަށް އެދުނަސް އޭނާގެ ހިޔާލެއް މަޝްވަރާއެއް ނުލިބޭނެ އެވެ. ކޯހަށް ދިޔުމާ ގުޅޭ ގޮތުން ދެ ފަހަރަކު ވާހަކަ ދެއްކުމުން ވެސް އޭނާ ބުނީ އެއް ވާހަކައެކެވެ.
އެންމެފަހުން އަހަރެން ގޮތެއް ނިންމީމެވެ. ލިބުނު ފުރުސަތުގެ ބޭނުންކުރާށެވެ. އަހަރެން ނިންމީ ޒައިން ގޮވައިގެން ދާށެވެ. ޒޫނާ ހުރީ އޭނާގެ ގޮތުގަ އެވެ. އަހަރެން ވެސް އަހަރެންގެ ގޮތުގައި ކުރިއަށް ދިޔުމަށް ނިންމީމެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުން ހިތްވަރު ހޯދައިގެންނެވެ.
"އާޝާއަށް ފެންނަނީ ދާން. ކުރިމަގު ބައްޓަން ކުރާން ތިޔަށް ވުރެ ފަހި ފުރުސަތެއް ނުލިބޭނެ." އާޝާގެ ހިޔާލުތަކަށް އަހަންނަށް އިހުތިރާމު ކުރެވުނެވެ.
ކަންކަން ތަރުތީބުވެގެން ދިޔައީ އަހަރެން އުއްމީދު ކުރި ގޮތަށެވެ. ކިޔެވުން ފެށިގެން ކުރިއަށް ދިޔަ އެވެ. ޒައިން ބަލާނެ މީހަކު ގެއަށް ގެނައީމެވެ. އަހަރުމެންގެ ހާލު ބަލައިލަން އެއް ފަހަރު ވެސް ޒޫނާ އިސްވެ ނުގުޅަ އެވެ. އެއާޚިލާފަށް ކޮންމެ ދުވަހަކު އާޝާ ގުޅަ އެވެ. މެސެޖު ކުރެ އެވެ. އަހަރުމެންގެ ހާލު ބަލަ އެވެ. ޒައިންއާ ވާހަކަ ދައްކަ އެވެ. ޗުއްޓީ ލިބުނު ނަމަވެސް އަހަރެން ރަށަށް އައުމުގެ ބޭނުމެއް ނެތީތީ ރަށަކަށް ނާންނަމެވެ.
ކޯހުގެ ފަހު ސެމިސްޓަގެ ކިޔެވުން ކުރިއަށްދަނިކޮށް ކަންކަން ބަދަލުވެގެން ދިޔައީ އުއްމީދު ވެސް ނުކުރާ ގޮތަކަށެވެ. އާޝާ ވެސް ސްކޮލަޝިޕެއްގައި އަހަރެން ކިޔަވަމުން ދިޔަ ޔުނިވަރސިޓީއަށް އަންނަން އުޅޭ ހަބަރު ދިނެވެ. ހަގީގަތުގައި އާޝާ ދިނީ ސަޕްރައިޒެކެވެ. އޭނާ އަހަންނަށް އެ ޚަބަރު ދިނީ އިންޑިޔާއަށް އައިސް އެއަރޕޯޓުގައި ހުރެފަ އެވެ. އޭނާ ބޭނުންވީ އަހަރުމެން އުޅޭ ގޭގައި އުޅޭށެވެ. އަހަންނާއެކު ވަގުތު ހޭދަކުރާށެވެ.
އާޝާ އައުމާއެކު ގޭތެރޭގެ ފަޅުކަން ފިލައި އުފާވެރިކަން ވެރިވި އެވެ. މުޅި ގޭތެރެ އުޖާލާވި އެވެ. ޒައިން ބެލުމަށް ގެނައި މީހާގެ ބޭނުން ކެނޑުނެވެ. އާޝާގެ ކުލާސްތައް އޮންނަނީ އަހަރެން ގެއަށް އައުމުންނެވެ. އެހެންވެ ކޮންމެ ވެސް އެކަކު ގޭގައި އަބަދުވެސް އުޅޭތީ ޒައިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ އާޝާ އެވެ.
ނުވިސްނަން ހުއްޓަސް އަހަންނަށް ވިސްނޭން ފެށި އެވެ. އާޝާއާ މެދު ހިތުގައި ރޯވި ހުޅުކޮޅު ބޮޑުވެ އެއިން ހަޔާތަށް އަލިކަން ލިބެން ފެށި އެވެ. ނުބުނަން ހުއްޓާ އެ ވާހަކަ އަހަންނަށް ބުނެވުނީ އެވެ. އާޝާ އެތައް ފަހަރެއްގެ މަތިން އެ ސިގުނަލް އަހަންނާ ހަމަ ފޮނުވީމަ އެވެ. ދެން އައީ ބަހާރު މޫސުމެވެ.
މަޑުމަޑުން ޒައިން ވެސް އާޝާއަށް ލެނބެމުން ދިޔަ އެވެ. މަންމައެއްގެ ފުށުން ނުލިބޭ ލޯތްބާއި އޯގާތެރިކަން އޭނާއަށް ލިބެމުން ދިޔަ އެވެ. އާޝާ ޒައިން ގެންގުޅެމުން ދިޔައީ އެހާ ލޯބިންނެވެ. ބަލައިބެލުމަށް ޒައިންއަކީ އާޝާގެ ދަރިއެކެވެ. އެހައި ވެސް އޯގާތެރި އެވެ. ޒައިން ސްކޫލަށް ގެންދިޔުމާއި ގެނައުމާއި ކާންދިނުމާއި ފިލާވަޅު ހެދުމުގެ އެއްވެސް ކަމަކާ އަހަރެން ވިސްނާކަށް ނުޖެހެ އެވެ.
"ދެން ހަމަ ނިމުނީތަ؟ އަހަންނަށް ގެއްލޭނީތަ؟ އަދި އަހަރެއްވަރު މަޑުކޮށްލެވޭނެ ނަމަ ދޯ." އަހަރެންގެ އުނގުގައި ބޯ އަޅައިގެން އޮވެ އާޝާ ބުނެލި އެވެ.
ކޯސް ނިމި ފުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އާޝާގެ އިހުސާސްތައް ހިއްސާކުރާވަރު ދިޔައީ އިތުރުވަމުންނެވެ. ދެ ވާހަކައިން އެއް ވާހަކައިގެ މެދަށް އެ ވާހަކަ އޭނާ ދައްކަ އެވެ.
"އިރާދަކުރެއްވިއްޔާ އާޝާ ކޯސް ނިންމާފައި އަހަންނާ ބައްދަލުވާތާ މަހެއްގެ ތެރޭގައި ކާވެނި ކުރެވޭނެ." އަހަރެންގެ ނިންމުން ވެސް އާޝާއަށް ހަނދާންކޮށްދެމެވެ.
"ޒޫނާ ގަބޫލުވާނެތަ؟ އަންހެނަކަށްވެ ހުރެ އަހަރެން ބޭނުމެއް ނޫން އަންހެނަކަށް ދެރައެއް ދޭކަށް."
އާޝާގެ އެންމެ ރީތި ސިފައަކަށް އަހަންނަށް ފެނުނު ސިފައަކީ އެއީ އެވެ. އެހެން މީހުންނާ މެދު އޭނާ ހަމްދަރުދީގެ ނަޒަރުން ވިސްނާ ވިސްނުމެވެ. މީހުންނަށް ކުރާނެ އަސަރާއި ހިތުގައި އަޅާނެ ވޭންތައް އަމިއްލައަށް ވަޒަންކުރާތީ އެވެ.
"ހެޔޮ ދޯ އަހަރެން ކިތައްމެ ހާލެއްގައި އުޅުނަސް. ފިރިހެނެއް ވީމަ އިހުސާސްތަކެއް ނުހުންނާނެ ދޯ. ހިތެއް ނޯންނާނެ ދޯ،" އަހަންނަށް އަސަރާއެކު ބުނެލެވުނެވެ. "ޒޫނާއާ ކާވެނި ކުރެވުމަކީ އަހަންނަށް ހަޔާތުގައި ހެދުނު އެންމެ ބޮޑު މިސްޓޭކް. އެންމެ ބޮޑު ގޯސް. ގޯހަކަށް ފެންދީ ކާންދީގެން ވެސް އުފެދޭނީ ގޯސް."
"އަހަރެން މަޖުބޫރެއް ނުކުރާނަން. ދެ އަނބިން ގޮވައިގެން، ހަމަހަމަ ފުރުސަތު ހޯދައިދީގެން އީސައަށް އުޅެވެންޏާ ދެ އަނބިންނަށް ވެސް އުޅެވޭނެ. އީސަގެ ހަނގު އަނބީގެ ދަރަޖަ ވެސް އަހަންނަށް ފުދޭ. އީސަގެ މީހެއްގެ ގޮތުގައި ހުރެވުނީމަ އަހަންނަށް ވާނެ. ޖައިލަމްގެ ކިބައިން އަހަންނަށް ސަލާމަތްވެވުނީ އެ ދުވަހު އީސައާ ކުރިމަތިވި ހާދިސާއިން. އެހެން ނޫންނަމަ އަހަންނަށް އަދިވެސް ޖައިލަމްގެ އަނިޔާވެރި ވަކިތަކުން ސަލާމަތް ނުވެވުނީސް ކަން ނޭނގެ."
"ބައްލަވާ ސަރއަށް ފޯނެއް. ހަންނާނު ކިޔާ ބޭފުޅަކު ވިދާޅުވީ ގުޅުއްވުމަށް ނަންގަނެ ދެއްވާށޯ."
ޚިޔާލުތަކުން ނުކުންނަށް އަހަންނަށް މަޖުބޫރުވީ އޮފީގެ ސެކެރެޓަރީގެ އެ ޖުމުލައިންނެވެ. އަހަންނަށް ބަލައިލެވުނީ ފޯނަށެވެ. ފޯނު އޮތީ ނިވިފަ އެވެ. ދެން ބަލައިލެވުނީ ކުރިމަތީގައިވާ ސްކުރީނަށެވެ. ޑެސްކުޓޮޕުގެ ސްކުރީނުން ފެނުނީ ވައިބައަށް އައިސްފައިވާ މެސެޖުތަކެވެ. އެތައް ފަހަރަކު އީސަ މެސެޖު ކޮށްފައި އޮތެވެ. އަހަންނަށް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ މި ހުރިހާ އިރު މި އިނދެވުނީ ހިޔާލީ ދުނިޔެއެއްގަ އެވެ. އޮފީހުގެ ފޯނު ނެގީމެވެ.
"ކިނިހެއްތޯވީ މަގޭ މެންޓަ؟" އާއްމު ބަހުރުވައިން ހަންނާނަށް މުޚާތަބުކޮށްލީމެވެ.
"އީސައަކީ ވަގު މީހެއްކަން މިއަދު އެނގިއްޖެ." ހަންނާނު ފެށީ ސީދާ މައުޟޫއިންނެވެ.
"ވައްކަމެއް ކުރެވުނީތަ؟" އަހަންނަށް ނޭނގޭ ކަމަށް ހަދައިލީމެވެ.
"އާނ. ބޮޑު ވައްކަމެއް. ސިއްރުން ކުރި ކަމެއް. ދޮޅު އަހަރު ވީއިރު ދަންވަރު ކުރާ ފޯނު ކޯލުތަކާއި އެކަނި އިނދެ ރީތިވެގެން ކިޔާ ލަވަތަކުން ބުނެދިން ވާހަކައަކީ މި ދޯ."
"މައްސަލައަކީ ކޮބާ؟" އަހަރެން ނޫން ކަމަށް ހެދޭކަށް ބޭނުމެއް ނޫނެވެ.
ކޮންމެ ގޮތެއް ވިޔަސް މިއީ ނުވާކަމެއް ނޫނެވެ. ނުކުރާ ކަމެއް ވެސް ނޫނެވެ. އަހަންނާ އާޝާގެ ގުޅުމުގެ ވާހަކަ އޮތީ އާޝާގެ ރަށަށް ގިނަވެފަ އެވެ. އެ ވާހަކަ އަހަރުމެން ރަށާ ހަމައަށް އައި ނަމަވެސް އަހަރެންގެ މިޒާޖާއި އުޅުމުން މީހުން ޝައްކުގެ ނަޒަރުން ނުބެލީ އެވެ. ގާތް އެކުވެރިން މަޖަލަކަށް އަހަންނާ ދިމާއަށް އެ ވާހަކަ ދެއްކި ނަމަވެސް އެއަށް ރައްދެއް ނުދީ ހުރުމުގެ ނަތީޖާއަކަށްވީ އެކަކަށް ވެސް ދޮނެއް ކަޅެއް ނޭނގުމެވެ. ވާނުވާއެއް ނޭނގުމެވެ.
"އަހަންނަށް މައްސަލައަކަށް ވަނީ ޒޫނާ އެ ހާލުގައި އިންދާ ތިކަން ކުރަން އުޅުން،" ހަންނާނުގެ އަޑުގައި ހުރީ ގާތް ގޮތެކެވެ. "އިތުރު ހަދިޔާއެއް ނުދީ އެ ބާބު ނިންމައިލި ނަމަވެސް ސަޅިވީސް."
"އެއީ ހެދުނު މިސްޓޭކެއް. އަހަރެން ޕްލޭނުގައި ނެތް ކަމެއް." އަހަންނަށް ޙަޤީޤަތް ހާމަކޮށްލެވުނެވެ.
"މިސްޓޭކު ހުސް މިސްޓޭކު. ކީއްކުރަން އެހާ ބޮޑު ލަނޑެއް ދޭންވީ. އަހަންނަށް ހަމަ ވިސްނާވިސްނާ ވެސް އީސައާ އީސަގެ ތި ޢަމަލާ ނުގުޅޭތީ މި ވާހަކަ މި ދައްކަނީ. ތިހާ މަޑުމައިތިރިކޮށް ހުންނަ، ތިހާ ޑިސިޕްލިން މީހެއް މަދުވާނެ. މީހުންނަށް އެވަރު އިހުތިރާމުކުރާ، އޯގާތެރި ވެރިއެއް ވެސް މަދުވާނެ."
"ތިޔަ ދައްކަނީ ޕްރޮފެޝަނަލް ދާއިރާގެ ވާހަކައެއްނު. އެއް ފަހަރު ވެސް ޒާތީ ވާހަކަ އަހައިލިންތަ؟ އަހަރެންގެ ހިތުގެ ކެކުޅުންތައް ހިއްސާކުރަން ބުނެލިންތަ؟ އިންސާނަކު ކެތްތެރި ވާނީ މިހާ ވަރަށްކަން ނޭނގެ. ކެތްތެރިކަން ވަންހަނާކޮށްގެން ދުނިޔެއަށް ހިނިތުންވުމެއް ދައްކައިގެން އުޅެވޭނީ ވެސް މިހާ ވަރަށް ކަން ނޭނގެ."
އަހަރެން ބޭނުންވީ ހަންނާނަށް އެ ވާހަކަތައް ސާފުކޮށްދޭށެވެ. އަހަރެން ބަލިވެ ނިކަމެތިވާ ދަނޑިވަޅުގައި އަހަންނަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެތީ އެވެ. ހަންނާނަކީ އަހަންނަށް ހެޔޮ އެދޭ އޯގާތެރިއެކެވެ. އަހަންނާ ގުޅޭ ހިތްހެޔޮ މިތުރެކެވެ. އޭނާއަށް ވެސް ޙަޤީޤަތް ސާފުވުމުން އަހަރެންގެ ކޮޅަށް ލެނބޭނެކަން ޔަގީނެވެ.
"ވަރަށް އަސަރުކޮށްފި. ތި ހާލަތުގައި ތިޔަ ނިންމުން ނިންމަން މަޖުބޫރު. އަހަރެން ނަމަ ޒޫނާ ދޫކޮށްލިތާ ކިތައްމެ ދުވަހެއް. އީސަ ކެތްގަދަ. ހިތްވަރުކޮށްފި،" އަހަރެންގެ ވާހަކަތައް އަޑު އެހުމަށްފަހު ހަންނާނު ބުނެލި އެވެ. "އަހަންނަށް ނުވިސްނެނީ ޒޫނާ ކިޔަވައިގެން ހުރި މީހާއަށް ނުވިސްނޭ ސަބަބު."
"ތި އަހަންނަށް ވެސް ނުވިސްނުނު ކަމަކީ. މިހާ ދުވަހު ކެތްކުރި ސަބަބަކީ ވެސް. އިސްލާހުވާން ފުރުސަތު ދެވުނު ސަބަބަކީ ވެސް. ދެ ފަހަރަކު ނަފުސާނީ ޑޮކުޓަރަކަށް ވެސް ދެއްކިން. މައްސަލައެއް ނެތްކަމަށް ބުނީ."
"އެހެންވީމަ އޭނާ ކަންނެތީތާ ދޯ. ތިވާނީ ތަރުބިއްޔަތުގެ މައްސަލައަކަށް. އަންހެން ދަރިން ދިރިއުޅުމަށް ތައްޔާރު ނުކުރުން އެއީ މިހާރު ބޮޑުވަމުން އަންނަ އިޖުތުމާއީ މައްސަލައެއް. ހަގީގަތަކީ މައިންބަފައިން ދަރިންނަށް އެއްވެސް މަސައްކަތެއް ދަސްކޮށް ނުދީ އުމުރުން ފަނަރަ، ސޯޅަ އަހަރު ވަންދެން ބައިތިއްބާކަން. ކިޔެވުމުގެ ނަމުގައި އަތުންފައިން ކަމެއް ނުކުރުމަކީ ދަރިންނަށް ދެވޭ އަނިޔާއެއް." ހަންނާނުގެ ނިންމުން އޭނާ ބުނެލިއެވެ.
"އަހަންނަށް ވެސް ތިކަމާ އެއްބަސްވެވޭ. މި ސަގާފަތް އެބަ ޖެހޭ ބަދަލުވާން. އެހެންނޫނީ އަހަރެން ކަހަލަ އެތައް އީސައެއް، އެކަހަލަ އެތައް ޒޫނާއެއްގެ މަޅީގައި ޖެހި މިހާލުގައި އުމުރުގެ ދުވަސްތައް ގުނާނެ."
ހަންނާނުގެ ފޯނު ކޯލު ނިންމާލުމުން އަހަންނަށް ވިސްނައިލެވުނެވެ. އޭނާ ދެއްކި ވާހަކަތަކާ ޒޫނާގެ ޢަމަލުތަކާ ގުޅުވާލެވުނެވެ. ގޭތެރެއިން ފެންނަ މަންޒަރުތައް އެ ވާހަކައާ ގުޅުވާލެވުނެވެ. އެއީ ތެދުވާހަކައެކެވެ. އެއީ ރަނގަޅު ޚިޔާލުތަކެކެވެ. ދަރިންދެކެ ލޯބިވުމަކީ ބޭނުންހާ އެއްޗެއް ހޯދައިދީ އެ ދަރިން ނަލަހައްދުވައިގެން، މޫނުގައި ޗޯކު އުނގުޅުވައިގެން ގެންގުޅުމެއް ނޫނެވެ. ދަރިން ދެކެ ހަގީގީ ލޯބިވާ ކޮންމެ މަޔަކު ވެސް، ކޮންމެ ބަފަޔަކު ވެސް އެ ދަރިން ދުނިޔޭގައި އުޅުމަށް ބޭނުންވާނެ އަސާސީ ހުނަރުތަކަށް ފައްކާ ކުރާނެ އެވެ. ދިރިއުޅުމަށް ތައްޔާރުކޮށްދޭނެ އެވެ. ގެވެހި އުޅުން ބުނެދޭނެ އެވެ. ދަސްކޮށްދޭނެ އެވެ. އެހެން ނޫނީ މުޅިން ވެސް ފެންނާނީ މިކަހަލަ ޒޫނާ އެވެ. އޭރުން ހަނދު ނުފެނި ފެންނާނީ ހަނދުވަރެވެ. އަލިކަމެއް ނެތި ދިރިއުޅެން މަޖުބޫރުވާނީ އެވެ. ގޭގެ އުފަލަކީ ގެވެހި އަނތްބަކު ލިބުމެވެ. މުސްކުޅިން ބުނަނީ ތެދެކެވެ. ވަޅި ރީތީ ތޫނިއްޔާ އެވެ. އަނބި ރީތީ ހެވިއްޔާ އެވެ.
ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ދެން އާޝާއާ ނުލައެއް ނޫޅެވޭނެ އެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ހަނދެވެ. އުއްމީދުތަކުގެ އަސްލެވެ. ހަޔާތުގެ އެކި ރޭރޭ މިލަހަނދުވަރުން ފެންވަރައިފީމެވެ. ހަނދެއްނެތި އެތައް ރެޔަކު އެކަނި އިނދެ ރޮއެފީމެވެ. ހަނދުވަރުގެ އަލިކަމަށް ވުރެ އަހަންނަށް މިއަދު މުހިއްމީ ހަނދެވެ. ހަނދެއްނެތި އަހަންނަށް ދެނެއް ނޫޅެވޭނެ އެވެ. ހަނދުގެ މުހިއްމުކަން އާޝާ އަހަންނަށް ދަސްކޮށްދީފި އެވެ. ބުނެދީފި އެވެ. (ނިމުނީ)








