ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ގަވާއިދުން އަދާހަމަނުކުރާތާ ގިނަ ދުވަސްތަކަކަށްފަހު، އެފަދަ މީހުންގެ ވަނަވަރު ހިމެނޭ ލިސްޓެއް ޖެންޑާ މިނިސްޓްރީއިން މިއަދު އާންމުކޮށްފި އެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގައި ބުނާ ކުށްތަކަށް އަރައިގަންނަ މީހުންގެ ވަނަވަރު ޖެންޑާ މިނިސްޓްރީން އާންމު ކުރަންޖެހެ އެވެ. އެ މައުލޫމާތު ހާމަކުރަންޖެހެނީ އެކަމަށް ހަދާ ހާއްސަ ވެބްސައިޓަކާއި އެސްއެމްއެސް މެދުވެރިކޮށެވެ.
ކުޑަކުދިންނާ ބެހޭ މީހުންގެ ދަފްތަރު ހާމަކުރުމަށް ސަރުކާރުން ހެދި އޮފެންޑާސް އެމްވީ ވެބްސައިޓު މިދިޔަ އަހަރު އެއްވެސް މިންވަރަކަށް އަދާހަމަކޮށްފައެއް ނުވެ އެވެ. އަދި 2020 ވަނަ އަހަރު ކުޑަކުދިންނާ ބެހިގެން ހުކުމް ކުރި އެންމެންގެ މައުލޫމާތު ވެސް އެ ވެބްސައިޓުގައި ފެންނާކަށް ނެތެވެ.
މިހާރު އެ ވެބްސައިޓު އެއްވެސް މިންވަރަކަށް މަސައްކަތް ނުކުރެ އެވެ. ނަމަވެސް ވެބްސައިޓުގެ ތެރެއިން ޕީޑީއެފް ފޯމެޓުގައި އޮތް ފައިލެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ލިސްޓެއް ހިމަނައިފަ އެވެ. އެކަމަކު އަދިވެސް ބައެއް ކުށްވެރިންގެ ފުރިހަމަ މައުލޫމާތު އެ ލިސްޓަކު ނެތެވެ. އެގޮތުން ބައެއް މީހުންގެ ފޮޓޯ ލިސްޓަކު ނެތެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީއާ މި ނޫހުން ކުރިން ސުވާލުކުރުމުން ބުނީ ކުޑަކުދިންނާ ބެހޭ މީހުންގެ ދަފްތަރު އާންމު ނުކުރަނީ އެ ސަފްތަރު "ހަރުދަނާ ކުރުމުގެ މަސައްކަތް" ކުރަމުންދާތީ ކަމަށެވެ.

ވެބްސައިޓް "ހަރުދަނާކުރުމުގެ މަސައްކަތް" ނިންމޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ކުޑަކުދިންނާ ބެހޭ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު ވުޖޫދަށް އައީ ވަރަށް އަނިޔާވެރިކޮށް ޖޫން 11، 2009 ގައި މަރައިލި، އެންމެ 10 މަހުގެ މުހައްމަދު ނާފިއު އިބްރާހިމްގެ ހަނދާނުގަ އެވެ. އެންމެ ފުރަތަމަ އެ ގާނޫނަށް ކިޔަން އުޅުނީ ވެސް ނާފިއު ގާނޫނެވެ. ނަމަވެސް މެމްބަރުން އެ ނަން ފާހެއް ނުކުރި އެވެ.
ނާފިއު މަރައިލީ އޭނާގެ މަންމަ އާއި މަންމަގެ ލޯބިވެރިޔާ އާއި އިތުރު މީހަކު މަސްތުވާން ތިއްބާ ރޯތީވެ އުނދަގޫވެގެންނެވެ. ނާފިއު މަރުވީ އޭނާގެ ދެ ކިހިލިފަތުގައި ހިފައި ތަޅުވައިގަތްލެތް ބާރުކަމުން، ވަގުތުން ހިތް ހުއްޓިގެންނެވެ. ޑޮކްޓަރުން ބުނެފައި ވަނީ ގިނަ ދުވަސްތަކެއްގެ މަތިން ނާފިއުއަށް ޖިންސީ ގޯނާ އާއި އެހެނިހެން ހާނިއްކަ ދީފައި ހުރިކަމުގެ ނިޝާން އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި ފެންނަން ހުރި ކަމަށެވެ.
ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހުންގެ މައުލޫމާތު "އާންމުކޮށް ޝާއިއު ކުރަމުން ގެންދަންވާނެ" ކަމަށެވެ. އަދި އާންމު ކުރަންޖެހޭނީ "ކުށް ކުރާ މީހުންގެ ފުރިހަމަ މައުލޫމާތު" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އެކަމުގެ
އޭގެ އިތުރުން އެ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންނާ ބެހޭ މީހުންގެ މައުލޫމާތު އާންމު ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ކުދިންގެ ރައްކަލަށް މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާއިން ކަމަށެވެ.
titledesc












