މީގެ ފަސް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ތަހުގީގު ކުރުމުގައި ދައުލަތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރެއްވި ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވީ އޭނާއަށް ހަމަލާދިން މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާންގެ މައްޗަށެވެ. ދައުވާ ލިބުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވަނީ މައްސަލައިގެ ތަހުގީގާއި ހެކިބަސް ދިނުމުގައި ދިމާވެފައި ހުރި މައްސަލަތަކާއި ދައުލަތުން ހަދާފައިވާ ގޯސްތަކުގެ މައްޗަށް އަލި އަޅުވާލައިފަ އެވެ.
އެގޮތުން ބައެއް ހެކިންގެ ވާހަކަތައް ފުށުއެރުމާއި، ހެކިތަކުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވުން ފަދަ ކަންކަމުގެ އިތުރުން، ހެކިބަސް ދިން އިރު އޮފިސަރުން ތައްޔާރުވެފައި ނުވާތީ ފުލުހުން ހިންގި ތަހުގީގާއި މެދު ސުވާލު އުފެއްދޭނެ ގިނަ ކަންކަން ވުޖޫދުވި ކަމަށް ގާޒީ އާދަމް މުހައްމަދު ހުކުމް ކުރައްވަމުން ވިދާޅުވި އެވެ. އަދި ފުލުހުންނަށް ހެދިފައިވާ ގޯސްތައް ވަކިވަކިން ހުކުމުގައި ތަފްސީލު ކުރެއްވި އެވެ.
"ފުލުހެއްގެ ފަރާތުން ހެކިބަސް އަދާކުރާއިރު ކަން ހިނގާދިޔަ ގޮތް ތެދު ބަހުން ކިޔައި ދިނުމުގައި ފަރުވާތެރިވާންޖެހޭ މިންވަރަށް ފަރުވާތެރިވެފައިނުވާކަން ޝަރީއަތަށް ފާހަގަކުރެވުނު،" ފަނޑިޔާރު ވިދާޅުވި އެވެ.

ގާޒީ ހުކުމުގައި ލިޔުއްވާފައިވާ ގޮތުގައި ހެކިވެރިއަކަށް ހުށަހެޅި ފުލުހުންގެ ލާންސް ކޯޕްރަލް ހަސަން އާދަމް، އެ އިދާރާގެ ތަހުގީގަށް ދީފައިވާ މައުލޫމާތާއި ޝަރީއަތަށް ދީފައިވާ ހެކިބަހުގައި ފުށު އެރުންތަކެއް ފާހަގަވެފައިވެ އެވެ.
އެގޮތުން ޔާމީން ރަަޝީދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ސީންގައި އޭނާ މަޑުކޮށްގެން ހުރިކަމަށް ހެކިބަހުގައި ބުނެފައި ވީނަމަވެސް، އައިޖީއެމްއެޗްގެ މެޑިކަލް ލީގަލް ރިޕޯޓްތަކުުން ދައްކާ ގޮތުގައި ޔާމީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނަ މީހަކީ އެ އޮފިސަރުކަން ހާމަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި 10 ވަރަކަށް މިނެޓް ތެރޭ ޔާމީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޭނާ ހެކިބަސް ދެމުން ބުނެފައި ވާތީ، އޭނާ ސީންގައި މަޑުކޮށްގެން ހުރި ކަމަށް ބުނި ވާހަކައިގައި ފުށުއެރުންތަކެއް ހުރި ކަމަށް ގާޒީ ދެކެ އެވެ. އެފަދައިން ހެކިބަސް ދީފައި އޮތުމަކީ ފުލުހުންގެ އަދުލުވެރިކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
"ތަހުގީގުގައި ބޭނުންކުރި ވޯރކް ލޮގް ނުވަތަ ރިކުއެސްޓް ފޯމު ނުގެނެވިގެން ހެކިބަސް އަދާކުރުމަށްދަތިވެގެންދިޔުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫން،" އެ ހުކުމުގައި ބުނެފައިވެ އެވެ.
ގާޒީ އެފަދައިން ވިދާޅުވީ ދައުވާ ލިބޭ ހަ މީހުންނަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓުތައް ތައްޔާރުކުރި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓާފް ސާޖަންޓް އާދަމް މުހައްމަދު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނީ އެކަށީގެންވާ ވަރަށް ތައްޔާރުނުވެކަން ފާހަގަކުރައްވަމުންނެވެ.
އެގޮތުން ބައެއް މައުލޫމާތުތައް ހާމަކުރުމުގައި ވޯކް ލޮގް އަދި ރިކުއެސްޓް ފޯމު ބެލުމުން އެކަން އެނގޭނެ ކަމަށް ބުނާއިރު، ޝަރީއަތަށް ހާޒިރުވިއިރު ވެސް އެ ވޯކް ލޮގް ގެނެސްފައިނުވާ ކަމަށާއި އެ ވޯކް ލޮގް ގެނެސް އެބަލައިގެން ހެކިބަސް ދިނުމުގެ ފުރުސަތަކަށް އެފަރާތުން އެދިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި އެ ލިޔުންތައް ޝަރީއަތާ ހިއްސާކޮށްފައި ނުވާ ކަމަށާއި އެ ފޯމުގައި ކަމާއި ގުޅޭ މައުލޫމާތުތަކެއް ވާނެ ކަމަށް ބުނެ ހެކިބަސްދީފައި ވާތީ، ދިފާއުން ކުރި ގިނަ ސުވާލުތަކަކަށް ޖަވާބު ދިނުމުގައި އެ އޮފިސަރަށް ގޮންޖެހުންތަކާއި ކުރިމަތިވެ، އެކަންކަން ޝަރީއަތަށް ސާފުވެގެން ގޮސްފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ދައުވާ ލިބޭ ފަރާތެއްގެ މައްޗަށް ހުށަހެޅި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓެއްގައި ދައުވާލިބޭ އެހެން ފަރާތެއްގެ މައުލޫމާތު ހިމަނާފައިވުމަކީ ފުލުހުންގެ ފަރުވާތެރިކަން ކުޑަކަން ދައްކުވައިދޭ އަމަލެއް،" ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
ގާޒީ ވިދާޅުވީ ޔާމީން ރަޝީދު މަރާލިކަން ސާބިތުކޮށްދެން ފުލުހުން ހުށަހެޅި މުހިންމު ހެއްކެއް ކަމަށްވާ ވީޑިއޯ އެނަލިސިސް ރިޕޯޓްގައި ދައުވާ ލިބޭ އެހެން ފަރާތްތަކުގެ ނަންތައް ހިމަނާފައިވުމަކީ އެ ހެކީގެ ބަރުދަނާއި މެދު ސުވާލު އުފައްދަން ހުޅުވުނު ދޮރެއް ކަމަށެވެ.
އެ ރިޕޯޓް ތައްޔާރުކުރަން ބޭނުންކުރަން ސޮފްޓްވެއާއެއް ބޭނުންކޮށްފައިވާއިރު، އެ ރިޕޯޓަކީ ވެސް ސޮފްޓްވެއާއަކުން ޖެނެރޭޓްކުރާ ރިޕޯޓެއް ކަމަށް ރިޕޯޓު ތައްޔާރުކުރި ފަރާތުން ކޯޓުގައި ހެކިބަސްދީފައިވެ އެވެ. ވީޑިއޯ އެނަލިސިސް ހެދުމަށް ބޭނުންކޮށްފައިވާ ސޮފްޓްވެއަރ އަކީ އެމްޕެޑް -5 އެވެ. އެ ސޮފްޓްވެއަރ އިން ޖެނެރޭޓުކުރި ކަމަށް ބުނާ ރިޕޯޓު ދައުލަތުން ޝަރީއަތަށް ހުށަހަޅާފައެއްނުވެ އެވެ.
އެ ރިޕޯޓް ތައްޔާރު ކުރި އޮފިސަރު ހެކިބަސް ދެމުން ބުނީ އެ ރިޕޯޓު ދައުލަތަށާއި ޝަރީއަތަށް ހިއްސާކޮށްފައިނުވަނީ ތަހުގީގުކުރާ ފަރާތުން އެފަދައިން އެރިޕޯޓަށް އިސްވެ، އެދިފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން އެ ރިޕޯޓާ ގުޅޭ އެންމެހައި ކަންކަން އެ އޮފިސަރަށް ހެކިބަސް ދެމުން ކިޔައިދެވިފައި ނުވާ ކަމަށާއި ފުލުހުން އަމަލުކޮށްފައި ވަނީ "ބެސްޓް ޕްރެކްޓިސް" އާއި އެއްގޮތަށް ކަމުގައި ނުބެލެވޭކަން ގާޒީ ފާހަގަކުރެއްވި އެވެ.
ހާދިސާ ހިނގި ސަރައްހައްދުގައި ހުރި 'ފަލި ޝައިން ޝޯރޫމް' އިން ނެގި ވީޑިއޯ ފުޓޭޖް ނަގާފައިވާ ތަން ކަމުގައި ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެންޑް އިމޭޖް އެނަލިލިސް ރިޕޯޓުގައި ހިމެނޭ އެވިޑެންސްތަކުގެ ޗެއިން އޮފް ކަސްޓަޑީގައި ލިޔެފައި އޮތީ އިސްކަންދަރުކޮށި ކަމަށެވެ. އަދި ފިންގާޕްރިންޓް ރިޕޯޓާ ގުޅޭ ޗެއިން އޮފް ކަސްޓަޑީގައި ވެސް އެވިޑެންސް ނެގި ފަރާތް ނޫން އެހެން މީހެއްގެ ނަން ލިޔުމަށްފަހު ފަހުން އެބައި އިސްލާހުކުރިކަމަށް ހެއްކަކު ޝަރީއަތުގައި ބުނެފައިވެ އެވެ. އެކެއްގެ އަތުން އަނެކެއްގެ އަތަށް ހެކި ނަގުލުވަމުން ދިޔަ ގޮތް ސާފުވުމަކީ ހެކީގެ ސައްހަކަން ކަށަވަރުކުރުމަށް މުހިންމު ކަމަކަށްވާއިރު، އެފަދަ ކަމެއްގައި ފަރުވާކުޑަކޮށްފައި އޮތުމަކީ "މި މައްސަލަ ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ދޯދިޔާކަން އިތުރަށް ހާމަވާ ކަމެއް" ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުން ޝަރީއަތުގައި ފާހަގަކުރި ކަންކަން ފުލުހުން ރަނގަޅަށް ތަހުގީގު ކުރި ނަމަ، މިނިވަންވި ހަތަރު މީހުންނާއި ދެކޮޅަށް ރަނގަޅު ހެކިތަކެއް ލިބޭނެ ކަމަށް ފަނޑިޔާރު ދެކެވަޑައިގަންނަވާކަން ހުކުމުން އެނގެން އޮވެ އެވެ.
ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށަހަޅާފައިވާ 10 ސިކުންތުގެ ވީޑިޔީ ފޫޓޭޖުން ގާތިލުންގެ އަތުގައި އެކްޓިވް ފޯނެއް އޮތްތަން ފެންނަ ކަމަށެވެ. އަދި އެ ފޯނުން އޭނާގެ އަތުގައި އޮތުމުން އެއީ ރޭވިގެން، ބޭރުގައި ތިބި ބަޔަކާއި މުއާމަލާތު ކުރެވިގެން ހިންގި އަމަލެއް ކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް، އެ ފޯނުން ދެއްކި ވާހަކަތައް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި އޮތްކަން އެނގެން ނެތްކަމަށް ގާޒީ ވިދާޅުވި އެވެ.
އެގޮތުން އެ ފޯނާއި ސިމްތައް ނައްތާލެވިފައިވާ ކަމަށް ދައުލަތުން ބުނެފައިވާކަން ފާހަގަކުރައްވަމުން ގާޒީ ހުކުމުގައި ވިދާޅުވީ އެ ފޯނުތަކުން ކުރި މުއާމަލާތް ތަހުގީގަށް ހޯދިފައި ނުވާނަމަ، އެކަމުގެ ސަބަބު ވެސް ބަޔާންކޮށްދިނުން މުހިންމު ކަމަށެވެ. އަދި ދައުލަތުން ޝަރީއަތުގައި ފާހަގަކުރި ކަންކަން ފުލުހުން ރަނގަޅަށް ތަހުގީގު ކުރި ނަމަ، މިނިވަންވި ހަތަރު މީހުންނާއި ދެކޮޅަށް ރަނގަޅު ހެކިތަކެއް ލިބޭނެ ކަމަށް ގާޒީ ގަބޫލުކުރެ އެވެ.
ތުހުމަތުކުރެވޭ ފަރާތެއްގެ ހަށިގަނޑުން ފެނުނު އަނިޔާއާއި ގުޅޭ އެވިޑެންސެއް ޔާމީން ރަޝީދުގެ ހަށިގަނޑުން ލިބުމަކީ އެކަށީގެންވާކަމަކަށްވާއިރު، އެފަދައިން ތަހުގީގު ކުރިއަށް ގެންގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތުމުން، މިއީ ފުލުހުންގެ އިހުމާލު އޮތްކަން ދައްކުވައިދޭ ކަމެއް،" އެ ހުކުމުގައިވެ އެވެ.
ގާޒީ ވިދާޅުވީ ޔާމީން މަރާލިކަމުގެ ކުށް ސާބިތުވި އިސްމާއިލް ހައިޝަމްގެ ކަރަށް ލިބިފައިވާ ޒަހަމްތަކަކީ ޔާމީން މަރާލަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށާއި، އެ ވަކިތައް އެޅިފައި ހުރީ ޔާމީންގެ ނިޔަފަތިންތޯ ބެލުމަށް ތަހުލީލެއް ކުރިނަމަ ތަހުގީގަށް ބާރުދޭ އިތުރު ހެއްކެއް ލިބުނީސް ކަމަށެވެ.
އެހެން ނަމަވެސް، އެ ތަހުގީގު ނުކުރުމުގެ ނަތީޖާއަކަށްވީ އެ އަނިޔާ ލިބުނީ ފުލުހުންގެ ފަރާތުން ކަމަށް ދައުވާ ލިބޭ ފަރާތުން ތުހުމަތު ކުރުމަށް ފުރުސަތު ލިބުން ކަމުގައި ގާޒީ ފާހަގަކުރެއްވި އެވެ.
މައްސަލަ ސާބިތުވީ ދެ މީހެއްގެ މައްޗަށް
ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އެއާއެކު، ކޯޓުން ވަނީ ހައިޝަމްގެ އިތުރުން ޒިހާންގެ މައްޗަށް ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވައި، އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ،
އަދި ގިސޯސްހިފުމުގެ ބަދަލުގައި ދިޔަ ނަގައިދިނުމަށް ޔާމީންގެ މަންމަ އެދިފައިވާތީ، ކޯޓުން ނިންމީ ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ދެން ތިބި މީހުން ސަލާމަތްވި
އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
މީގެ ތެރެއިން ޝިފާޒާއި ދިފްރާންގެ މައްޗަށް ކުރީ ޔާމީން ރަޝީދަށް ފާރަލުމާއި އެ ކުށުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ޝިފާޒް ސަލާމަތްވީ ޔާމީނަށް ފާރަލީ އޭނާ މަރާލަންކަން ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެވެ. ދިފްރާންގެ މައްޗަށް ކުށް ސާބިތުކުރަން ޔާމީނަށް ފާރަލާކަމުގެ ފޮޓޯގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ދައުލަތުން ހުށަހެޅި ނަމަވެސް، ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ ގަތުލުގެ ނިޔަތްއޮތް ކަމަށް ސާބިތުކޮށްދެވިފައިނުވާތީ އެވެ.
ދެން މި މައްސަލައިގައި ތުހުމަތުކުރާ އިސްމާއިލް ރަޝީދުގެ މައްޗަށް އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެ ދެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.













